އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ބަލި ކުއްޖެއްގެ އެހީތެރިންނާ ދިމާއަށް ބޭއަދަބީކޮށް މުއާމަލާތުކުރި ކަމަށް ތުހުމަތުކޮށްފައިވާ ޑޮކްޓަރަށް އަދިވެސް ފިޔަވަޅު ނާޅާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ތުހުމަތުތައްކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓުގައިވާ ގޮތުން އެ ކުއްޖާ މިހާރު ވެސް އޮތީ ބަލި ހާލަތު ހުރި ގޮތުން ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑުގައި އެޑްމިޓްކޮށްފައެވެ.
އެ ޕޯސްޓުގައިވާ ގޮތުން ޑޮކްޓަރު ހިތްހަމަނުޖެހި ރުޅިގަދަވީ އެ ކުއްޖާގެ މަންމަ ގާތުން، ކުއްޖާއަށް ވާ ގޮތް އެހުމުން، ނޭނގޭކަމަށް ބުނެ، ރިޕޯޓުތައް ވެސް ވަނީ ހޮސްޕިޓަލުގައިކަމަށް ބުނުމުންނެވެ.
އެއާއެކު އަޑުގަދަކޮށް، ހުތުރުކޮށް އެއްޗެހި ކިޔައިފައިވާކަމަށް އެ ޕޯސްޓުގައިވެއެވެ.
"އަޅުގަނޑުގެ މައިންބަފައިންނާ ދިމާއަށް އަހަންނަކީ ކާކުކަން އިނގޭހެއްޔޭ، ތި ވައްތަރަށް ވާހަކައެއް ނުދެއްކޭނެ ކަމަށް ބުނެ ވޯޑު ތެރޭ އަޑުގަދަކޮށް ދަރިފުޅު ބަލިވެގެން ކަންބޮޑުވެފަ ތިބި މުސްކުޅި މައިންބަފައިންނާ ދިމާއަށް ވަރަށް ހުތުރުކޮށް އެއްޗެހި ކިޔާފައިވެއެވެ،" ސޯޝަލް މީޑިއާ ޕޯސްޓުގައިވެއެވެ.
އެތައް އިރެއްވީއިރު ވެސް އެއްވެސް އެއްޗެއް އެ ކުއްޖާގެ އެހީތެރިންގެ ގޮތުގައި ތިބި މައިންބަފައިން ނުބުނާ ކަމަށާއި ނަމަވެސް ފަހުން، ޑޮކްޓަރަށް ރައްދު ދިންކަމަށް ޕޯސްޓުގައިވެއެވެ.
އެއާއެކު މުޅި ވޯޑުގައި އެ ޑޮކްޓަރު އަޑުގަދަކޮށް އޭނާއަށް ބަލިކުއްޖާގެ އެހީތެރިން ފުރައްސާރަކުރީކަމަށް ބުނެ ރިޕޯޓުކުރުމަށް ގޮވައި އަޑުގަދަ ކުރީކަމަށް ވެސް ޕޯސްޓުގައިވެއެވެ.
"ޑޮކްޓަރު ރުޅި އައިއްސަ ހުރިވަރުން މީހާ ހުރީ އެއްކޮށް ތުރުތުރު އަޅައެވެ. އެންމެ ފަހުން ބަލި އެނދުގަ އޮތް ކޮއްކޮއަށް ކެެތްނުވެގެން ދެން ހުއްޓާލާށޭ މިތަނުން ދާށޭ ޑޮކްޓަރާ ދިމާލަށް ބުނި. ދެން ވެސް ރުޅި މަޑުނުވެ، ބަލާކަށް ނޫޅެމޭ ބުނެ ޑޮކްޓަރު ޕޭޝަންޓް ނުބަލާ ވޯޑުން ނިކުމެގެން ދިޔައީއެވެ. އޭގެ ފަހުން ފުއްޕާމޭގެ އިތުރު ޑޮކްޓަރެއް ކޮއްކޮ ބަލާކަށް ނާދެއެވެ،" ސޯޝަލް މީޑިއާ ޕޯސްޓުގައިވެއެވެ.
އެ ކަން ކުރިކަމަށް ތުހުމަތުކުރެވެނީ، ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑރ. ނަޒްމީ އަބްދުއް ލަތީފަށެވެ.
މި މައްސަލައާ ގުޅިގެން އައިޖީއެމްއެޗުން އަދިވެސް އަންނަނީ އެ ކަން ހިނގައިދިޔަ ގޮތް ބަލަމުންނެވެ.
މީގެ ކުރިން ވެސް މަދުން ނަމަވެސް މިފަދަ ބައެއް މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ.