'ކޭބީސީ' ސެޓު މާ ފިނިކަމަށް ބުނުމުން ލިބުނީ އަމީތާބުގެ އަގުބޮޑު ޖެކެޓެއް

'ކޭބީސީ' ސެޓު މާ ފިނިކަމަށް ބުނުމުން އަމީތާބުގެ އަގުބޮޑު ޖެކެޓު ދިނުން --

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން ހޯސްޓު ކުރަމުން އަންނަ ދުވަސްވީ ގޭމް ޝޯވްގެ ބައިވެރިޔަކަށް އަމީތާބް ބޭނުންކުރާ އަގުބޮޑު ޖެކެޓެއް ހަދިޔާއަކަށް ދީފިއެވެ.

ސޮނީ ޓެލެވިޒަންއިން ދައްކަމުން އަންނަ 'ކޯން ބަނޭގާ ކްރޯރްޕަތީ' (ކޭބީސީ)ގެ 14ވަނަ އެޕިސޯޑުގައި އަމީތާބު ބޭނުންކުރާ ޖެކެޓް ހަދިޔާ ކޮށްފައި ވަނީ ޖަސްނިލް ކުމާރު ނަމަކަށް ކިޔާ މީހަކަށެވެ.

ޖަސްނިލް ކުމާރަކީ ކޭބީސީގެ 14ވަނަ އެޕިސޯޑުގެ ޖެކްޕޮޓް ސުވާލުގެ ރަނގަޅު ޖަވާބު ދިމާކޮށްގެން ހަތް ކްރޯރް ރުޕީސް ކާމިޔާބުކުރި ދެވަނަ ބައިވެރިޔާއެވެ. ކޭބީސީގެ ބައިވެރިންނާ ހޯސްޓާ ދެމެދު ވަރަށް ވާދަވެރިކޮށް ކުރިޔަށްދާ މި ގޭމް ޝޯވްގެ ހުރިހާ ބައިވެރިންނާވެސް އަމީތާބު މުޚާތަބުކުރަނީ ވަރަށް ގާތްކޮށެވެ.

ތަފާތު އެކި ހެއްވާ ހާދިސާތަކުގެ ވާހަކަތައް ވެސް ހިއްސާ ކުރާ މި ޝޯވްގެ ބައިވެރިޔާ ޖަސްނިލްއަށް އަމީތާބްގެ ޖެކެޓެއް ދޭން ނިންމީ ޖަސްނިލްއަށް ކޭބީސީގެ ސެޓު މާ ފިނިވެ ހީކަރުވާ ކަމަށް ބުނުމުންނެވެ. އަމީތާބް އަމިއްލައަށް ޖަސްނިލްއަށް ފިނީގައި ބޭނުންކުރާ ޖެކެޓު ހެޔޮވަރުކޮށް ދެމުން ބުނީ މިހާރު މި ޖެކެޓަކީ ޖަސްނިލްގެ އެއްޗެއް ކަމަށެވެ. އެންމެ ފުރަތަމަ އަމީތާބު އެހެން ބުނުމުން ޖަސްނިލްއަށް އެކަން ޤަބޫލުކުރަން ދަތިވެ ދެވަނަ ފަހަރަށް އެކަން ޔަޤީންވެސް ކުރިއެވެ.

އަމީތާބް ބައްޗަންއަކީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އަދި އެތައް ހާސް ބައެއްގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ފިލްމީ ތަރިއެކެވެ. އަމީތާބްގެ ފަރާތުން މި ފެނުނު އޯގާތެރި ކަމަށްޓަކައި ވަރަށް ގިނަ ބަޔަކުވަނީ އަމީތާބަށް ތަޢުރީފުކޮށްފައެވެ. އަދި އަމީތާބް އަކީ ސަޕޯޓަރުންނާއެކު ހޭދަކުރާ ކޮންމެ ހިނދުކޮޅެއްވެސް އެފަރާތަކަށް ވަރަށް މުހިއްމު ހަނދާނުން ފޮހެލަން ދަތި ވަގުތުކޮޅަކަށް ބަދަލުކޮށްލާ ފަރާތެއް ކަމަށް އެއްބަޔަކު ވަނީ ބުނެފައެވެ. އަމީތާބް އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނީ ކުރިޔަށް އޮތް އޮކްޓޯބަރު މަހުގެ 20ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ގަނަޕަތު" އިންނެވެ.

comment ކޮމެންޓް