ފަސިންޖަރެއްގެ 300 ޑޮލަރު ވަގަށް ނަގައި ދިރުވާލައިފި

އެއާޕޯޓުގެ ސެކިއުރިޓީ އޮފިސަރަކު، ފަސިންޖަރެއްގެ 300 ޑޮލަރު ވަގަށް ނަގައި އެ ޑޮލަރުތައް ދިރުވާލައިފިއެވެ.

ފިލިޕީންސްގެ ނިނޯއި އެކުއިނޯ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިނގި މި ހާދިސާގައި ސެކިއުރިޓީ އޮފިސަރު ޑޮލަރުތައް ފެނާލައިގެން ދިރުވާލަން މަސައްކަތް ކުރާ ވީޑިއޯ ވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ.

ސާވެއިލަންސް ކެމެރާގެ ވީޑިއޯތަކުން އާއްމުވެފައިވާ ގޮތުގައި، އެ އޮފިސަރު ވަނީ، ފަސިންޖަރުގެ ދަބަސް ފާސްކުރުމުގެ ތެރޭގައި އެއްޗެއްނަގައި ފޮރުވަން މަސައްކަތް ކޮށްފައެވެ. އަދި އެކްސްރޭ މެޝިން އޮޕަރޭޓްކުރަން އިން އޮފިސަރު، ދަބަސް ފާސްކުރި އޮފިސަރަށް ފެންފުޅިއެއް ދޭތަން ފެންނަ ކަމަށާއި، އެއާއެކު އެއޮފިސަރު ފެނާލައިގެން ޑޮލަރުތައް ދިރުވާލަން މަސައްކަތްކޮށްފައިވާ ކަމަށް އެއާޕޯޓުން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.

ކުދިކުދިކޮށް ފަތްޖަހާފައި ޑޮލަރުތައް ފެނާލައިގެން ދިރުވަން އޮފިސަރު މަސައްކަތް ކުރަމުންދިޔައިރު، އޭނާގެ ސުޕަވައިޒަރުވެސް ކައިރިއަށް އައިސް ވާހަކަދެއްކި ކަމަށާއި، އެ ވަގުތު އޭނާ ރުމާލަކުން އަނގަމަތި ފޮރުވަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓް ބުނެއެވެ.

މި ހާދިސާ މިހާރު ތަޙުޤީޤުކުރަމުންދާ ކަމަށާއި އަދި މި ހާދިސާގައި ބައިވެރިވާ ދެ މުވައްޒަފުން ސަސްޕެންޑްކޮށްފައިވާކަމަށް ފިލިޕީންސްގެ އޮފީސް އޮފް ޓްރާންސްޕޮޓޭޝަން ސެކިއުރިޓީން ވަނީ ހާމަކޮށްފައެވެ. އަދި އެއާޕޯޓުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމުގައި އިތުރު ފިޔަވަލުތައް އަޅާފައިވާކަމަށާއި އެގޮތުން ސެކިއުރިޓީ އޮފިސަރުންގެ ޔުނިފޯމުގެ ޖީބުތައް ބަލައި ފާސްކުރުންފަދަ ފިޔަވަޅުތައް އަޅާފައިވާކަމަށް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް