ފިލްމު 'ތެންކް ޔޫ ފޯ ކަމިންގް'ގެ ޓީމު އިންޑިއާގެ މަޖިލިސްކުރާ ގެއަށް

ކުރިޔަށް އޮތް އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ތެންކް ޔޫ ފޯ ކަމިންގް"ގެ ކާސްޓުން އިންޑިއާގެ އާ މަޖިލިސް ކުރާ ގެއަށް އިޙުތިރާމުގެ ޒިޔާރަތެއް ކޮށްފިއެވެ.

އިންޑިއާގެ ނިއު ދެއްލީގައި ހުންނަ މަޖިލިސް ކުރާ ގެ (ޕާލަމަންޓް ހައުސް)އަށް މި ޓީމުން ޒިޔާރަތް ކޮށްފައި ވަނީ އިންޑިއާގެ ސްޓޭޓް އެސެމްބްލީސްތަކުންނާއި ލޯކް ސަބްހާއަށް ނިސްބަތްވާގޮތަށް މަޖިލިހަށް ކުރިމަތިލެވޭ ގޮނޑީގެ ޢަދަދު 33 އިންސައްތައަށް އިތުރުކުރިކަމުގެ ބިލް ފާސްކުރި ދުވަހާ ދިމާކޮށެވެ.

ވަރަށް ޤައުމީ ވަންތަކަން ދައްކުވައިދޭ ގޮތަށް ފިލްމުގެ ހުރިހާ ތަރިންވެސް ހެދުން އަޅާފައިވާއިރު މި ބިލްޑިންގް ފަރުމާކުރެވިފައިވާ ގޮތުގެ މަޢުލޫމާތުގެ އިތުރުން އިންޑިއާގެ އާސާރީ ވަރަށް ގިނަ މަޢުލޫމާތުތައް މި ޓީމާއެކު މަޖިލިސްކުރާ ގެއިން ވަނީ ޙިއްސާކޮށްފައެވެ.

ފިލްމު "ތެންކް ޔޫ ފޯ ކަމިންގް"ގެ ވަރަށް މުހިއްމު ރޯލް ކުޅޭ ބަތަލާ ބޫމީ ބުނެފައިވަނީ، އިންޑިއާގެ އާ މަޖިލިސްގެ ހުޅުވުނު ދުވަހު އެންމެ ފުރަތަމަ ވެސް އިސްކަން ދީފައިވަނީ ވިމެން ރިޒަވޭޝަން ބިލް ފާސްކުރުމަށް ކަމަށެވެ. އަދި އިންޑިއާއަށް ނިސްބަތްވާ ޒަމާނީ ވިސްނުންހުރި އަންހެނެއްގެ ހައިސިއްޔަތުން އެކަމާ ފަޚުރުވެރިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ނަތީޖާ ފޮނިވާނެކަމަށް އުއްމީދުކުރާ ކަމަށާއި އުއްމީދީ ބަދަލުތައް އަންހެނުންގެ ފަރާތުން ގެނެސްދެވޭނެ ކަމުގެ ޔަގީންކަން ބޫމީއަށް އެބަ އޮތްކަމަށް ވަނީ ބުނެފައެވެ.

ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ޕްރިމިއާ ކޮށްފައިވާ ފިލްމު "ތޭންކް ޔޫ ފޯ ކަމިންގް"އަކީ ހެއްވާ މަޖާ ހާދިސާތައް ދައްކުވައިދޭނެ ފިލްމެކެވެ. ބޫމީގެ އިތުރުން ފިލްމުގެ މުހިއްމު ރޯލްއިން ފެންނާނެ ތަރިންނަކީ ޝެހެނާޒު ގިލް، ޑޮލީ ސިންގް، ޚުޝާ ކަޕީލާ އަދި ޝިބާނީ ބެދީއެވެ. ޕްރޮޑިއުސަރު ރެއާ ކަޕޫރުގެ ފިރިމީގާ ކަރަން ބޫލާނީ ޑައިރެކްޓްކުރާ މި ފިލްމަކީ ބާލާޖީ މޯޝަން ޕިކްޗާސްއާއި އަނިލް ކަޕޫރު ފިލްމްސްއިން ގެނެސްދޭ ފިލްމެކެވެ.

comment ކޮމެންޓް