މޯނާ ސިންގްގެ ވެބް ސީރީސްއެއް އަންނަ މަހު ނެޓްފްލިކްސްއަށް

މަޝްހޫރު ޓެލެވިޒަން ސީރީސް "ޖެސީ ޖެސީ ކޮއި ނެހީ"އިން މަގުބޫލުވި ބަތަލާ މޯނާ ސިންގްގެ ވެބް ސީރީސް "ކާލާ ޕާނީ"ގެ ޓީޒާއާއެކު މި ސީރީސް ސްޓްރީމް ކުރާނެ ދުވަސް އިއުލާނު ކޮށްފިއެވެ.

ސަވައިއަލް ޑްރާމާ "ކާލާ ޕާނީ"އަކީ އިންޑިއާގެ ނޯތު އީސްޓުގެ އަންދަމަން ކަނޑުގައި އުފެދިފައިވާ ނިކޯބާރު ރަށްތަކުގައި ތާށިވެފައިވާ ބަޔަކު ސަލާމަތްވުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ސީރީސްއެކެވެ.

ޓީވީ ސީރީސްތަކުގެ އިތުރުން ބައެއް ފިލްމުތައްވެސް ކުޅެފައިވާ މޯނާ ސިންގްއާއެކު "ކާލާ ޕާނީ" ސީރީސްގެ ވަރަށް މުހިއްމު ރޯލްއަކުން، ފިލްމު ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކަރު ފެންނާނެއެވެ. ބައެއް ފިލްމުތަކުން މީގެކުރިންވެސް އާޝުތޯޝްވަނީ ފެނިފައެވެ. އޭގެތެރޭގައި، ޓީވީ ސީރީސް "ސާކަސް"، "ކަބީ ހާން ކަބީ ނާ" އަދި ފިލްމު "ޗަމަތުކާރު" ހިމެނެއެވެ.

"ކާލާ ޕާނީ"އަކީ ނެޓްފްލިކްސްއާއި ޕޯޝަމް ޕާ ޕިކްޗާސް ގުޅިގެން މިދިޔަ އަހަރު ގެނެސްދިން "ޖާދޫގަރު" ފިލްމަށްފަހު އެކީގައި މަސައްކަތް ކުރާ ދެވަނަ ޕްރޮޖެކްޓެވެ. މި ސީރީސްއަކީ ފިލްމު "ޖާދޫގަރު"ގެ ޑައިރެކްޓަރު ސަމީރު ސަކްސޭނާ އަދި އަމިތު ގޮލާނީ ކޯ-ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރާ ސީރީސް އެކެވެ.

މި ސީރީސްއަކީ ބެލުންތެރިން އެހެން ދުނިޔެއަކަށް ގެނެސްދޭނެ މުޅިން ތަފާތު ޖޯންރާއެއްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ސީރީސްއެއް ކަމަށް އާޝުތޯޝް ވަނީ ބުނެފައެވެ. ހަމައެއާއެކު މޯނާ ސިންގް ވެސް ބުނެފައި ވަނީ މި ސީރީސްއަކީ ބަތަލާއަށް ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ. އަދި ފިލްމީ ތަރިއެއްގެ ހައިސިއްޔަތުން ކުރިޔަށް ދިޔުމަށް ހުޅުވުނު އިތުރު ދޮރެއްކަމަށް މޯނާ ވަނީ ބުނެފައެވެ.

މޯނާ ސިންގް އާއި އާޝުތޯޝްގެ އިތުރުން އަމޭ ވާގް، ސުކާންތު ގޮއެލް، ވިކާސް ކުމާރު، އަރޫޝީ ޝަރުމާ އަދި ރާދިކާ މެހެރޮތުރާ މި ސީރީސްގެ މުހިއްމު ރޯލްއިން ފެންނާނެއެވެ.

comment ކޮމެންޓް