މިއަދަކީ ދުނިޔޭ އެންމެ ގިނަބަޔަކު ބޭނުން ކުރަމުން އަންނަ ސާޗް އިންޖީނު ގޫގުލްގެ 25 ވަނަ އަހަރީ ދުވަހެވެ. އެ ކުންފުނީގެ އަހަރީ މުނާސަބާ މުޅި ދުނިޔޭގެ އެކިކަންކޮޅުގައި ފާހަގަ ކުރަމުން އަންނައިރު، ގޫގުލްގެ މިހާހިސާބަށް އަންނަ ކުރި ދަތުރާއި، ޑިޖިޓަލް ދުނިޔެއަށް އޭގެ ސަބަބުން އަންނަ ބަދަލުތަކާއި މުސްތަގުބަލަށް އެ ކުންފުނިން ގެންގުޅޭ ތަސައްވުރާ މެދު ވިސްނާލުމަކީ މުހިންމު ކަމެކެވެ.
ނަވާރަސަތޭކަ ނުވަދިހައަށް ވަނަ އަހަރު ގޫގުލް އުފެއްދީ، ސްޓެންފޯޑް ޔުނިވާސިޓީގައި ޕީއެޗްޑީއަށް ކިޔަވަމުންދިޔަ ދެ ދަރިވަރުން ކަމަށްވާ ލެރީ ޕޭޖާއި ސާގޭ ބްރިން ގުޅިގެން ކުރެއްވި އީޖާދީ މަސައްކަތުގެ ތެރެއިންނެވެ. މި ކުންފުނި ފެށީ ރިސާޗް ޕްރޮޖެކްޓެއްގެ ގޮތުގައި، މީހުންނަށް ބޭނުންކުރަން ފަސޭހަ ސާޗް އިންޖީނެއްގެ ޚިދުމަތް މުޅި ދުނިޔެއަށް ފޯރުކޮށް ދިނުމަށެވެ.
އެ ޚިދުމަތަށް 25 އަހަރު ވީއިރު މިއަދު މިވަނީ އޭގެ 'ސާޗް ރިޒަލްޓްސް' ދައްކާ އަލްގޮރިދަމްއަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ބޭނުންކުރާ ފަރާތްތަކާ މާ ގުޅޭ އަދި އިތުބާރު ހުރި މައުލޫމާތެއް ފޯރުކޮށްދިނުމުގެ ގާބިލްކަން ހޯދާފައެވެ.
ފާއިތުވި އަހަރުތަކުގައި ގޫގުލްގެ ޚިދުމަތްތައް ވަނީ 'ސާޗް އިންޖީން'އަކަށް ވުރެ ފުޅާކޮށްފައެވެ. އެ ކުންފުނިން 2004 ވަނަ އަހަރު ޖީމެއިލް ތައާރަފުކުރުމާއެކު، މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލު އީމެއިލް ޕްލެޓްފޯމަކަށްވިއެވެ.
އޭގެ ޖެހިގެން އައި އަހަރު އެ ކުންފުނިން ތައާރަފުކުރި ގޫގުލް މެޕްސްއިން ވަނީ ދަތުރުފަތުރަށް ފަސޭހަތަކެއް ގެނެސްދީފައެވެ. އެއަށް ފަހު 2006ގައި ގޫގުލްއިން ޔޫޓިއުބް ގަނެފައިވާއިރު މިހާރު އެއީ ވީޑިއޯ ކޮންޓެންޓް ބެލުމަށް އެންމެ ގިނަ ބަޔަކު ބޭނުންކުރާ ޕްލެޓްފޯމެވެ.
މި އުފެއްދުންތަކުގެ ސަބަބުން ގޫގުލްވަނީ ޓެކްނޮލޮޖީ ދާއިރާގައި ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ފައިހަމަކޮށްފައެވެ.

ގޫގުލްގެ ޕްރޮޑަކްތަކާއި ޚިދުމަތްތަކާއި ޓޫލްތައް --
ސްމާޓްފޯންތައް ދުނިޔޭގެ ބާޒާރަށް ތައާރަފުވުމުން ގޫގުލްއަށް އާ ފުރުސަތުތައް ލިބި، ގޮންޖެހުންތައް ވެސް ކުރިމަތިވިއެވެ.
އެ ކުންފުނިން އުފެއްދި އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމަކީ މަގުބޫލު އަދި ގިނަ ކުންފުނިތަކުގައި ފޯންތަކުގައި ބޭނުންކުރާ ސިސްޓަމެކެވެ.
ފާއިތުވި އަހަރުތަކުގައި ގޫގުލް އިން ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި މެޝިން ލާނިންގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. 'ގޫގުލް އެސިސްޓެންޓް' އަދި 'ގޫގުލް ފޮޓޯސް' ފަދަ އުފެއްދުންތަކުން ކޮންމެ ދުވަހެއްގެ މަސައްކަތްތައް ފަސޭހަކޮށްދިނުމުގައި އޭއައިގެ ބާރު ދައްކުވައިދެއެވެ. އަދި ގޫގުލްގެ ޑީޕްމައިންޑް ސަބްސިޑަރީ ކުންފުނިން އޭއައި ރިސާޗްގައި ތަފާތު ކާމިޔާބީތަކެއް ހޯދާފައިވެއެވެ.
ގޫގުލްއަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކުގެ ތެރޭގައި އެ ކުންފުންޏަށް ލިބޭ މީހުންގެ ޒާތީ މައުލޫމާތު ރައްކާކޮށް ބޭނުންކުރުމާ ގުޅުން ހުރި ފާޑުކިޔުންތައް ހިމެނެއެވެ. އަދި އެ ކުންފުނީގެ ސެންސާޝިޕް ގަވާއިދުތަކާއި, ވާދަވެރި ކުންފުނިތަކަށް ނުފޫޒު ފޯރުވުމުގެ މައްސަލަތައް ކޯޓުތަކާ ހިސާބަށް ވެސް ފޯރާފައިވެއެވެ.
ނަމަވެސް އެ ގޮންޖެހުންތަކުގެ ސަބަބުން ޓެކްނޮލޮޖީ ދާއިރާއަށް ފައިދާތަކެއް ވެފައިވެއެވެ. އެގޮތުން މި ދާއިރާގައި ގެންގުޅެންވީ ހަމަތަކާއި ބޮޑެތި ކުންފުނިތަކުގެ މަސްއޫލިއްޔަތުތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރެވި، ރަނގަޅު ބަދަލުތައް ގެނައުމަށް މަސައްކަތްތައް ފެށިފައިވެއެވެ.

ގޫގުލްއިން ދަނީ ތިމާވެއްޓާ ރައްޓެހި ކުންފުންޏަކަށް ވުމަށް މަސައްކަތް ކުރަމުން: އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ގޫގުލް ކެމްޕަސްގައި 50،000އަށް ވުރެ ގިނަ ސޯލާ ޕެނަލް ހުރޭ --
ގޫގުލްއިން ވަނީ ޒަމާނަށް ފެތޭ އުފެއްދުންތަކެއް ތައާރަފު ކުރުމަށް މުސްތަގުބަލަށް ވެސް ގިނަ މަޝްރޫއުތަކެއް ރާވާފައެވެ. އެފަދަ މަސައްކަތްތަކާ ގުޅުންހުރި ދިރާސާއަށް އެ ކުންފުނިން ވަނީ ގޫގުލް އެކްސް ކިޔާ ރިސާޗް އެންޑް ޑެވެލޮޕްމެންޓް ކުންފުންޏެއް އުފައްދާފައެވެ. އެ ކުންފުނިން މިހާތަނަށް އުފައްދާފައިވާ ތަކެތީގެ ތެރޭގައި ޖައްވުގައި ބޭނުންކުރެވޭނެ ލިފްޓާއި ސެލްފް ޑްރައިވިން ކާރު ހިމެނެއެވެ.
މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި ބަދަލުތައް ގެނައުމަށް ޓަކައި ގޫގުލްއިން ވަނީ އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކޮށް، އެ ކުންފުނީގެ އޮފީސްތައް މުޅިން ސާފު ހަކަތައިން އޮޕަރޭޓް ކުރުމަށް ނިންމާފައެވެ.
އެންމެ ފުރަތަމަ ގަރާޖެއްގައި އޮފީސް ހިންގި ގޫގުލްގެ އެކި ވަޒީފާތަކުގައި މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުން 178،000އަށް ވުރެ ގިނަ މީހުން މަސައްކަތްކުރެއެވެ. ހަމައެކަނި ސާޗް އިންޖީނެއް ފުރަތަމަ ގެނެސްދިން އެ ކުންފުނިން ވަނީ، މީހުން މައުލޫމާތު ހޯދައި ލިބިގަންނަ ގޮތާއި އެކަކު އަނެކަކާ މުއާމަލާތް ކުރާ ގޮތާއި ދުނިޔޭގައި އެއް ތަނުން އަނެއް ގޮތަށް ގޮސް އުޅޭ ގޮތްތައް ވެސް މުޅިން ބަދަލުކޮށްލާފައެވެ.
ގޫގުލްއަށް ތަފާތު ގޮތްގޮތުން ފިއްތުންތައް ކުރިމަތިވި ނަމަވެސް އެ ކުންފުނިން ޒަމާނީ ޓެކްނޮލޮޖީތައް ގެނެސްދިނުމުގައި ފަހަތަށް ޖެހިފައިނުވެއެވެ. އަދި ކުރިއަށް އޮތް 25 އަހަރު ވެސް މި ކުންފުނިން މީހުންގެ ދިރިއުޅުމަށް ގެންނާނެ ލުއިފަސޭހަތަކަށް ގިނަ ބަޔަކު އިންތިޒާރުކުރެއެވެ.