10،000 ޑޮލަރުގެ ނޫޓެއްް، ބައި މިލިއަނަށް!

އެމެރިކާ ޑޮލަރުގެ ތެރެއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު ނޫޓު ކަމަށްވާ 10،000 ޑޮލަރުގެ ނޫޓެއް، ބައި މިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ވިކިއްޖެއެވެ.

ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު ކުރިމަތިވި ގްރޭޓް ޑިޕްރެޝަންގެ ތެރޭގައި އިގްތިސޯދު އިނދަ ޖެހި ފައިސާގެ އަގު ދަށް ވެފައިވަނިކޮށް ޗާޕުކޮށްފައިވާ 10،000 ޑޮލަރުގެ ނޫޓުތަކަކީ އެމެރިކާ ޑޮލަރު އެއް ނޫޓަށް އެންމެ ބޮޑު އަދަދަކަށް އެރި އަދަދެވެ.

މި ނޫޓުތަކުގެ ތެރެއިން ވިކިފައިވާ ނޫޓަކީ 1932 ވަނަ އަހަރުގައި އިޝޫ ކޮށްފައިވާ ނޫޓެކެވެ. ޕޭޕާ މަނީ ގެރެންޓީ (ޕީއެމްޖީ) ސަޓިފައިކޮށްފައިވާ މި ނޫޓުގައި ފީޗާކޮށްފައިވަނީ ސެލްމަން ޕީ ޗޭސް އެވެ. އެއީ އޭރުގެ ރައީސް ލިންކަންގެ ކެބިނެޓްގެ ޓްރެޝަރީގެ ސެކްރެޓަރީއަށް ހުންނެވި ބޭފުޅެވެ.

އެމެރިކާގެ ޑެލަސްގައި ކުރިއަށް ގެންދިޔަ ހެރިޓޭޖް ނީލަމެއްގައި މި ނޫޓު ވިކިފައިވަނީ 480،000 އެމެރިކާ ޑޮލަރަށެވެ.

މީގެކުރީންވެސް ވަނީ 10،000 ޑޮލަރުގެ ނޫޓު ނީލަމުގައި ވިކިފައެވެ. ނަމަވެސް މިފަހަރު ވިކިފައިވާ އަދަދަކަށް އަދި މިހާތަނަށް ވިކިފައެއް ނުވެއެވެ. މީގެ ކުރީން އެންމެ ބޮޑު ކޮށްވެސް ނޫޓު ވިކިފައިވަނީ 384،000 އެމެރިކާ ޑޮލަރަށެވެ. އެއީ 2020 ވަނަ އަހަރުގައި ކުރިއަށް ގެންދިޔަ ނީލަން އިވެންޓެއްގައެވެ.

އެމެރިކާ ޑޮލަރުގެ ނޫޓުގެ އަގު އެންމެ ބޮޑަށް އުފުލިފައިވަނީ 10،000 ޑޮލަރަށެވެ. މިއީ ޑޮލަރު އާންމުންގެ ތެރޭގައި އެއް ނޫޓެއްގައި ދައުރުވި އެންމެ ބޮޑު އަދަދެވެ. ނަމަވެސް 100،000 ޑޮލަރުގެ ނޫޓުވެސް ވަނީ މީގެ ކުރީން ދައުރުވެފައެވެ. މި ނޫޓުތަކަކީ ހަމައެކަނި ފެޑެރަލް ރިޒާވް ބޭންކުތަކުން ފަންޑުތައް ބަދަލު ކުރުމުގައި ފަސޭހަކައަކަށް ބޭނުންކުރި ނޫޓުތަކެކެވެ. މިއީ އާންމުންނަށް ބޭނުން ކުރުމަށް އެއް އިރެއްގައި ވެސް ދޫކޮށްފައިވާ ނޫޓުތަކެއް ނޫނެވެ.

comment ކޮމެންޓް