ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
ރިޔާޒް މިރޭ ވަނީ ރައީސް ޞާލިހާ ބައްދަލުކުރައްވާފައެވެ.
ރިޔާޒް ވިދާޅުވީ ރައީސް ޞާލިހަށް ތާއީދުކުރައްވަން ނިންމެވީ އެއީ މި ވަގުތު އެންމެ ރަނގަޅު ގޮތްކަމަށް ފެނިލައްވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޞާލިހަކީ އޭނާއާ ވަރަށް ކުރީއްސުރެ ވެސް ރަހުމަތްތެރި ބޭފުޅެއްކަމަށެވެ. އެ ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރެއިން ރައީސް އޭނާގެ ތާއީދަށް އެދިވަޑައިގަތުމުން، ތާއީދުކުރުމަށް ނިންމެވީކަމަށް ރިޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ފަރާތުން އެ އެހީއަށް އެދުނީމާ ދެން އެ ގޮތަށް ތާއީދުކުރީ،" މިއީ ނަމެއްގައި ކުރި ތާއީދެއް ނޫންކަން ފާހަގަކުރައްވައި ރިޔާޒްް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާގެ ކިބައިގައި ހުރި އެންމެ ފުރިހަމަ މިންވަރެއްގައި ރައީސަށް ކެމްޕޭން ކޮށްދެއްވާނެކަމަށެވެ.
މީގެ ކުރިން 2018ވަނަ އަހަރު ވެސް އެމްޑީޕީ ކެމްޕޭނުގައި ބައިވެރިވުމަށް އޭނާއަށް ރައީސް ދައުވަތުދެއްވިކަމަށް ރިޔާޒް ވިދާޅުވިއެވެ. ނަމަވެސް އެ ވަގުތު އެ ކަން ނުކޮށް މަޑުކުރީކަމަށް އޭނާ ވިދާޅުވިއެވެ.
"މި ވަގުތު އެގޮތަށް [ރައީސް ޞާލިހަށް ތާއީދުކުރަން ނިންމީ] މި ވަގުތަށް އެންމެ ރަނގަޅު ގޮތަށް ފެންނާތީވެ،" ރިޔާޒް ވިދާޅުވިއެވެ.
އެކި މީހުންނަށް އެކި ކަންކަން ފާހަގަވާނެކަމަށާއި ކޮންމެ ވެރިކަމެއްގައި ވެސް ރަނގަޅު ކަންކަމާއި ގޯސް ކަންކަން ހުންނާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.
މިއީ ގައުމުގައި ހިނގާ ސިޔާސީ ކަމެއް ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.
"އެއްބަޔަކަށް ރަނގަޅު އަނެއް ބަޔަކަށް ނުބައި، އެ ގޮތަށް އޮތް ކަމެއް. އެހެންވީމާ ގައުމާ ބެހޭ ގޮތުން ގައުމަށް ހެޔޮކޮށް އެ ބައެއްގެ ޕާޓީއަަށް ހެޔޮކޮށް ކަންތައްތައް ކުރަންވާނީ. ގައުމު ވަކި ރަނގަޅަށް ހިންގާ ބަޔަކު ނުފެނޭ. ކޮންމެ ބަޔަކު ވެސް އެ ވެރިކަމުގައި ތިބޭ ބަޔަކު އެ ބަޔަކަށް ފެންނަ ގޮތަކަށް ގައުމު ހިންގަނީ،" ރިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގައުމުގެ ކަންކަން ހިނގާނީ ވެރިކަމުގައި ތިބޭ ބައެއްގެ ސިޔާސަތުތަކުގެ މައްޗަށް ކަމަށެވެ.
ރިޔާޒްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވިލުފުށީ ދާއިރާގެ މެމްބަރުކަން ކުރެއްވިއިރު ޕީޕީއެމްގެ ޕީޖީގެ ޑެޕިއުޓީ ލީޑަރުކަން އަދައިކުރައްވައިފައެވެ.
މަޖިލީހުގައި އުޅުއްވިއިރު ރައީސް ޞާލިހާއެކު ރިޔާޒްވަނީ ޚާއްސަ މަޖިިލީހުގައާއި، މާލިއްޔަތު ކޮމިޓީއާއި، އެ ނޫން މަސައްކަތްތައް އެކުގައި ކުރައްވައިފައެވެ.
ރިޔާޒްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ސައީދު ވެސްވަނީ ރައީސަށް ތާއީދުކުރަން ނިންމަވައިފައެވެ.
ޖުމްހޫރީ ޕާޓީން ނިންމީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑީޑޭޓުންކަމަށްވާ ޑރ. މުހައްމަދު މުއިއްޒާއި، ރައީސް ޞާލިހުގެ ތެރެއިން އެއްވެސް ބޭފުޅަކަށް ތާއީދުނުކުރުމަށެވެ.