އާލިއާއަށް ފާރަލާން ސިއްރު އިންސްޓަގްރާމް އެކައުންޓެއް ރަންބީރު ގެންގުޅޭ

އާލިއާއަށް ފާރަލުމަށް ސިއްރު އިންސްޓަގްރާމް އެކައުންޓެއް ރަންބީރު ގެންގުޅޭ --

ބަތަލާ އާލިއާ ބަޓްގެ ސޯޝަލް މީޑިއާ ހަރަކާތްތައް ބެލުމުގެ ބޭނުމުގައި ރަންބީރު ކަޕޫރު އަމިއްލަ އިންސްޓަގްރާމް އެކައުންޓެއް ބޭނުންކުރާކަން އާލިއާ ފަޅާ އަރުވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު 41 އަހަރު ފުރުނު ރަންބީރު ކަޕޫރުގެ ސިއްރު އިންސްޓްގްރާމާ ބެހޭ ވާހަކަ އާލިއާ ފަޅާ އަރުވާލީ ފިރިމީހާގެ އުފަންދުވަހާ ގުޅިގެން ބަތަލާ ކުރި އިންސްޓަ ޕޯސްޓުގައެވެ.

އާލިއާ އާއި ރަންބީރު އެކީގައި ނަގާފައިވާ ވަރަށް ލޯބި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަށްފަހު އާލިއާ ބުނީ، ރަންބީރަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި މިހާތަނަށް ދިރިއުޅުމުގެ އެންމެ އުފާވެރި ވަގުތުތައް ހޭދަ ކުރެވިފައި ވަނީ ލޯބިވާ ފިރިމީހާއާ އެކު ކަމަށެވެ. އަދި އާލިއާގެ މި ޕޯސްޓު ކައިރީގައި ހުރެގެން ރަންބީރު ގެންގުޅޭ ސިއްރު އިންސްޓަ އެކައުންޓުން ބަލާނެކަން ޔަގީން ކުރާކަމަށް ވެސް އާލިއާގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް އާލިއާ ވަނީ 'ކޮފީ ވިތު ކަރަން"ގެ ހަވަނަ ސީޒަންގައި ބައިވެރިވި އެޕިސޯޑެއްގައި ރަންބީރު އެހެން ނަމެއްގައި ސޯޝަލް މީޑިއާ އެކައުންޓުތައް ގެންގުޅޭ ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެއީ ކޮން ނަމެއްކަން އޭރުވެސް އަދި މިފަހުގެ ޕޯސްޓުގައި ވެސް ކަށަވަރުކޮށް ދީފައި ނުވެއެވެ.

ރަންބީރު ކަޕޫރަކީ އަބަދުވެސް ވަރަށް 'ޕްރައިވެޓް' ދިރިއުޅުމަކަށް ލޯބިކުރާ ފަރާތަކަށް ވުމުން ސޯޝަލް މީޑިއާގައި ހާމަކަން ބޮޑު ގޮތަކަށް ހަރަކާތްތެރިވުމަށް ބޭނުމެއް ނުވެއެވެ. ރަންބީރު ކަޕޫރެކޭ އެއްގޮތަށް ދެބެއިންގެ ދެ ދަރި ބަތަލާ ކަރީނާ ކަޕޫރުވެސް ކުރިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވީ މިފަދަ ގޮތަކަށެވެ. އެހެންނަމަވެސް ފަހުން ކަރީނާ ވަނީ ރަސްމީކޮށް އަމިއްލަ އިންސްޓަގްރާމް އެކައުންޓު ހުޅުވާ އާއްމުންނާ ހިއްސާ ކޮށްފައެވެ.

ބަތަލާ އާލިއާ ބަޓްގެ ސޯޝަލް މީޑިއާތަކުގައި ހިއްސާ ކުރާ ވަރަށްގިނަ ފޮޓޯ ތަކަކީ ޚުދު ރަންބީރު އަމިއްލައަށް ނަގައިދީފައިވާ ފޮޓޯތަކެއް ކަމަށް އާލިއާ ވަރަށް ގިނައިން ބުނެއެވެ. އެހެންނަމަވެސް އާލިއާއާއެކު ވެސް ރަންބީރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމަކީ އެކްޓަރު އެހާ ގަޔާވާ ކަމެއް ނޫނެވެ. އާލިއާ އާއި ރަންބީރު ކަޕޫރު އެކީގައި ފުރަތަމަ ފަހަރަށް ކުޅުނު ފިލްމަކީ، މިދިޔަ އަހަރު ރިލީޒްވެ ބޮޑު ކާމިޔާބީއެއް ހީދި ފިލްމު ""ބްރައްމަސްތުރާ"އެވެ. މިހާރު ކައިވެނިކޮށް ކުއްޖަކުވެސް ލިބިފައިވާ ދެ ތަރިންގެ ލޯބީގެ ގުޅުންވެސް ފެށުނީ މި ފިލްމުގެ ސެޓުންނެވެ.

View this post on Instagram

A post shared by Alia Bhatt

comment ކޮމެންޓް