އެކްޓަރު ސަންޖޭ ދަތާއި ޓައިގާ ޝްރޮފް އެކީގައި ހެއްވާ މަޖާ އެކްޝަން މިއުޒިކަލް ފިލްމަކަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
"މާސްޓާ ބްލާސްޓް"ގެ ނަމުގައި އުފައްދަން ތައްޔާރުވަމުން އަންނަ މި ފިލްމަކީ، ފިރޯޒް ނަދިއަދުވާލާ ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރާއެކު މި ފިލްމުން ބަތަލާގެ ރޯލް އިން ފެންނާނެ ތަރިންގެ މަޢުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ހޮންގް ކޮންގް، މަކާއޯ އަދި ޗައިނާގެ ތަފާތު އެކި ސަރަޙައްދުތަކުގައި "މާސްޓާ ބްލާސްޓް"ގެ ޝޫޓިންގް ކުރިޔަށް ގެންދަން ނިންމާފައި ވާއިރު ސަންޖޭ ދަތާއި ޓައިގާ ޝްރޮފްއަށް ވަރަށް ހާއްސަ މާޝަލް އާޓްސް އަދި ޗައިނާގެ އާސާރީ ހަތިޔާރުތައް ގެންގުޅޭނެ ގޮތުގެ ހާއްސަ ތަމްރީނުތަކެއް ދޭން ނިންމާފައިވާކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މިއީ ސަންޖޭއާއެކު ޓައިގާ ފިލްމެއްގައި ލީޑް ރޯލް ކުޅޭ ފުރަތަމަ ފަހަރުވެސް މެއެވެ.
އެކްޝަން ފިލްމުތަކުން ފެނިފައިވާ ޓައިގާ މީގެކުރިން ހެއްވާ މަޖާ ފިލްމުތަކުން ފެނިފައި ވަނި ވަރަށްވެސް މަދުންނެވެ. އެހެންނަމަވެސް ސަންޖޭ ދަތުއަކީ އެކްޝަން ފިލްމުތަކާއެކު ވަރަށް ހެއްވާ މަޖާ ފިލްމުތަކުން އާއްމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެކްޓަރެކެވެ.
ޓައިގާ ޝްރޮފްގެ ކުރިޔަށް ހުރި ފިލްމުތަކަށް ބަލާއިރު ޓައިގާ ތައްޔާރު ވަމުން އަންނަނީ ކުރިޔަށް އޮތް އޮކްޓޯބަރު މަހުގެ 20ވަނަ ދުވަހު ރިލީޒްކުރާ ފިލްމު ":ގަނަ ޕަތު: ޕާޓް1"ގެ މަސައްކަތް ނިންމުމަށެވެ. ހަމަ އެއާއެކު އަންނަ އަހަރުގެ އޭޕްރިލް މަހު ޓައިގާއާއި އަކްޝޭ ކުމާރު ލީޑް ރޯލް ކުޅޭ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާ"ވެސް ރިލީޒްކުރުމަށްވަނީ ތާވަލުކުރެވިފައެވެ.