ޝާހު 'ޑޮން3' ދޫކޮށްލީ އުފެދުނު ޚިޔާލު ތަފާތުވުމަކާ ގުޅިގެން: ފަރުހާން

ޝާހު 'ޑޮން3' ދޫކޮށްލީ އުފެދުނު ޚިޔާލު ތަފާތުވުމަކާ ގުޅިގެން ކަމަށް ފަރުހާން ބުނޭ --

ފަރުހާން އަޚްތަރުގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފްރެންޗައިސް ފިލްމު "ޑޮން"ގެ ތިން ވަނަ ބައިން ޝާހްރުކް ޚާން ވަކިވި ސަބަބު ހާމަކޮށްފިއެވެ.

ފަރުހާން ޑައިރެކްޓް ކުރާ ފިލްމު "ޑޮން3"އިން ޝާހްރުކް ޚާން ވަކިވާން މެދުވެރިވީ ދެ މީހުންގެ ދެމެދުގައި ފިލްމު އުފެއްދުމާ ގުޅޭ ގޮތުން އުފެދުނު ޚިޔާލު ތަފާތުވުން ތަކާ ގުޅިގެން ކަމަށް ފަރުހާން ވަނީ ބުނެފިއެވެ.

ޝާހްރުކް ޚާން ފިލްމު ދޫކޮށްލުމާ ގުޅިގެން ޝާހުގެ ރޯލްއިން ފެންނާނީ އެކްޓަރު ރަންވީރު ސިންގްކަން އިއުލާނުކޮށް ފިލްމުގެ ފުރަތަމަ ޓީޒާ ވެސް ވަނީ އާއްމުންނަށް ދައްކާލާފަ އެވެ. ފަރުހާނު ބުނިގޮތުގައި އޭނާ އަކީ އެއްވެސް އިރެއްގައި ފިލްމަކުން އެއްވެސް ފަރާތެއް ވަކި ކުރާނެ މީހެއް ނޫން ކަމަށާއި ޝާހު ވެސް ފިލްމު ދޫކޮށްލީ ދެ ފަރާތުން އެއްބަސްވުމަކަށް އައިސް އެއީ ޝާހުއަށާއި ފަރުހާނަށް ވެސް އެންމެ ރަގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ.

ފިލްމު "ޑޮން3"އަކީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށާއި އެކްޓަރު ރަންވީރު ސިންގް ފިލްމަށް އެއްބަސްވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ފަރުހާން ވަނީ ބުނެފަ އެވެ.

ރަންވީރު ސިންގް އަކީ އަބަދުވެސް މަސައްކަތަށް ވަރަށް ފަރުވާތެރި އަދި ވަރަށް ރަނގަޅަށް މަސައްކަތް ކުރާ އެކްޓަރެއް ކަމަށާއި "ޑޮން3"އާ މެދު ކުރެވޭ އުއްމީދުތައް ވަރަށް ބޮޑު ކަމަށް ފަރުހާން ބުނެފައި ވެއެވެ. ފިލްމު "ޑޮން" އެންމެ ފުރަތަމަ އުފެއްދީ 1978ވަނަ އަހަރު އެވެ.

މި ފިލްމު ވުޖޫދަށް ގެނައުމުގައި ފަރުހާންގެ ބައްޕަ މަޝްހޫރު ޅެންވެރިޔާ ޖާވިދު އަޚްތަރު ވަރަށް ބޮޑު ރޯލެއް އަދާކުރި އެވެ. ރަންވީރު ސިންގްއަކީ، އަމީތާބް ބައްޗަން އަދި ޝާހްރުކް ޚާން އަށްފަހު "ޑޮން"ގެ ގޮތުގައި ބެލުންތެރިންނަށް ފެންނާނެ ތިންވަނަ އެކްޓަރެވެ. ރަންވީރު ސިންގް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރުގެ ޖުލައި މަހު ރިލީޒްވި ފިލްމު "ރޮކީ އޯރް ރާނީ"އިންނެވެ.

comment ކޮމެންޓް