މިދިޔަ އާދީއްތަ ދުވަހު އިންޑިއާގެ އުދެއިޕޫރުގައި ކުރެވުނު ބަތަލާ ޕަރިނީތީގެ ކައިވެނީގެ ހެދުމުގެ ގަހަނާތަކުން ބައެއް ޕަރިނީތީ ހާއްސަކުރީ ދުނިޔެ ދޫކޮށްފައިވާ މާމަގެ ހަނދާނުގައި ކަމަށް ބުނެފިއެވެ.
ދުވަސްވީ ލޯބިވެރިޔާ ރާގަވްއާއި ޕަރިނީތީގެ ކައިވެނީގެ ހަފްލާގައި ލޯބިވާ މާމަ ނެތް ކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވުނު ކަމަށް ޕަރިނީތީގެ އިންސްޓަގްރާމްގައި ވަނީ ބުނެފައެވެ.
މަޑު ކުކުޅު ބިސް ކުލައިގެ ކައިވެނީގެ ހެދުން ތައްޔާރު ކުރި އިންޑިއާގެ ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތްރާވެސް ވަނީ ޕަރިނީތިގެ ކައިވެނީގެ ހެދުމާ އަދި ބޭނުންކުރި ގަހަނާތަކާ ބެހޭގޮތުން އިންސްޓަގްރާމް ޕޯސްޓެއް އާއްމުންނާ ހިއްސާކޮށްފައެވެ.

ޕަރިނީތީ ބުނެފައި ވަނީ ލޯބިވާ މާމަ ކައިވެނީގެ ހަފްލާގައި ނެތް ނަމަވެސް މާމަ ވަރަށް ލޯބިން ގެންގުޅުނު ގަހަނާގެ ބައެއް ކައިވެނީގެ ހެދުމުގައި ބޭނުންކުރި ކަމަށެވެ.
ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތްރާގެ އެހީގައި ޕަރިނީތީގެ މާމަ ގެންގުޅުނު އާސާރީ ތަޅުދަނޑިފަތި ލައްވާ އެއްޗެއް ބަތަލާ ވަނީ މޮޑިފައި ކޮށްފައެވެ.
އިންޑިއާގެ އަންހެނުންގެ އުނަގަނޑުގައި އަޅުވާފައި އޮންނަ ތާރީޚީ ތަޅުދަނޑިފައްޗާއެކު އޮންނަ ތަޅުދަނޑިފަތި ބޮނޑިއަކީ، އެކި ޖީލުތަކަށް އާއިލާތަކުން ރައްދުކުރާ އަމާނާތެކެވެ. މި ތަޅުދަނޑިފަތި އަޅުވާ އެތީގައި ޕަރިނީތީ އާއި ރާގަވްގެ ލޯބީގެ ހަނދާންތައް ރަމްޒުކޮށްދޭ ބައިތަކެއްވެސް ވަނީ ހަރުކޮށްފައެވެ.
މި އަހަރުގެ މެއި މަހު ޕަރިނީތީ އާއި ރާގަވްގެ އެންގޭޖްމަންޓު ހަފްލާއަށް ފަހު ދެ މީހުންގެ ކައިވެނީގެ ހަފްލާއަކީ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި ހަފްލާއެވެ. އިންޑިއާގެ ޒުވާން ސިޔާސީ ލީޑަރު ރާގަވްއާއި ޕަރިނީތީގެ ކައިވެންޏަށްފަހު ކައިވެނީގެ ތިން ރިސެޕްޝަން ހަފްލާ ބާއްވަން ނިންމާފަ ވާކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.