ވިސާ އާ ނުލާ ދިވެހީންނަށް ގަޔާނާ އަށް ދަތުރުކުރެވޭ ގޮތަށް ރާއްޖެއާ ގަޔާނާ އިން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި އެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ. އަދި ގަޔާނާ ގެ ސަރުކާރުގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން ހޫ ހިލްޓަން ޓޮޑްއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސް ވުމުގެ ދަށުން މިއަދުން ފެށިގެން ރާއްޖެ އަދި ގަޔާނާ ގެ ރައްޔިތުންނަށް ވެސް ވިސާއާ ނުލާ އެއްގައުމުން އަނެއް ގައުމަށް 30 ދުވަހުގެ މުއްދަތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ.
އެހެންނަމަވެސް ދިގު މުއްދަތަކަށް، ކިޔަވަން ނުވަތަ ވަޒީފާ އަދާކުރުން ފަދަ ކަމަކަށް ގޮސް ހުންނަ ނަމަ ވިސާ ބޭނުންވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުންވެސް ރާއްޖެއިން ވަރަށް ފަހުންވެސް ވަނީ އެހެން ގައުމުތަކަށްވެސް ވިސާއާ ނުލާ ދަތުރުކުރެވޭގޮތަށް އެއްބަސްވުން ތަކުގައި ސޮއި ކޮށްފައެވެ.