ރަސޫލާގެ އެންމެ އިސް މަސްއޫލިއްޔަތަކަށް ހެއްދެވީ ސުލްހައާއި އަމާންކަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ކީރިތި ރަސޫލާ (ސއވ)ގެ އީދު މީލާދުގެ މުނާސާބާ ފާހަގަކުރާއިރު، އެކަލޭގެފާނުގެ ސީރަތުން ފެންނާން އޮތް އެންމެ އުސް ކުރިބޯއްޓަކީ ސުލްހަވެރިކަމާއި އަމާންކަން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބާގައި އެ މަނިކުފާނު މިއަދު ފޮނުއްވި ޚިތޯބުގައެވެ.

ރައީސްގެ ޚިތޯބުގައި އެ މަނިކުފާނު ވަނީ ކީރިތި މާތް ނަބިއްޔާގެ މުޅި ސީރަތުން ވެސް ފެންނަ އެންމެ އުސް ކުރިބޯއްޓަކީ ސުލްހަވެރިކަމާއި އަމާންކަން ކަމުގައި ފާހަގަކުރައްވާފައެވެ.

"ކީރިތި މާތް ނަބިއްޔާގެ މުޅި ސީރަތުން ވެސް ފެންނަ އެންމެ އުސް ކުރިބޯއްޓަކީ ޞުލްޙަވެރިކަމާއި އަމާންކަމެވެ. ނަބީކަމުގެ އިހާއި ފަހުގެ ޙަޔާތްޕުޅުގައި ވެސް، އަދި މައްކީ ދުވަސްވަރާއި މަދަނީ ދުވަސްވަރުގައި ވެސް އެކަލޭގެފާނުގެ އެންމެ އިސް މަސްއޫލިއްޔަތަކަށް ހެއްދެވީ، މީސްތަކުން ޞުލްޙަވެރި ކުރެއްވުމާއި މުޖްތަމަޢު އަމާން ކުރެއްވުމެވެ," އެ މަނިކުފާނު ޚިތޯބުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ކީރިތި ރަސޫލާ އެންމެ އިސް މަސްއޫލިއްޔަތަކަށް ހެއްދެވީ، މީސްތަކުން ސުލްހަވެރި ކުރެއްވުމާއި މުޖުތަމައު އަމާން ކުރެއްވުންކަމަށް މި ޚިތޯބުގައިވެއެވެ. އަދި، އިސްލާމީ ދައުވަތު ފެތުރުއްވުމުގައި ދެމެހެއްޓެވި އަސާސަކީ ވެސް، މީސްތަކުންނަށް އަފޫކުރެއްވުމާއި އޯގާތެރިވުމާއި އެހީތެރިވުމުގެ މަތިވެރި ސިފަތައްކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

ރައީސްގެ ޚިތޯބުގައި އެ މަނިކުފާނު ވަނީ ކީރިތި ރަސޫލާ ޢަމަލީ ގޮތުން ދެއްކެވި އަދަބު އަޚުލާގުގެ މަތިވެރި ސިފަތަކުގައި ހިފައިގެން އަމިއްލަ ދިރިއުޅުން ބާއްޖަވެރިކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ.

"އެ މާތް ނަބިއްޔާގެ ޢީދު މީލާދު ފާހަގަކުރާ މި މުނާސަބަތުގައި އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަންވީ، އެކަލޭގެފާނުގެ ސީރަތުން އިންސާނިއްޔަތަށް އަލިކޮށްދިން މިފަދަ ދޯދިތަކުން އަޅުގަނޑުމެންގެ ޙަޔާތަށް އަލިކަން ހޯދުމަށެވެ," ޚިތޯބުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން މައިންބަފައިންނަށް ކަމޭހިތުމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދެމެހެއްޓުމާއި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، ނަބަވީ ރިސާލަތުގެ އެންމެ މުހިންމު އަސާސްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ޚިތޯބުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޖަމުޢިއްޔާތަކާއި ޖަމާއަތްތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް މި މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

comment ކޮމެންޓް