ޖޭޕީއާއި ޑިމޮކްރެޓްސްގެ މެޖޯރިޓީ ތާއީދު ލިބޭނެ: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން މީޑިއާތަކަށް ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

ޖުމްހޫރީ ޕާޓީއާއި، ޑިމޮކްރެޓްސްގެ ގިނަ މެންބަރުންގެ ތާއީދު ދެވަނަ ބުރުގައި ލިބޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މާލޭގައި ދޮރުން ދޮރަށް ހިންގެވުމަށް މިއަދު ބޭއްވި ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަކަވަމުން ރައީސް ވިދާޅުވީ އިންތިޚާބުގައި ވަކި ކޮޅަކަށް ތާއީދު ނުކުރުމަށް ނިންމާފައިވާ ޖޭޕީގެ ކައުންސިލުގެ ވަރަށް ގިނަ މެންބަރުންގެ އެންޑޯސްމެންޓް އިއްޔެއާއި، މިއަދު ލިބިފައިވާ ކަމަށެވެ.

"ޖޭޕީގެ ކައުންސިލުގެ ވަރަށް ގިނަ މެންބަރުން އަޅުގަނޑުމެންނާ ގުޅެން އެބަ މަޝްވަރާކުރޭ"،

"ޖޭޕީގެ މެޖޯރިޓީކަހަލަ ގޮތަކަށް އެމްޑީޕީއާއެކު، އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާގޮތަށް މިހާރު އޮތީ،" އޭނާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެވަނަ ބުރަށް ހުރިހާ ޕާޓީއެއްގެ ތާއީދު ލިބުނު ނަމަ، އިތުރަށް ފަސޭހަވީސް ކަމަށެވެ. ނަމަވެސް، މިހާރު ވެސް ގިނަ އާންމު މެންބަރުންގެ ތާއީދު ލިބެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޑިމޮކްރެޓްސްގެ ބޮޑު ބައެއް އަޅުގަނޑުމެންނާއެކު މަސައްކަތް ކުރުމަށް ނުކުމެ ވެސް އެބަތިބި އެހެންވީމަ، ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ އެންމެންގެ ތާއީދު މިހާރު ލިބެމުންދާ ވާހަކަ،" އެމަނިކުފާނު ވިދާޅުވިއެވެ.

ނިޒާމީ ވޯޓާ ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ކަމަކީ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީގައި ތިބި އިރުން ފެށިގެން ވާހަކަދައްކަމުން އައި ކަމެއް ކަމަށެވެ.

އޭރުވެސް، ރިޔާސީ އިންތިޚާބުގެ ފަހުން އެ ވޯޓު ނެގުމަށް ތާއީދުކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު، މަޖިލީހުގެ ތެރެއިން އެ ގަރާރަށް ތާއީދުކުރެއްވީ އެ ގޮތުގެ މަތިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް