ރަންބީރު ކަޕޫރުގެ އުފަން ދުވަހު ހަދިޔާ ކުރީ 'އެނިމަލް'ގެ ޓީޒާ

މިދިޔަ ހަފުތާތެރޭ ފިލްމު "އެނިމަލް"ގެ ކާސްޓުން ފެންނާނެ ގޮތުގެ ޕޯސްޓަރުތައް ރިލީޒް ކުރުމަށްފަހު ފިލްމުގެ ފުރަތަމަ ޓީޒާ އާއްމުންނަށް ދައްކާލައިފިއެވެ.

ފިލްމު "އެނިމަލް"ގެ ފުރަތަމަ ޓީޒާ ރިލީޒްކޮށްފަ ވަނީ މި ފިލްމުގެ މުހިއްމު ރޯލް ކުޅޭ އެކްޓަރު ރަންބީރު ކަޕޫރުގެ 41 ވަނަ އުފަން ދުވަހާ ދިމާކޮށެވެ.

ފިލްމު "އެނިމަލް"އަކީ ޓީ-ސީރީސް އާއި އިތުރު ދެ ކުންފުންޏަކާ ގުޅިގެން ގެނެސްދޭ އެކްޝަން ތުރިލާއެކެވެ. ސަންދީޕް ރެޑީ ޑައިރެކްޓް ކުރާ މި ފިލްމުގެ ޕްރޮޑިއުސަރަކީ ބުޝަން ކުމާރެވެ.

ރަންބީރު ކަޕޫރުގެ އިތުރުން ފިލްމުގެ އެންމެ މުހިއްމު ރޯލްތައް ކުޅޭ ތަރިންގެތެރޭ އަނިލް ކަޕޫރު، ބޮބީ ޑިއޯލް، ޝަކްތީ ކަޕޫރު، ބަތަލާ ރަޝްމިކާ މަންދަންނާ އަދި ތުރިޕްތީ ދިމްރީ ހިމެނެއެވެ. އަދި ކުރީގެ ފިލްމުތަކުގައި ވިލެންގެ ރޯލްތައް ކުޅެފައިވާ އެކްޓަރު ސުރޭޝް އޮބްރޯއިވެސް "އެނިމަލް"ގެ ރޯލަކުން ފެންނާނެއެވެ.

މި ފިލްމުން ދުވަސްވީ އެކްޓަރު ބޮބީ ޑިއޯލް ފެންނާނީ ވަރަށް ނުފޫޒު ގަދަ ވިލެންއެއްގެ ރޯލް އިންނެވެ.

ޖުމްލަ 26 ސިކުންތުގެ ކުޑަ ޓީޒާއިން އަނިލް ކަޕޫރާއި ރަންބީރު ކަޕޫރުގެ ކުރިމަތިލުމެއް ފެންނައިރު އަނިލް ކަޕޫރު ފިލްމުން ފެންނާނީ ރަންބީރު ކަޕޫރުގެ ބައްޕަގެ ރޯލް އިންނެވެ.

"އެނިމަލް"ގެ ޓީޒާ ރިލީޒް ވުމާއެކު މި ފިލްމަކީ، މިހާތަނަށް ރަންބީރު ކަޕޫރުގެ ކެރިއަރުގައި އޭނާ ފެންނާނެ އެންމެ ވައޮލެންޓު ރޯލް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެންމެ ފުރަތަމަ ރަންބީރު ކަޕޫރު މައުސޫމް މީހެއްގެ ގޮތުގައި ދައްކާލިއިރު "އެނިމަލް"ގެ ޓީޒާ ނިންމާލަނީ ރަންބީރު ކަޕޫރުގެ ވަރަށް ތަފާތު ލުކްއެއް ދެއްކުމަށް ފަހުއެވެ.

މި ފިލްމުގައި ރަންބީރު ކަޕޫރުގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ދެނެގަނެވޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ފިލްމު ސިނަމާތަކަށް އައުމުންނެވެ.

comment ކޮމެންޓް