މި ދުވަސްކޮޅަކީ ރާއްޖޭގެ އެކި ކަންކޮޅަށް ވިއްސާރަ ދުވަސްކޮޅެކެވެ. ވިއްސާރަ ދުވަސްކޮޅާ ދިމާކޮށް ގިނަ ބައެއްގެ މޫޑުތައް ވަރަށް ކަންނެއް ވާ ގޮތް ވެއެވެ. އަދި ވިއްސާރަ ދުވަހަކު މަސައްކަތަށް ދާން ޖެހިއްޖެ ނަމަ އެހާ ހިސާބުން ދެން ނިމުނީއެވެ.
ވިއްސާރަ ދުވަސްކޮޅެއްގައި އޮފީހަށް ދާން ޖެހުމަކީ އެންމެ ބޮޑު އެއް ކަމެވެ. މިއީ އެފަދަ ދުވަސްކޮޅެކެވެ. ފިނި ވެފައި ބޯކޮށް ވާރޭ ވެހެން ފެށުމުން އެނދުން ތެދުވުމަކީ ވެސް ވަރަށް އުނދަގޫ ކަމެކެވެ. މި ސަބަބުތަކާ ހުރެ ވިއްސާރަ ދުވަސްތަކުގައި އޮފީހުން ސަލާމް ނެގުމަކީ ވަރަށް އާންމު ކަމެކެވެ.
މަސައްކަތުގެ މާހައުލުގައި އުޅެފައިވާ ބަޔަކު ނަމަ ވިއްސާރަ ދުވަހެއްގައި ކޮންމެވެސް އިރަކު އޮންނާނީ ކޮންމެ މީހަކު ވެސް އޮފީހުން ސަލާމެއް ނަގާފައެވެ.
"ވިއްސާރަ ދުވަސްކޮޅެއް އައިސިއްޔާ ބަލަން ވަރަށް ސަލާމް ނުނަގާ ވޭތޯ. އެކަމަކު މާ ބޮޑަށް ވާރެ ވެހޭ ދުވަހެއް އަތުވެއްޖެ ނަމަ ހަމަ ވަރަށް އުނދަގޫ ސަލާމެއް ނުނަގާލާ،" އުމުރުން 21 އަހަރުގެ ޒުވާނަކު ކިޔައިދިނެވެ.
އޭނާ ފާހަގަކުރި ގޮތުގައި ވިއްސާރަ ދުވަހެއްގައި ސަލާމް ނަގަނީ ވާރޭ ވެހޭ އަޑު އަހާލައިގެން ނިދާލާށެވެ. ނަމަވެސް ސަލާމް ނެގުމަށް ފަހު ނުނިދޭތީ ގިނަ ފަހަރަށް ކޮންމެވެސް އެއްޗެއް ބަލަން އޮވެވެނީ ކަމަށް ބުންޏެވެ. ކޮންމެ ގޮތެއް ވިޔަސް އެނދުން އެއް ގޮތަކަށް ވެސް ތެދުވާ ހިތް ނުވާ ކަމަށް އޭނާ ބުންޏެވެ.
ވިއްސާރަ ދުވަހެއްގައި ސަލާމް ނަގާ ގިނަ ބަޔަކު ހަމަ ނަގަނީ އެފަދަ ސަބަބަކާ ގުޅިގެންނެވެ. ނޫނީ ވާރެޔާ ތެމިގެން އޮފީހަށް ދާން އުނދަގޫވާތީ އެވެ. ނަމަވެސް އަނެއްބައި މީހުންނަކީ އެ ދުވަހު ވެސް ކޮންމެވެސް ކަމެއް ކުރަން ބޭނުންވާ މީހުންނެވެ. އޭގެތެރޭގައި މީރު އެއްޗެއް ހަދާލައިގެން ކެއުމަކީ ވެސް ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ.
"ކޮންމެވެސް ކަހަލަ އެއްޗެއް ތެލުލައި ހޫނު ކޮށް ހުއްޓައި ކާލާ ހިތްވެސް ވަރަށް ވޭ. ނޫނީ ހޫނު ސައިތަށްޓެއް ވެސް މިފަދަ މޫސުމަށް ހަމަ އެއްވަނަ،" އިތުރު ޒުވާނަކު ކިޔައިދިނެވެ.
ކޮންމެއަކަސް ވިއްސާރަ ދުވަހެއްގައި ސަލާމް ބުނެލުމަކީ ވަރަށް ގިނަ ބަޔަކު ކޮށްފައިވާނެ ކަމެކެވެ. ވިއްސާރަ ދުވަހެއްގައި ސަލާމް ނުބުނާ މީހުން އެބަ ތިބި ހެއްޔެވެ؟