ތިބާ ދެކެ ހިތްހަމަނުޖެހިވާޙާލު މައިންބަފައިން މަރުވެއްޖެނަމަ

ދަރިޔަކުދެކެ މައިންބަފައިން ހިތްހަމަނުޖެހޭޙާލުގައި ވަނިކޮށް އެމީހުން މަރުވެ ދިއުމަކީ ބިރުވެތިވާންޖެހޭ ކަމެއް! -- ފޮޓޯ / އަލްވަތަންވޮއިސް.ކޮމް

މީހަކު ސުވާލު ކުރިއެވެ. އަހަރެންގެ ބައްޕަ ވަރަށް ބޮޑަށް ބަލިވިއެވެ. އަދި އަހަރެން ބައްޕައާ ބައްދަލުކޮށް ދެކިލަން ދިއުމަށް ތަކުރާރުކޮށް އެދެމުން ދިޔައެވެ. ނަމަވެސް ބައްޕަ އެވަނީ މަރުބަލީގައިކަން އިޙްސާސްނުވާޙާލު، އަހަރެންގެ ދިރިއުޅުމުގެ ކަންތައްތަކުގައި އަވަދިނެތި އުޅުނީމުއެވެ. އެންމެފަހުން ބައްޕަ ގާތަށް ނުދެވި އުޅެނިކޮށް ބައްޕަ ނިޔާވެއްޖެއެވެ. އެކަމުގައި އަހަރެންގެ ފަރުވާ ކުޑަކަން ޤަބޫލުކޮށް ވަރަށް ބޮޑަށް ހިތާމަކުރީމުއެވެ. އަދި އޭގެ ފަހުންވެސް އެކަން ހިތަށް އަރާ ކޮންމެ ފަހަރަކު އަހަންނަށް އިންތިހާ ދަރަޖައިގެ ހިތާމައާއި މޮޅިވެރިކަން ގެނުވައެވެ. އެހެންކަމުން އަހަންނަށް ކުރެވުނު މި ބޮޑު ފާފައިން ސަލާމަތްވުމަށްޓަކައި ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟

އިސްވެދިޔަ ސުވާލުގެ ޖަވާބުގައި ޑރ. ޔޫސުފުލްޤަރުޟާވީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި ބައްޕައަށްޓަކައި އަދާކުރަންޖެހޭ ޙައްޤެއް އަދާނުކުރުމުން ތިބާއަށް ތިޔަވަނީ ބޮޑުވެގެންވާ ކުށެއް ކުރެވިފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާގޮތުގައި އެއްމުސްލިމަކު އަނެއްމުސްލިކަމަށްޓަކައި އަދާކޮށްދޭންޖެހޭ ފަސްޙައްޤެއްވެއެވެ. އޭގެ ތެރޭގައި ބަލިމީހާއަށް ޒިޔާރަތްކުރުން ހިމެނެއެވެ.(متفق عليه) އަދިހަމަ މިއާއެކު، ބަލިމީހެއްގެ ގާތަށް ޒިޔާރަތްކޮށްފިމީހާވަނީ ސުވަރުގޭގެ ބަގީޗާތަކުން މޭވާ ބިންނަން ހުރިމީހެއްފަދައިން ސަވާބު ލިބިލިބިކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.(މުސްލިމް: 2568) މިއީ އެއްމުސްލިމަކު އަނެއްމުސްލިމަކަށްޓަކައި އަދާކޮށްދޭންޖެހޭ ޙައްޤެއްގައި ހުރި މަތިވެރިކަންކަމުގައިވާއިރު މައިންބަފައިންގެ ޙައްޤުގައި އެކަންކުރުން ކިހައި އަޢުލާވެގެންވާނެހެއްޔެވެ؟

ﷲ ވަޙީކުރައްވާފައިވެއެވެ. وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ‎،‏ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (އިސްރާ: 23-24) "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ!" އާޔަތުގައި ބަޔާންކުރައްވާފައިއެވާ أُف އަކީ އިހާނެތިކުރުމާއި ދެރަބަސްބުނުމެއްނޫނެވެ. އެހެނެއްކަމަކު އެއީ ފޫހިކަމާއި ނުރުހުންތެރިކަން އަންގައިދޭ ކަލިމައެކެވެ. އެހެންކަމުން ފޫހިކަމާއި ނުރުހުމުގެގޮތުން ބުނެވޭނެ އެންމެ ކުޑަ މިންވަރުވެސް އެވަނީ ޙަރާމްކުރައްވާފައެވެ. ވުމާއެކު، މައިންބަފައިންނަށް އިހާނެތިވެދާފަދަ ކިތަންމެ ކުޑަކަމެއްވިޔަސް ކުރުމަކީ ޙަރާމްކަމެއްކަން ސާފުކޮށް އެނގެއެވެ.

ދުރުގައި އުޅޭއިރު މައިންބަފައިންނަށް ޒިޔާރަތްކުރުމަކީ ދަރީން ކުރަންޖެހޭކަމަކަށްވާއިރު، ބައްޕަ ބަލިޙާލުގައި އޮވެ އޭނާ ދެކިލަން އައުމަށް ދަރިފުޅަށް އަންގަމުންދިޔަކަމަށް ސުވާލުގައި އެބައޮތެވެ. ވީމާ އެ ޙާލަތުގައި ބައްޕައަށް ޒިޔާރަތްކޮށް އަޅައިލައި އޯގާތެރިވެ ދިނުމަކީ ދަރިފުޅު ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އަންހެނަކު އޭނާގެ މައިންބަފައިން ދެކިލުމަށް ދާން އެދޭހިނދު އޭނާގެ ފިރިމީހާވިޔަސް އެކަން މަނާކޮށްގެންނުވާނެއެވެ. މަނާކުރާޙާލަތުގައި، އޭނާއަކީ ފިރިމީހާގެ އެ މަނާކުރުމާ ދެކޮޅުހެދުމަށް އުޒުރު ލިބިގެންވާ މީހެއްކަމަށް ބުނެވޭނެއެވެ. ސަބަބަކީ މައިންބަފައިންނަށް ކަމޭހިތުމާއި އެމީހުންނަށް ޒިޔާރަތްކުރުމަކީ އޭނާގެ މައްޗަށް އޮތް (ވާޖިބު) މަސްއޫލިއްޔަތެކެވެ.

ސުވާލުކުރި ފަރާތަށް ކުރެވިފައިވާ ކުށާމެދު ދެން ކަންތައްކުރާނީ ކިހިނެއްތޯ ބަލައިލަމާހިނގާށެވެ. އެންމެ ފުރަތަމަ، މައިންބަފައިން ބަލިވެ އުޅުނުއިރު އެމީހުންނަށް ޒިޔާރަތްނުކޮށް އުޅެނިކޮށް ބަލި ރަނގަޅުވެ ދުނިޔޭގައި ތިބިނަމަ ދެންވެސް ލަސްނުކޮށް އެމީހުންގެ ގާތަށް ގޮސް މަޢާފަށް އެދި އެމީހުންގެ ހިތްހަލާލު ހޯދަންޖެހޭނެއެވެ. އެމީހުންނާމެދު ފަރުވާކުޑަކުރެވިއްޖެކަން ޤަބޫލުކޮށް އެކަމަށް ތައުބާވާންޖެހޭނެއެވެ. ސުވާލުގައިވާފަދައިން، ބައްޕައަށް ޒިޔާރަތްނުކޮށް ހުއްޓައި ބައްޕަ މަރުވެފައިވާތީ ދެން އެ ބައްޕަގެ ކިބައިން މަޢާފު ލިބިގަނެވޭނެ ގޮތެއް ނޯންނާނެއެވެ. ދަރިފުޅުގެ ކިބައިން ބައްޕައަށް ލިބުނު ހިތްދަތިކަމާއި އޭނާއާމެދު ހިތްހަމަނުޖެހުނުކަމަށްޓަކައި ދަރިފުޅަށް މަޢާފުކުރުމުގެ ޙައްޤު އޮތީ އެ ބައްޕަގެ ކިބައިގައެވެ. ނަމަވެސް އެފުރުޞަތު މިހާރު އެވަނީ ގެއްލިފައެވެ. އެހެންކަމުން އެ ދަރިފުޅުގެ ފާފަ ފުއްސަވާތޯއާއި ބައްޕަގެ ފަރާތުން އޭނާއަށް މަޢާފު ލިބޭނެގޮތް މިންވަރުކުރައްވާތޯ ﷲ ގެ ޙަޟުރަތުގައި ދެންނެވުންނޫން އެހެން ގޮތެއް އޭނާއަކަށް ނެތެވެ.

ދެން އޮތީ މައިންބަފައިން މަރުވެދިއުމަށްފަހުގައިވެސް އެމީހުންނަށްޓަކައި ހެޔޮ ޢަމަލުތައްކުރުމެވެ. މައިންބަފައިން މަރުވުމަށްފަހު އެމީހުންނަށްޓަކައި ކުރެވޭނެ ހެޔޮ ކަންތައްތަކެއްވޭތޯ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސުވާލު ދެންނެވުނެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އާނއެކެވެ. އެމީހުންގެ މައްޗަށް (ކަށު) ނަމާދު ކުރުމެވެ. އަދި އެމީހުންނަށް ފާފަ ފުއްސެވުން އެދި ދުޢާކުރުމެވެ. އަދި އެމީހުން ޢަހުދެއްކޮށް އެކަން ތަންފީޒުކޮށްފައިނުވާކަން އެނގޭނަމަ އެ ޢަހުދެއް ތަންފީޒުކުރުމެވެ. އަދި އެމީހުންގެ ފުށުން އުފެދިފައިވާ، ރަޙިމުގެ ގުޅުންތައް ދެމެހެއްޓުމެވެ. އަދި އެމީހުންގެ ރަޙުމަތްތެރީންނަށް ކަމޭހިތައި ގުޅުން ދެމެހެއްޓުމެވެ."(އަޙްމަދު: 16059 - މިޙަދީޘްގެ ސަނަދުގައި ބަލިކަށިކަމެއްވާކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. މިއާއެކު އަލްޙާކިމްއާއި އައްޛަހަބީ ވިދާޅުވާގޮތުގައި މި ޙަދީޘްގެ ސަނަދު ޞައްޙައެވެ.)

މައިންބަފައިން މަރުވެދިއުމުން އެމީހުންނަށް ފާފަފުއްސަވައި ރަޙުމަތް ލެއްވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. މީހާ މަރުވެދިއުމަށްފަހު އޭނާއަށް މަންފާކުރާނެ ކަންތައްތަކުގެތެރޭގައި އޭނާއަށް ހެޔޮ ދުޢާކުރާނެ ޞާލިޙު ދަރިޔަކު ދޫކޮށްފައި ދިއުން ހިމެނޭކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.(މުސްލިމް: 4223) މައިންބަފައިންނަށްޓަކައި މިފަދައިން ދުޢާކުރެވިދާނެއެވެ. {رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ} (إبراهيم:41) {رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا} (الإسراء:24) މަރުވެފައިވާ މަންމަ ނުވަތަ ބައްޕައަށްޓަކައި ހެޔޮ ދުޢާކުރުމާއެކު އެމީހުންނަށް އޭގެ ސަވާބު ދެއްވުން އެދި ޞަދަޤާތްކުރެވޭނެކަމީވެސް ސާބިތުކަމެކެވެ.(ޞަޙީޙު މުސްލިމުގެ ޝަރަޙަ: 7/91) ވީމާ ސުވާލު ކުރި ފަރާތަށް ބުނަން އޮތީ މިކަންކަން ކޮށްފިނަމަ، އިރާދަކުރެއްވިއްޔާ - ﷲ ތަޢާލާގެ ތަނަވަސްވެގެންވާ ރަޙުމަތުގައި ތިބާ ލައްވައި ބައްޕައާމެދު ކުރެވުނު ކުށުން ސަލާމަތްކުރައްވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް