ޗައިނާގައި އެޕް ސްޓޯރުތަކާ ބެހޭ އާ ގަވައިދުތައް ތަންފީޒުކުރަން ފަށައިފި

ޗައިނާގައި ހުންނަ އެޕަލްގެ ފިހާރައެއް --

ޗައިނާގެ ސައިބަސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއޭސީ)އިން މޮބައިލް އެޕް ސްޓޯރުތަކުގެ ވިޔަފާރީ ރެގިއުލޭޓްކޮށް ބެލެހެއްޓުން ފުޅާކުރުމުގެ މަގްސަދުގައި އާ ގަވައިދުތަކެއް ތަންފީޒުކުރަން ފަށައިފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޗައިނާއިން ވަނީ އެގައުމުގެ ސަރުކާރަށް އެޕް ސްޓޯރުތަކުން ވިޔަފާރީގެ ތަފްސީލް ހުށަހަޅަން އަންގާ ގަވައިދުތަކެއް އިއުލާންކޮށްފައެވެ. އޭގެ ފަހުން މިދިޔަ އޮގަސްޓު މަހު އެ ކުންފުނިން ވަނީ އެ ގަވައިދުތަކުގައިވާ ގޮތުގެ މަތިން ސަރުކާރާ މައުލޫމާތު ހިއްސާކުރުމަށް މާޗު މަހުގެ ނިޔަލަށް މުހުލަތު ދީފައެވެ.

އެ އެންގުމާ އެއްގޮތަށް އަމަލު ކުރި ކުންފުނިތަކުގެ ލިސްޓެއް މިއަދު ޗައިނާއިން ވަނީ އާންމުކޮށްފައެވެ. އެއާއެކު، އެގައުމުގެ އާ ގަވައިދުތައް ތަންފީޒު ކުރަން ފަށާފައިވާކަން މިހާރު ވަނީ ހާމަވެފައެވެ.

އެ ލިސްޓުގައި ހިމެނޭ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ޓެންސެންޓް، ވާވޭ، އެންޓް ގްރޫޕް، ބައިޑޫ، ޝިއޯމީ އަދި ސެމްސަންގް ހިމެނެއެވެ.

މި ލިސްޓުގައި އެޕަލްގެ އެޕް ސްޓޯރު ނުހިމެނޭ އިރު، އެޕަލްއިން ރަސްމީކޮށް އެކަމާމެދު އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ގަވާއިދުތައް އައިސްފައި މިވަނީ ފާއިތުވި އަހަރުތަކުގައި ޗައިނާއިން ސްމާޓްފޯނާއި މޯބައިލް އެޕް ބޭނުންކުރާ މިންވަރު ބެލުން ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް އާ ގަވައިދުތަކާ ގުޅިގެން، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާގައި އެޕްތައް ބޭނުންކުރުމުގައި ދިމާވެދާނެ ދަތިތަކާ މެދު އިންޑަސްޓްރީގެ ތެރޭގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

ޗައިނާއިންވަނީ އެޕް ސްޓޯރުތަކުން ލިބެން ހުންނަ އެޕްލިކޭޝަންތަކުގެ ތެރެއިން ގަވާއިދާ ހިލާފު ކޮންޓެންޓް ފެނިއްޖެ ނަމަ އެ ކަމަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް ބުނެފައެވެ.

އެޕަލްއިން، އާ ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރާނެ ގޮތެއް އަދި ހާމައެއް ނުކުރެއެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެޕަލް އިން މި ގަވާއިދުތަކަށް ބޯނުލަނބައިފިނަމަ ޗައިނާގެ އެޕް ސްޓޯރުތަކުން އެޕަލްގެ އެތައް ހާސް އެޕްތަކެއް އުނިވެދާނެއެވެ.

comment ކޮމެންޓް