ޖޭމީ ބޭނުންވަނީ ވަން ޕީސްގެ ރޯލެއް

ހޮލީވުޑްގެ އައިކޮނިކް އެކްޓަރު ޖޭމީ ލީ ކާޓިސް، މަޝްހޫރު އެނިމޭ ސީރީޒް "ވަން ޕީސް"ގެ ރޯލަކުން ފެންނަން ބޭނުންވާ ކަމަށް ހާމަކޮށްފިއެވެ.

މިހާތަނަށް ރިލީޒްކުރި އެންމެ މަގުބޫލު އެނިމޭ ޝޯތަކުގެ ތެރޭގައި ހިމެނޭ ވަން ޕީސްއަށް ބިނާކޮށް ނެޓްފްލިކްސްއިން ވަނީ ލައިވް އެކްޝަން ޝޯއެއް ތައްޔާރު ކޮށްފައެވެ. މި ޝޯގެ ފުރަތަމަ ސީޒަން ދާދި ފަހުން ރިލީޒް ކޮށްފައިވާއިރު މިހާރު އަންނަނީ ތަފާތު އެކި ރެކޯޑުތައް މުގުރަމުންނެވެ. އަދި ނެޓްފްލިކްސް އިން ހީވެސް ނުކުރާ މިންވަރަކަށް ޝޯއަށް އަންނަނީ ސަމާލުކަން ލިބެމުންނެވެ.

އެއާއެކު ޝޯގެ ދެވަނަ ސީޒަންގެ މަސައްކަތް އިއުލާނު ކޮށްފައިވާއިރު ބައެއް ރޯލުތަކަށް އެކްޓަރުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އޮސްކާ އެވޯޑު ކާމިޔާބު ކޮށްފައިވާ ތަރި ޖޭމީ ދާދިފަހުން އިންސްޓަގްރާމަށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ވަން ޕީސްގެ ރޯލަކަށް ރެޑީ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ "ޑރ. ކުރޭހާ"ގެ ރޯލު ކަމަށް ވެސް ޖޭމީ ވަނީ ބުނެފައެވެ.

ޖޭމީ ބުނިގޮތުގައި އެ ރޯލު ހޯދުމަށް ކުރެވެން އޮތް ކޮންމެ ކަހަލަ މަސައްކަތެއް ވެސް ކުރަން ރެޑީއެވެ. މިއީ އޭނާ ވަރަށް ބޭނުންވާ ރޯލެއް ކަމަށް އެތައް ފަހަރެެއްގެ މަތީން މިހާރު ވަނީ ހާމަކޮށްފައެވެ.

"ވަން ޕީސް"ގެ ލައިވް އެކްޝަން ޝޯއަށް ގިނަ ބައެއް ތައުރީފު އަންނަނީ ލިބެމުންނެވެ. އެނިމޭއަށް ލޯބިކުރާ ގިނަ މީހުން ވެސް ބުނީ މި ސީރީޒް ގެނެސްދީފައި ގޮތް ވަރަށް ރަނގަޅު ކަމަށެވެ.

މި ޝޯ އަންނަނީ ނެޓްފްލިކްސްގެ ބައެއް ރެކޯޑުތައް ވެސް މުގުރަމުންނެވެ. ޝޯގެ ދެވަނަ ސީޒަން އެންމެ އަވަހަށް ވެސް ފެންނާނީ 2025 ގައި ކަމަށް ލަފާ ކުރެވެއެވެ.

comment ކޮމެންޓް