މާދަމާ ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން އެހާ ރަނގަޅު ނޫން ކަމަށް، މެޓް އޮފީހުން ލަފާކޮށްފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ އޮންނަ އިރު، މާދަމާ އަކީ ގިނަ އަދަދެއްގެ ދިވެހިން ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުފަތުރު ކުރާނެ ދުވަހެކެވެ.
މާދަމާގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ މާދަމާ މެދުރާއްޖެ ތެރެއަށާއި އުތުރަށް ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެކުނުގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، ބޯކޮށް ވިއްސާރަ ކުރާނެކަމަށް ނުބެލެވޭ ކަމަށް މެޓުން ބުންޏެވެ.
މެޓް އޮފީހުން ބުނީ މާދަމާ މުޅި ރާއްޖެއަށް ވެސް ވައި ގަދަވާނެ ކަމަށެވެ. އެގޮތުން، ވައި ބާރުވާން ފަށާނީ މިއަދު މެންދުރުން ފެށިގެން ކަމަށް މެޓް އޮފީހުން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހޯމަ ދުވަހާ ހަމައަށް ވެސް މުޅި ރާއްޖެއަށް ވައި ގަދަވާނެ ކަމަށެވެ.
ވައި ގަދަވުމުން ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ކަނޑުތައް ބޮޑަށް ގަދަވާނީ އުތުރާއި މެދުރާއްޖެ ތެރެއަށް ކަމަށް ވެސް މެޓުން ބުންޏެވެ.
ވިލާގަނޑުތަކުގައި އިތުރަށް ވައި ގަދަވާނެތީ، މެޓުން ނެރޭ އެލާޓުތަކަށާއި އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މެޓުން ބުނީ، މާދަމާ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް އުދައެރުމުގެ ފުރުސަތު ވެސް އެބަ އޮތްކަމަށެވެ.
ކަނޑު ގަދަނަމަ، ކަނޑުދަތުރުކުރާ ފަރާތްތަކުން މެޓް އޮފީހުގެ އިލްތިމާސްތަކަށް ސަމާލުކަން ދިނުމަށް ސިފައިން ވެސް އިރުޝާދު ދެއެވެ. އަދި އެލާޓުތައް ނެރޭ ވަގުތު، ކޮންމެހެން ކުރަން ޖެހޭ ތަދުރެއް ނޫނީ ނުކުރުމަށް ވެސް އިލްތިމާސް ކުރެއެވެ.