ރަައީސްގެ ބައެއް ނިންމެވުންތަކުގެ މައްސަލަ ވެސް އޭސީސީގައި

ރިޔާސީ އިންތިޚާބު 2023އަށް އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ރިޔާސީ އިންތިޚާބާ ގުޅިގެން އޭސީސީގައި ރަޖސްޓްރީ މައްސަލަތަކުގެ ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕޭނު ދުވަސްވަރު ތެރޭގައި ނިިންމެވި ބައެއް ނިންމެވުންތަައް ހިމެނޭކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލް ނިޝާން މުޙައްމަދު ދީދީ ވިދާޅުވީ އިންތިޚާބާ ދިމާކޮށް، އެ ކޮމިޝަނަށް 61 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެއީ؛

  • ސިޔާސީ ޕާޓީތަކުން ހުށަހެޅި ތިން މައްސަލަ
  • އީސީގެ ކޮމްޕްލެއިންސް ބިއުރޯއިން ހުށަހެޅި ހަތަރު މައްސަލަ
  • އަމިއްލަ ފަރުދުން ހުށަހެޅި 26 މައްސަލަ
  • ކާކުކަން ނޭނގޭގޮތަށް ހުށަހެޅި 28 މައްސަލަ

އޭގެތެރެއިން 29 މައްސަލައެއް އެ ކޮމިޝަނުގައި ރަޖިސްޓްރީކޮށް ބަލަމުންދާ ކަމަށް ނިޝާން ވިދާޅުވިއެވެ.

އޭގެތެރޭގައި ރިޝްވަތާއި، ނުފޫޒު ފޯރުވުމުގެ މައްސަލަތަކުގެ އިތުރުން، ސަރުކާރުން އިންތިޚާބުގެ ކެންޕޭނު ދުވަސްވަރު އިއުލާނު ކޮށްފައިވާ ބައެއް ކަންތައް ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އޭގެތެރޭގައި؛

  • ގަރާޖު ސިޓީ އުވާލުމާއި، ޓެކްސީ ރަޖިސްޓާ ކުރަން 10،000ރ ގެ ފީއެއް ނަގަން ނިންމުން
  • އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000ރ އަށް ބޮޑުކުރުން
  • ކުދި ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އިންޓަރެސްޓު ކަނޑާލުން
  • ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް އެލަވަންސެއް ދިނުން
  • ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދިނުމަށް ނިންމުން
  • ބިންވެރިޔާ ސްކީމާ ގުޅޭ އެކި މައްސަލަތައް،

ހިމެނެއެވެ.

"މި ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަތައް ތަހުގީގުކުރުމަށް ކުރަންޖެހޭ ކަންކަން ކޮމިޝަނުން މި ގެންދަނީ ކުރަމުން" ނިޝާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަތައް ބެލުމުގައި އޭސީސީން އަމަލު ކުރަމުން ދާނީ ޖިނާއީ އިޖުރާއަތްތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން، ކޮމިޝަނުގެ އިޚްތިޞާޞަށް ފެތޭ ގޮތަށް، އަދި މައްސަލައެއް ބެލުމަށް އެކަށީގެންވާ މަޢުލޫމާތު ލިބޭ ގޮތަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް ރަޖިސްޓްރީ ކުރާނެ ކަމަށާއި، ރަޖިސްޓްރީ ނުކުރަން ނިންމައިފި ހާލަތެއްގައި އިސްތިއުނާފު ކުރުމުގެ ހައްގު މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީން ވަނީ ދެވަނަ ބުރުގެ ވޯޓުލުން ގާތްވެފައިވާއިރު، ހުރިހާ ފަރާތްތަކުން ވެސް ކެންޕޭން ކުރުމާއި ވޯޓުލުމުގައި ނަޒާހަތްތެރިކަން އިސްކޮށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް