ޗެޓްޖީޕީޓީ ބޭނުންކުރާ ފަރާތްތަކަށް މިހާރު އިންޓަނެޓް ބްރައުޒް ކުރެވޭނެކަމަށް އޯޕަން އޭއައިއިން ބުނެފިއެވެ.
އޯޕަން އޭއައިއިން ބުނީ ޗެޓްޖީޕީޓީގެ ބްރައުޒިން ޕްލަސް އަދި އެންޓަޕްރައިޒް ބޭނުންކުރާ ފަރާތްތަކަށް އިއްޔެއިން ފެށިގެން އެ ޚިދުމަތް ލިބޭނެ ކަމަށެވެ.
"ވަރަށް އަވަހަށް ހުރިހާ ކަސްޓަމަރުންނަށް ވެސް ބްރައުޒިން ފުޅާކުރާނަން. ޖީޕީޓީ-4 ގައި 'ބްރައުޒް ވިތު ބިންގް' އިޚްތިޔާރު ކުރުމުން ޚިދުމަތް ބޭނުންކުރެވޭނެ،" އެކްސްގައި ކުރި ޕޯސްޓެއްގައި އޯޕަންއޭއައިއިން ބުންޏެވެ.
މީގެ އިތުރުން ޗެޓްޖީޕީޓީ ބޭނުންކުރާއިރު 'ވޮއިސް ކޮމާންޑް' ދީގެން ވާހަކަ ދައްކައި، ފޮޓޯ ބޭނުންކޮށްގެން މުއާމަލާތްކުރެވޭނެ އަޕްޑޭޓެއް މިމަހު ކުރީކޮޅު ވަނީ އިއުލާންކޮށްފައެވެ.
އޯޕަންއޭއައިއިން މީގެ ކުރިން ވެސް ވަނީ އެ ކުންފުނީގެ ޕްރިމިއަމް ޗެޓްޖީޕީޓީ ޕްލަސް އޮފާގެ ތެރެއިން ބިންގް ސާޗް އިންޖީނު މެދުވެރިކޮށް އެންމެ ފަހުގެ މައުލޫމާތު ލިބޭނެ ފީޗާއެއް ޓެސްޓްކޮށްފައެވެ. ނަމަވެސް ފަހުން އެ ޚިދުމަތް ޑިސެބަލް ކުރީ އޭގެ ސަބަބުން ޕޭވޯލްތައް ބައިޕާސް ކުރުމުގެ ފުރުސަތު ލިބޭނެ ކަމުގެ ބިރު އޮތުމުންނެވެ.
އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކޮންސިއުމާ އެޕްލިކޭޝަނަކަށް މިއަހަރުގެ ކުރީކޮޅު ޗެޓްޖީޕީޓީ ވިއިރު، އެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު މިދިޔަ ޖެނުއަރީ މަހު، މަހަކު 100 މިލިއަނަށް އެރިއެވެ.
އޯޕަންއޭއައިއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެފައިވާއިރު، ރޮއިޓާސް ފަދަ މީޑިއާތަކުން ވަނީ ކުރިއަށް އޮތް ތަނުގައި އެކުންފުނީގެ ހިއްސާ މާ މައްޗަށް އުފުލޭނެ ކަމަށް ލަފާކޮށްފައެވެ.