ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގެއް: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު -- ފޮޓޯ/ ސަަން

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން އިންޑިއާއަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ބުނެ، ފަތުރަމުންދާ ވާހަކަތައް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދޮގު ކުރައްވައިފިއެވެ.

ދިވެހި ސަރުކާރުން މިކަން ދޮގުކޮށްފައި މިވަނީ ރާއްޖޭން ތިން ބިލިއަން ރުފިޔާގެ އިތުރު ލޯނެއް ނެގުމަށް އިންޑިއާ ސަރުކާރުގައި އެދިފައިވާ ކަމަށާއި އަދި އެކަމާބެހޭ ގޮތުން މިނިސްޓަރު އަމީރު އާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާ ބައްދަލުކުރައްވާފައިވާ ކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން މިއަދު ޝާއިއު ކުރި ޚަބަރަކާ ގުޅުވައިގެންނެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުން ތިން ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާއިން ނަގަން ހުށަހަޅާފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަށް ގެންދާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ފޯރި މިދުވަސްވަރު، ގަދަވެފައިވާއިރު، ސަރުކާރާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް އަންނަނީ ފަތުރަމުންނެވެ. އެފަދަ ތުހުމަތުތައް ސަރުކާރުން ދޮގުކުރެއެވެ.

comment ކޮމެންޓް