ފޮކްސް އަދި ނިއުސް ކޯޕަރޭޝަންގެ ޗެއާމަންކަމުން ރޫޕަޓް މާޑޮކް އިސްތިއުފާދެއްވައިފިއެވެ.
އިސްތިއުފާގެ ޚަބަރާއެކު، ނޫސްވެރިކަމާއި ސިޔާސީ މަޞްރަހަށް ކުއްލި ހައިރާންކަމެއް ގެނައުމަށްފަހު، މާޑޮކް ވިދާޅުވެފައިވަނީ، އޭނާގެ މުޅި ހަޔާތުގައި ކޮންމެ ދުވަހެއްވެސް ހޭދަކުރައްވާފައިވަނީ ޚަބާރާއި، ޚަބަރު މުއްސަނދިކުރުމުގެ އުފެއްދުންތަކަށް ވަގުތުދެއްވައިގެން ކަމަށާއި، އަދި ދެންވެސް އެކަން ބަދަލުނުވާނެ ކަމަށެވެ.
އެހެންނަމަވެސް، ޒުވާން ހުނަރުވެރި އަދި އުފެއްދުންތެރި ޓީމަށް ޖާގަދެއްވުމަށްފަހު، މިހާރު މިއީ ހަޔާތުގެ އެހެން މުހިއްމު ކަންކަމަށް އިސްކަންދެއްވުމުގެ ވަގުތުކަމަށް އޭނާ ނިންމަވާފައިވާކަމަށް މުވައްޒަފުންނަށް ފޮނުއްވި މެމޯގައި ބަޔާންކުރައްވާފައިވެއެވެ.
މާޑޮކް އިސްތިއުފާދެއްވުމާއެކު، ދޮށީ ދަރިކަލުން ލަކްލަން މާޑޮކް ވަނީ ފޮކްސް ކޯޕަރޭޝަނާއި ނިއުސް ކޯޕަރޭޝަންގެ ޗެއާމަންކަމަށް އައްޔަންކުރައްވާފައެވެ.
ލަކްލަން މީގެ ކުރިން ހުންނެވީ، ފޮކްސް ކޯޕަރޭޝަންގެ ޗެއާމަންގެ މަޤާމުގައެވެ. ލަކްލަންގެ ޗެއާމަންކަމުގެ ދަށުގައި ފޮކްސްގެ އުސޫލުތަކަށް ބަދަލުތަކެއް އަންނާނެކަން ކަށަވަރުވެފައިނުވާއިރު، ފޮކްސްއިން ގެންގުޅޭ ކަނާތުފިޔައިގެ ނިންމުންތަކަށް ތާއިދުކުރާ އެޑިޓޯރިއަލް އުސޫލުތައް ލަކްލަން ދަމަހައްޓާނެކަމަށް ރޫޕަޓް މާޑަކް އިޝާރާތް ކުރައްވާފައިވެއެވެ.
މާޑޮކް އިސްތިއުފާ ދެއްވާފައިމިވަނީ، މީޑިއާ އިންޑަސްޓްރީއަށް ބޮޑެތި ބަދަލުތަކެއް އައިސް، ޓީވީއާއި ފިލްމުގެ އުފެއްދުންތައް ބަދަލުކޮށް ސްޓްރީމިންގެ ޚިދުމަތްދިނުމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ކުންފުނިތަކުން އަމާޒުހިފާފައިވާ ދަނޑިވަޅެއްގައެވެ. އަދި 2024ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކުރިމަތިވެފައި އޮތް އިރު، މާޑޮކްގެ އިސްތިއުފާގެ ނިންމުން އިއުލާން ކުރައްވާފައިމިވަނީ އެމެރިކާގެ ސިޔާސީ މަޞްރަޙަށްވެސް ނާޒުކު ދަނޑިވަޅެއްގައެވެ.