އިހުގެ ލަވަތަކުގެ ޖާދޫ މިހާރުގެ ލަވަތަކުގައި ނުހުރޭ: ޖާވިދު އަޚުތަރު

އިހުގެ ލަވަތަކުގެ ޖާދޫއެއް މިހާރުގެ ލަވަތަކުގަ ނުހުންނަ ކަމަށް ޖާވިދު އަޚުތަރު ބުނޭ --

އިހުގެ ލަވަތަކުގައި ހުންނަ ހިތްގައިމު ޖާދުވީކަން މި ޒަމާނުގެ ފިލްމުތަކުގެ ލަވަތަކުގައި ނުހުންނަ ކަމަށް މަޝްހޫރު ޅެން ވެރިޔާ ޖާވިދު އަޚުތަރު ބުނެފިއެވެ.

މިހާރުގެ ފިލްމުތަކުގައި ގެންނަ ވާހަކައާއި ފިލްމުތަކުން ފެންނަ ލަވަޔާ އެއްވެސް ކަހަލަ ގުޅުމެއް ނުހުންނަ ކަމީ އޭގެ އެންމެ ބޮޑު އެއް ސަބަބު ކަމުގައި ޅެންވެރިޔާ ޖާވިދު ވަނީ ބުނެފައެވެ.

ޖާވިދު އަޚްތަރަކީ 80އިގެ އަހަރުތަކު ތެރޭ ހިންދީ ސިނަމާއަށް ނެރުނު ރީތި ފިލްމުތަކަށް ވަރަށް ހިތްގައިމު ޅެން ތަކެއް ތައްޔާރުކޮށްދިން ފަރާތެކެވެ. އޭގެތެރޭ ރީތި ލޯބީގެ ފިލްމު "ސިލްސިލާ"ގެ 'ޔެ ކަހާން އާ ގައޭ ހަމް'، "1942: އަ ލަވް ސްޓޯރީ"ގެ 'އެކް ލަޅްކީ ކޮ ދޭ ކަތޯ އޭސަ ލަގާ' އަދި ފިލްމު "ޖޯދާ އަކްބަރުގެ"ގެ ލަވަ 'ޖަޝަން އެ ބަހާރާ' ހިމެނެއެވެ.

ރީތި ހިތްގައިމު ޅެންތަކެއް މިޒަމާނުގެ ފިލްމުތަކުން އަޑު ނީވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ޖާވިދު ވަނީ ބުނެފައެވެ. މި ޒަމާނުގެ ގިނަ ޅެން ވެރިންނަކީ ވަރަށް ކުޅަދާނަ އަދި މޮޅު ޅެންތަކެއް ލިޔެވޭނެ ބައެއް ކަމަށާއި އެހެން ނަމަވެސް އެފަރާތްތަކަށް އެ ފުރުސަތު ހަނިވެފައި ވާކަން ޖާވިދު އަޚްތަރު ވަނީ ފާހަގަ ކޮށްފައެވެ.

މިހާރުގެ ގިނަ ލަވަތަކުން އިވޭ މިއުޒިކުގެ އަޑު ގަދަކަމާ ހުރެ ފިލްމީ ތަރިންނަށް ލިޕް ސިންކް ކުރުންވެސް ތަކުލީފަކަށް ވެފައިވާކަން ޖާވިދު ވަނީ ފާހަގަ ކޮށްފައެވެ.

ހިންދީ ސިނަމާގެ އެންމެ ފާހަގަކޮށްލެވޭ ޝާއިރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ "ޓޯކިންގް ލައިފް" ފޮތް ނެރުމުގެ ހަފްލާގައި ވާހަކަ ދައްކަމުން ޖާވިދު ބުނީ، މިހާރުގެ ފިލްމުތައް ބެލުމަށްފަހު އިހު ހިންދީ ސިނަމާގެ ވަރަށް ގިނަ ކަންކަން މަތިން ހަނދާން އާކުރާ ކަމަށެވެ.

ޖާވިދު އަޚްތަރަކީ، ޔަޝް ރާޖް ފިލްމްސް އިން އުފެއްދި ފިލްމު "ވީރު-ޒާރާ"ގެ ވެސް ލަވަތައް ލިޔުނު ފަރާތެވެ.

comment ކޮމެންޓް