އާލިއާއާއި ރަންވީރުގެ ފިލްމު އެމޭޒަން ޕްރައިމްއަށް

މި އަހަރުގެ ޖުލައި މަހު ސިނަމާތަކުގައި ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެމޭޒަން ޕްރައިމްގައި ސްޓްރީމް ކުރަން ފަށައިފިއެވެ.

އާލިއާ ބަޓް އާއި ރަންވީރު ސިންގް ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ، ވަރަށް ބޮޑު ކާސްޓެއް ހިމަނައިގެން އުފައްދާފައިވާ ވަރަށް ތަފާތު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާއފައިވާ ފިލްމެކެވެ.

ފިލްމު "ރޮކީ އޯރް ރާނީ"އަށް ލިބެމުން އަންނަ ރަނގަޅު ރިވިއުސްތަކާ އެކު ފިލްމު ބެލި ގިނަ ބަޔަކު ވަނީ ޑައިރެކްޓަރު ކަރަން ޖޯހަރަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. ބޮޑު ކާސްޓެއް ހިމަނައިގެން ލޯބީގެ ރީތި ފިލްމެއް ސިނަމާއަށް ގެނައުމަކީ ކަރަން ނޫން އެހެން ފިލްމު އުފައްދާ ފަރާތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ލޯބީގެ ކުލަ އަލުން ސިނަމާތަކުގައި ކަރަން ޖައްސަދީފި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މި ފިލްމުގެ ވަރަށް ބޮޑު ބައެއް ކަރަން ހާއްސަ ކޮށްފައިވަނީ އިންޑިއާގެ ބެންގޯލް ކޮމިއުނިޓީ އަށެވެ. ދާދި ފަހުން ފިލްމު ފެއަށް ދިން އިންޓަވިއުއެއްގައި ތަޖުރިބާކާރު ޑައިރެކްޓަރު ބުނީ "ރޮކީ އޯރް ރާނީ"އަކީ ދުވަސްވީ އެކުވެރިޔާ ކުރީގެ ބަތަލާ ޓުވިންކަލް ކަންނާއާއި އެކްޓަރު އަކްޝޭ ކުމާރުގެ ލޯބީގެ ޙަޔާތުގެ ވާހަކައާ ގުޅުވައިގެން ގެނެސްދިން ފިލްމެއް ކަމަށެވެ. އަކްޝޭއާއި ޓުވިންކަލް އަކީ ވަރަށް ލޯބިން އެކީގައި އުޅޭ ދެމަފިރިން ކަމަށާއި އާލިއާއާއި ރަންވީރުގެ ކެރެކްޓާ ލިޔުމުގައި އެ ދެމަފިރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ކަރަންވަނީ ބުނެފައެވެ.

ރަންވީރު ސިންގްއާއި އާލިއާގެ އިތުރުން ބަތަލާ ޖަޔާ ބައްޗަން، ޝަބާނާ އަޒްމީ އަދި ދަރުމެންދުރަ (ދަރޭ) މުހިއްމު ރޯލްއިން ފެންނަ މި ފިލްމު ސްޓްރީމިންގް ޕްލެޓްފޯމަކަށް އަންނާނެ އިންތިޒާރުގައި ތިބި ފަރާތްތަކަށް މިއީ ވަރަށް އުފާވެރި ޚަބަރެކެވެ. މި ފިލްމު ސްޓްރީމިންގް ޕްލެޓްފޯމްގައި ދައްކާއިރު ސިނަމާގައި ރިލީޒްކުރެވުނު ފިލްމުން ނުފެންނަ ބައެއް ސީންތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރިޕޯޓުތަކުންވަނީ ބުނެފައެވެ.

comment ކޮމެންޓް