ކުޑަކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާ ކުރި މައްސަލައާ ގުޅިގެން އެ ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކުރި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ކުޑަ ކުއްޖަކަށް އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި ސްކޫލް ޔުނީފޯމެއް ލައިގެން ހުރި ކުޑަ ކުއްޖަކު ލިފްޓުން ނިކުތުމާއެކު އެޕާޓްމަންޓް ދޮރު މަތީގައި ހުރި އަންހެނަކު އެ ކުއްޖާގެ ބޮލުގައި ޖަހައެވެ. އެއާއެކު އެ ކުއްޖާ ބާރަށް ހިނގާފައި ގޭތެރެއަށް ވަންނަ މަންޒަރާއި އެކުއްޖާ ފަހަތުން އެ އަންހެން މީހާ ވެސް އެތެރެއަށް ވަންނަ ތަން ފެނެއެވެ.
އެ ޕޯސްޓު ޝެއާ ކުރި މީހާ ބުނާ ގޮތުގައި އެއީ އެ ކުއްޖާގެ މަންމައެވެ.
މިކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތުދެމުން ޖެންޑާ މިނިސްޓްރީން ބުނީ ކުއްޖާގެ މަންމަ އަނިޔާކުރާ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިނިސްޓްރީން މިހާރު ވަނީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ކުއްޖާގެ އާއިލާއިން ވަނީ އެ ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މިފަދަ ހާދިސާއެއް ފެނިއްޖެނަމަ ސޯޝަލް މީޑިއާގައި ވީޑިއޯ/ ފޮޓޯ ހިއްސާ ނުކޮށް ވީ އެންމެ އަވަހަށް މިނިސްޓްރީގެ ނަންބަރ 1412 ނުވަތަ ދިވެހި ފުލުހުންގެ ނަންބަރ 3322111 ގުޅުއްވާ މަޢުލޫމާތު ހިއްސާ ކޮށްދެއްވުމަށް އެދިފައެވެ.