ދުވެލި ހުރި ގޮތުން އަހަރު ނިމެންވާއިރަށް ޗައިނާ މާކެޓު އެއްވަނައަށް

ވީއައިއޭ، ފަތުރުވެރިން، ޓޫރިސްޓުން

މިއަހަރު ކުރީކޮޅު ހުޅުވާލި ޗައިނާ މާކެޓުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައިވާތީ، އަހަރު ނިމެންވާއިރަށް ރާއްޖޭގެ އެއް ނަންބަރު މާކެޓަށް އެގައުމު ވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މިހާތަނަށް ޗައިނާއިން 133,962 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. އެއީ ޖުމްލަ ޒިޔާރާތްކުރި 1.3 މިލިއަން ފަތުރުވެރިންގެ 10 އިންސައްތައެވެ.

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 78،158 ފަތުރުވެރިންނެވެ. އޭރުން ފެށިގެން، މިހާތަނަށް ހިނގި ދޮޅު މަހެއްހާ ދުވަސް ތެރޭ އެކަނި ވެސް ބައިލައްކައަށް ވުރެ ގިނަ ފަތުރުވެރިން އެ ގައުމުން އައިސްފައިވެއެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން 152,967 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ޖުމްލަ އަދަދުގެ 11.7 ޕަސެންޓެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން 144,041 ފަތުރުވެރިން (11 ޕަސެންޓު) އައިސްފައިވެއެވެ.

"ރަޝިޔާއާ އެންމެ 1.5 ޕަސެންޓު ފަހަތުގައި، އަދި އިންޑިއާގެ 0.8 ޕަސެންޓުގައި އޮތް ޗައިނާއިން ދަނީ ރާއްޖޭގެ އެއްވަނަ ޓޫރިސްޓު މާކެޓުގެ މަގާމަށް ބާރު ސްޕީޑެއްގައި ކައިރިކުރަމުން،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ރޭޓުގައި ދާނަމަ، މިއަހަރު ނިމުމުގެ ކުރިން ޗައިނާ މާކެޓު އެއްވަނައަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

comment ކޮމެންޓް