''މާވެލް ރޯލަށް ކޮންމެ ދުވަހަކު އަށް ލީޓަރު ފެން ބޯން ޖެހުނު''

އެކްޓަރު ކްރިސް ޕްރެޓް ---

މާވެލްގެ މަޝްހޫރު ސުޕަހީރޯ "ސްޓާ ލޯޑް"ގެ ރޯލަށް ޓްރެއިން ކުރުވުމަށް ދުވާލެއްގެ މައްޗަށް އަށް ލީޓަރާ ގާތް ކުރާ މިންވަރަކަށް ފެން ބޯން ޖެހުނު ކަމަށް އެކްޓަރު ކްރިސް ޕްރެޓް ހާމަކޮށްފިއެވެ.

ގާޑިއަންސް އޮފް ގެލެކްސީގެ ސްޓާ ލޯޑްގެ ރޯލުން ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަމެއް ހޯދި ކްރިސް ޕްރެޓް ވަނީ އެ ރޯލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ސްޓާ ލޯޑްގެ ގާޑިއަންސް އޮފް ގެލެކްސީ އަކީ މާވެލްގެ ސުޕަހީރޯ ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ އެންމެ މަގުބޫލު އެއް ފްރެންޗައިޒް އެވެ. ޖުމްލަ ތިން ސްޓޭންޑް އަލޯން ފިލްމަށް ފަހު ސީރީޒް ނިންމާލާފައިވަނީ މި އަހަރެވެ.

ކްރިސް ޕްރެޓް ވަނީ ދާދި ފަހުން އޭނާ ސްޓާ ލޯޑުގެ ރޯލަށް ތައްޔާރުވި ގޮތްތައް އާންމުކޮށްފައެވެ. ވެނިޓީ ފެއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ކެރެކްޓަރުގެ ރޯލަށް ތައްޔާރުވުމަށް ހަށިގަނޑު ފިޓުކޮށް ވަރަށް ބޮޑު ބަދަލެއް އަވަސް މުއްދަތެއްގެ ތެރޭގައި ގެންނަން ޖެހުނު ކަމަށެވެ. އޭގެތެރޭގައި ބޮޑެތި ޓްރެއިނިން ކުރިއަށް ގެންދިޔުމާއި ވަރުގަދަ ޑައިޓެއް ބޭނުން ކުރަން ޖެހުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

ހަ މަހުގެ ތެރޭގައި 27 ކިލޯ ލުއި ކުރުމަށް އެންގި އިރު އެ ކަމަށްޓަކައި ޕްރެޓް ޖެހުނީ ދުވާލެއްގެ މައްޗަށް ބޮޑު 4،000 ކެލޮރީގެ ޑައިޓަކަށް ދާށެވެ.

އޭގެތެރެއިން އެންމެ ގިނައިން ކުރަން ޖެހުނު އެއް ކަމަކީ ނުހުއްޓާ ފެން ބުއިމެވެ. ޕްރެޓް ބުނި ގޮތުގައި ދުވާލެއްގެ މައްޗަށް އޭނާ 7.8 ލީޓަރު ފެން ބޯން ޖެހުނެވެ. އެއާއެކު ވަރަށް ގިނަ ފަހަރަށް ފާހާނައަށް ދާން ޖެހުނު ކަމަކީ ވަރަށް އުނދަގޫވި ކަމެއް ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް