ތައިލެންޑުގެ މަސާޖު ތެރަޕިސްޓުން މެދުއިރުމައްޗަށް، ޑިމާންޑާއި މުސާރަ ވެސް ބޮޑު

ތައިލެންޑުގެ ޚާއްޞަ މަސާޖުތަކަސް އޮތް މަގުބޫލުކަން ފާއިތުވި އަހަރުތަކުގައި ވަނީ އިތުރުވެފަ ---

'ވެލްނެސް ޓޫރިޒަމް'އަކީ ފަތުރުވެރިކަމުގެ އައު ޓްރެންޑެވެ.

މެދުއިތުމަތީގެ ހޮޓާތަކާއި ސްޕާ ތަކުގައި ގިނަ ތައިލެންޑްގެ މަސާޖް ތެރަޕިސްޓުންންދަނީ ފެންނަމުންނެވެ. މި އިންޑަސްޓްރީގެ ތަޖުރިބާކާރަކު ފާހަގަ ކުރިގޮތުގައި، މަސާޖު ތެރަޕިސްޓުންނަށް ތައިލޭންޑްގައި ލިބޭ އާމްދަނީގެ ފަސް ގުނަ އިތުރަށް ދޭން މެދުއިރުމަތީގެ ގައުމުތަކުގެ އޮޕެރޭޓަރުން ތިބީ ތައްޔާރަށެވެ.

ތައިލެންޑުގެ ޗިވާ ސޯމް އިންޓަނޭޝަނަލް ހެލްތް ރިސޯޓުގެ ޗެއާމަން އަދި ސީއީއޯ ކްރިޕް ޕްރޮޖަނަސްޓިއަން ވިދާޅުވީ، ކޮވިޑްގެ ލޮކްޑައުން އުވާލުމާއެކު މެދުއިރުމަތީގައި ވެލްނެސް ޓޫރިޒަމް ވަރަށް ބާރު ދުވެއްޔެއްގައި ދަނީ ކުރިައަރަމުންކަމަށެވެ. މިހެން މިކަން އޮތްއިރު ޔޫއޭއީ އާއި ސައޫދީ އަރަބިޔާ ފަދަ ގައުމުތަކުގެ ޓޫރިޒަމް އޮޕްރޭޓަރުންކުރާ ޑިމާންޑާ އެއްވަރަށް ތައިލެންޑުން ސްޕާތެރަޕިސްޓުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަސައްކަތްތެރިންނަށް އާންމުގޮތެއްގައި ތައިލެންޑްގައި މަހަކު ގާތްގަނޑަކަށް 30،000 ބާތު ލިބޭ އިރު މެދުއިރުމަތީގައި 120،000 އާއި 160،000 ބާތުއާ ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް އުންމީދު ކުރެވިދާނެ. އަޅުގަނޑަށް ފެނުނު އެންމެ ބޮޑު މުސާރައަކީ މަހަކު ދެ ލައްކަ ބާތު،" ކްރިޕް ވިދާޅުވި އެވެ.

އެއީ ކޮންމެ މަހަކު 5560.19 ޑޮލަރުގެ މުސާރައެކެވެ. އެއީ ދިވެހި ފައިސާއިންނަމަ މަހަކު 85738.13 ރުފިޔާއެވެ.

މެދުއިރުމަތީގެ ސައޫދީ އަރަބިޔާއަކީ ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް މިހާރުވެސް ތަރައްގީ ކުރަމުން އަންނަ ގައުމެކެވެ. އެހެން ގައުމުތަކާ އަޅާބަލާއިރު، ސައޫދީގައި ތައިލޭންޑްގެ މަސައްކަތްތެރިންނަށް އޮންނަ ޑިމާންޑާއި މުސާރަ ވެސް އެތައް ގުނައެއް ބޮޑެވެ.

ތައިލެންޑުގެ ޗިވާ ސޯމް އިންޓަނޭޝަނަލް ހެލްތް ރިސޯޓުގެ ޗެއާމަން އަދި ސީއީއޯ ކްރިޕް ޕްރޮޖަނަސްޓިއަން -- ފޮޓޯ/ ދަ ނޭޝަން

ކްރިޕް އިތުރަށް ވިދާޅުވީ މެދުއިރުމައްޗާއި ތައިލޭންޑާ އޮންނަ ގުޅުން ބަދަހި ކުރުމަށް މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ. އެގޮތުން ތައިލެންޑްގައި ވެލްނެސް ޓޫރިޒަމް އިތުރަށް ފުޅާކޮށް، މަސައްކަތްތެރިންނަށް ތަމްރީނު ދީ، ތަރައްގީ ކުރުމަށް މިފުރުސަތުގެ ބޭނުން އައު ސަރުކާރުން ހިފަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ދުރާލާ، ޑިމާންޑާ އެއްވަރަށް ސްޕާ، ވެލްނެސް އަދި މަސާޖު ތެރަޕިސްޓުން އުފައްދައިގެން ކަމަށާއި ނޫނީ މަސައްކަތްތެރިން ލިބުމުގެ ދަތިތައް ކުރިމަތި ވެދާނެކަމަށް ވެސް ކްރިޕް ފާހަގަ ކުރެއްވިއެވެ.

ތައިލެންޑްގެ ޕްރައިވެޓް ސެކްޓާއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ސްކިލް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމުކުރުމަށާއި، ޖެނެރަލް ހޮސްޕިޓާލިޓީގެ ވަކިހަމަތަކެއް ދަސްކޮށްދިނުމަށް ޓްރެއިނިންގެ އިތުރުން މަސާޖާއި ހެލްތު ޓުއަރިޒަމް ފަދަ ޒަމާނީ ދާއިރާތަކުގައި އުޅޭ މަސައްކަތްތެރިންނަށް ފުރިހަމަ އިރުޝާދު ދިނުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވެލްނެސް ޓޫރިޒަމްގެ ދާއިރާގައި ތައިލޭންޑް ފަދަ ގިނަ ގައުމުތައް ދުވަސްވީ ތަޖުރިބާކާރު މުޖުތަމައުތަކަކަށް ވަމުން އަންނައިރު، ކުރިއަށް އޮތް 5-10 އަހަރުގެ ތެރޭގައި ވެލްނެސް ޓޫރިޒަމް ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެންޑަށް. މި ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށްއޮތް ޑިމާންޑް އިތުރުވަމުންދާތީ އެކަމަށްދުރާލާ ތައްޔާރުވާން ޖެހޭ،" ކްރިޕް ވިދާޅުވިއެވެ.

އޭނާގެ އެޑްވައިޒަރު ކްރޮޑް ރޮޖަނަސްޓިއަން ވަނީ ތައިލެންޑްގައި ބިދޭސީންނަށް މަސައްކަތް ކުރުން މަނާކުރާ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެ އިސްލާހުގެ ބޭނުމަކީ ބިދޭސީންނަށް ތައިލޭންޑުން ޓްރެއިނިން ދިނުމަށްފަހު، ކޮލިޓީރަނގަޅު ގިނަ މަސައްކަތްރެރިންތަކެއް އުފައްދާ، ބޮޑުވަމުން އަންނަ ޑިމާންޑާ އެއްހަމަކުރުމެވެ. މިވަގުތު ތައިލެންޑްގައި މަސާޖް ތެރަޕިސްޓުން ގޮތުގައި ބިދޭސީންނަށް މަސައްކަތެއްނުކުރެވެއެވެ.

"ތައިލެންޑްގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާ ގާތްގަނޑަކަށް ދެ ލައްކައެއްހާ މަސާޖް ތެރަޕިސްޓުން އެބަތިބި، ގައުމުގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 10،000 އެއްހާ ކުންފުނިތަކުގައި މަސައްކަތް ކުރޭ،"

"އަޅުގަނޑުމެންނަށް މި އަދަދުތައް އިތުރު ކުރެވޭނީ ބިދޭސީންނަށް ތެރަޕިސްޓުންނަށް ވުމުގެ ފުރުސަތު ދީގެން، މުޅި ވެލްނެސް ޓޫރިޒަމް އިންޑަސްޓްރީ އަށް ކުރިއެރުން ހޯދައިދީގެން. މީގެ އިތުރުން ކޯސްތަށް އިނގިރޭސި ބަހުން ކިޔަވައިދިނުމުން ތައިލެންޑަކީ މި ސަރަހައްދުގައި މަސާޖް ތެރަޕިސްޓުން ތަމްރީނު ކުރާ ހަބަކަށް ވެގެންދާނެ،" ކްރޮޑް ރޮޖަނަސްޓިއަން ވިދާޅުވި އެވެ.

ތައިލެންޑަކީ ސިޔާސީ ކޯޅުންތަކުގެ ތެރޭގައި އޮތް ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ޑިމާންޑް އޮންނަ އެއް ގައުމެވެ.

ވެލްނެސް ޓުއަރިޒަމަކީ އަމިއްލަ ދުޅަހެޔޮކަން ދެމެހެއްޓުމަށް ނުވަތަ ކުރިއެރުވުމަށް ކުރާ މަސައްކަތާ ގުޅިގެން ކުރާ ދަތުރުތަކެކެވެ. މިސާލަކަށް ސްޕާ ރިޓްރީޓެއްގައި ހަފުތާ ބަންދު ހޭދަ ކޮށްލުން، ހަމައެކަނި ހަށިގަނޑުގެ ދުޅަހެޔޮކަމަށް މަންޒިލަކަށް ދަތުރެއް ކޮށްލުންވެސް ހިމެނެއެވެ. އާންމުކޮށް ކޮށްއުޅޭ ދަތުރުފަތުރުގައިވެސް ދުޅަހެޔޮކަންދެމެހެއްޓޭ ހަރަކާތްތައް ހިމެނޭ ގޮތަށް ދަތުރުކުރުންވެސް ވެލްނެސް ޓޫރިޒަމްތެރޭ ހިމެނެއެވެެ. އެއީ ވިޔަފާރި، ބޭސްކުރުން ނުވަތަ އާއިލާ އާ އެއްކޮށް ކުރާ ދަތުރެއްކަމުގައި ވީނަމަވެސްއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ފެތުރުނު ކޮވިޑްގެ ބަލިމަޑުކަމަށް ފަހު، ދަތުރުފަތުރު ކުރުން ހުޅުވިގެން ދިޔުމާއެކު، ޓޫރިޒަމްގެ މިދާއިރާއަށް ދަނީ ކުރިއެރުންތަކާއި ތަރައްގީ ހަލުވިމިނެއްގައި އަންނަމުންނެވެ. އެހެން ކަމުން ހުރިހާ ގައުމުތަކުންވެސް ދަނީ ދުރާލާ ވެލްނެސް ފަތުރުވެރިކަމުގައި ދާއިރާގައި ފައިހަމަކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

މަސްދަރު: ދަ ނޭޝަން

comment ކޮމެންޓް