މުސާރަ ބޮޑުނުވެ 12 އަަހަރު، އެންމެފަހުން ކަޅު ހެދުމުގައި އިހުތިޖާޖަށް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މުވައްޒަފުން އިހުތިޖާޖުކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް

ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލު އަންނައިރު ވެސް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ނާންނަ ކަމަށް ބުނެ އެ އޮފީހުގެ މުވައްޒަފުން މިއަދު އިހުތިޖާޖަށް ނުކުމެއްޖެއެވެ.

އެ އޮފީހުގެ މުވައްޒަފުން ކަޅު ހެދުމުގައި ހާޒިރުވެ މަސައްކަތް ހުއްޓައިލުމަށްފަހު، އަންނަނީ މުސާރައަށް އެއްވެސް ހެޔޮ ބަދަލެއް ނާންނާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ސަން"އާ ވާހަކަދައްކަމުން އެ އޮފީހުގެ މުވައްޒަފަކު ބުނި ގޮތުގައި އެ ޓްރައިބިއުނަލް އުފެދުނީއްސުރެ މިހާރު މުސާރައަށް ހެޔޮ ބަދަލެއް ނައިސް އެއް ހަމައެއްގައި ހިފެހެއްޓިފައި ހުންނަތާ 12 އަހަރުވަނީ ވެފައެވެ.

"އަޅުގަނޑުމެންގެ އެއްވެސް މުވައްޒަފެއްގެ މުސާރައިން ކުރިއެރުމެއް ލިބިފައެއް ނެތް. މިއަދާ ހަމައަަށް ބަދަލެއް އައިސްފައެއް ވެސް ނެތް. ފުދޭވަރަކަށް މަސައްކަތްތަކެއް ޓެކްސް އެޕީލް ޓްރައިބިއުނަލުން ކުރެވިފައިވަނީ،" އޭނާ ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މުވައްޒަފުން އިހުތިޖާޖުކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް

އޭނާ ބުނީ އެތައް ފަހަރެއްގެ މަތިން ވެރިންނާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކުރުމުން ވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށެވެ.

"އެހެންވެ މިއަދު މި ނުކުތީ،" އޭނާ ބުންޏެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީއާއި ރައީސް އޮފީހާ ވެސް ވާހަކަދައްކައި އަލިމަގެއް ހޯދަން މަސައްކަތްކުރި ކަމަށް މުވައްޒަފުން ބުންޏެވެ.

އޭނާ ބުނީ ގަވައިދުން ލިބެންޖެހޭ އެލަވަންސްތައް ވެސް ނުލިބޭކަމަށެވެ. އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަގުތުން މުސާރަ ބޮޑުކޮށް ތަންފީޒުކުރައްވަމުން ގެންދަވާއިރު އެ ޓްރައިބިއުނަލްގެ މުވައްޒަފުން ބާކީވާންވީ ސަބަބެއް ނުފެންނަަކަމަށް ވެސް މުވައްޒަފުން ބުންޏެވެ.

"އަޅުގަނޑުމެންގެ އަސްލު މައިގަނޑު ކަންބޮޑުވުމަކީ އެހެން ތަންތަނަށް ހަމަ ވަގުތުން އެބަކޮށްދޭ. މިނިވަން މުއައްސަސާތަކާއި، ރަށު ކައުންސިލްތައް. އެ ތަންތަނަށް ވެސް އެބަކޮށްދޭ. ދެން ކީއްވެހޭ މި ތަަނަށް 12 އަހަރުވީއިރު ވެސް ކުރިއެރުމެއް ނާންނަންވީ. އެހެންވީމާ އަންނަ އަހަރުގެ ޖެނުއަރީއޭ ނުކިޔޭ އެހެން ތަންތަނަށް ކޮށްދޭހެން އަޅުގަނޑުމެންނަށް ވެސް ކޮށްދެެވެންވާނެ،" ޝުއޫރު ފާޅުކުރި މުވައްޒަފަކު ކިޔައިދިނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކުހާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.

ޓްރައިބިއުނަލް އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. ޓްރައިބިއުނަލަށް މެމްބަރުން އައްޔަން ކުރަނީ ރައްޔިތުން މަޖިލިހުގެ މެމްބަރުންގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ޓްރައިބިއުނަލްގެ ހިންގުމާއި، މުވައްޒަފުންގެ މަސައްކަތްތައް ރިޕޯޓުކުރާނެ އެންމެ އިސް ފަރާތަކީ އެ ޓްރައިބިއުނަލްގެ ރައީސެވެ.

comment ކޮމެންޓް