ޕްރަބާސްގެ ފިލްމުގެ ކްލައިމެކްސް އަލުން ޝޫޓް ކުރަނީ

ޕްރަބާސްގެ ފިލްމުގެ ކްލައިމެކްސް އަލުން ޝޫޓް ކުރާ ގޮތަށް ވަނީ ނިންމާފަ --

މި މަހު 28ގައި ސިނަމާތަކަށް ގެންނާނެ ކަމަށް ކުރިން ބުނި ފިލްމު "ސަލާރު"ގެ ކްލައިމެކްސް އާ މެދު ހިތްހަމަ ނުޖެހޭތީ އެ ބައި އަލުން ރީ-ޝޫޓް ކުރަން ޑައިރެކްޓަރު ޕްރަޝާންތު ނީލް ނިންމައިފިއެވެ.

މި ގެނެވުނު ބަދަލާ އެކު ފިލްމު ރިލީޒްކުރަން އިއުލާނުކުރި އާ ތާރީޚަކީ މި އަހަރުގެ ޑިސެމްބަރު 22 އެވެ.

ތެލުގޫ ސިނަމާގެ މަޝްހޫރު އެކްޓަރު ޕްރަބާސް ލީޑް ރޯލް ކުޅޭ އެކްޝަން ތުރިލާ ފިލްމުގެ ކްލައިމެކްސް އަލުން ޝޫޓް ކުރަން ނިންމީ ފިލްމުގެ ވިޝުއަލް އެފެކްޓްސްއަށް ދިމާވި މައްސަލަތަކަކާ ގުޅިގެންނެވެ.

މި ފިލްމު ރިލީޒްކުރުން ފަސްކޮށްފައި މި ވަނީ ގިނަ އަދަދެއްގެ މީހުން ފިލްމުގެ އެޑްވާންސް ބުކިންގް ވެސް ހައްދާފައި ވަނިކޮށެވެ. ފިލްމު "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ބޭނުން ވަނީ ފިލްމު ސިނަމާތަކަށް ގެންނަ އިރު ބެލުންތެރިންގެ އުއްމީދުތަކާ އެއް ފެންވަރަށް ފިލްމު ގެނެސްދިނުމަށެވެ. މި ފިލްމަށް މިހާރު ދިމާވެފައިވާ އަނެއް މައްސަލައަކީ ފިލްމު ރިލީޒްކުރާ ތާރީޚުގައި ޝާހްރުކް ޚާންގެ ފިލްމު "ޑަންކީ" ވެސް ރިލީޒް ވުމެވެ.

ޕްރަބާސްއާއި ޝާހުގެ ބޮޑު ކުރިމަތިލުމެއް 22 ޑިސެމްބަރުގައި ހިނގާނެ އިރު ދެ ތަރިންނަކީ ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ތަރިންނެވެ. ހާއްސަކޮށް ފިލްމު "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ ފިލްމަކަށް ބެލުންތެރިން އަބަދުވެސް އިންތިޒާރު ކުރާއިރު ޝާހްރުކް ޚާންގެ ފިލްމު "ޑަންކީ" ރިލީޒްކުރުމުގެ އިންތިޒާރުގައި ތިބި ފަރާތްތަކުގެ ޢަދަދު ވެސް މަދެއް ނޫނެވެ.

ޕްރަބާސްގެ އިތުރުން ފިލްމު "ސަލާރު"އިން ފެންނާނެ މުހިއްމު ތަރިންގެ ތެރޭ ތަމަޅަ އެކްޓަރު ޕްރިތުވީ ރާޖް އަދި ޝްރޫތީ ހާސަން ހިމެނެއެވެ. ފިލްމު "ސަލާރު"އަކީ "ކޭ އެފް ޖީ"ގެ ރެކޯޑު މުގުރާލާނެ ފަދަ ވަރުގަދަ އެކްޝަން ފިލްމެއްކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް