އީކޮމާސްގެ ހިދުމަތް ދޭ ''ޓިކްޓޮކް ޝޮޕް'' އެމެރިކާގައި ތައާރަފުކޮށްފި

ޗައިނާގެ ޓެކް ކުންފުނި، ބައިޓް ޑާންސްގެ ހިއްސާ އޮންނަ ޝޯޓް ވީޑިއޯ އެޕްލިކޭޝަން ޓިކްޓޮކްގެ އީ-ކޮމާސް ޚިދުމަތް ކަމަށްވާ "ޓިކްޓޮކް ޝޮޕް" އެމެރިކާގައި ތައާރަފްކޮށްފިއެވެ.

މިއީ ޓެކްނޮލޮޖީއަށް އަހުލުވެރި ޒުވާން ކަސްޓަމަރުންތަކެއް އުފެއްދުމަށާއި އާމްދަނީގެ ވަސީލަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާ ދަނޑިވަޅެއްގައި، އެތައް މަހެއް ވަންދެން ޓެސްޓު ކުރުމަށް ފަހު ބާޒާރަށް ނެރެވޭ ޕްރޮޑްކްޓެކެވެ.

ޓިކްޓޮކްގެ ހޯމް ސްކްރީނުން މިހާރު”ޝޮޕް ޓެބް’ 40 ޕަސެންޓް މީހުންނަށް ފެންނަން ހުނާނެއެވެ. މީ އޯޑަރު މެނޭޖްކޮށް ޓިކްޓޮކްގެ މާކެޓްޕްލޭސްގެ އުފެއްދުންތަށް ވެސް ފެންނަށް ހުންނާނެ ތަނެވެ.

ޓިކްޓޮކްއިން އޮކްޓޯބަރު މަހުގެ ކުރީކޮޅު ބުނެފައިވަނީ މި އެޕްލިކޭޝަން ބޭނުންކުރާ އެމެރިކާގެ 150 މިލިއަން ކަސްޓަމަރުންނަށް މި ފީޗާ މަޑުމަޑުން ތައާރަފު ކުރާނެ ކަމަށެވެ.

ޓިކްޓޮކްގެ ލައިވްސްޓްރީމިން އަދި ކުރު ވީޑިއޯތަކުގައި ބޭނުންކުރާ އުފެއްދުންތައް ހޯދުމާއި ސީދާ ގަތުމުގެ ފުރުސަތު ޓިކްޓޮކް ޝޮޕުން ލިބިގެންދާނެއެވެ. މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކުން ޓިކްޓޮކްގެ އީ-ކޮމާސްގެ ޚިދުމަތަށް ވަނީ ރަޖިސްޓްރީކޮށްފައެވެ.

"ޓިކްޓޮކް ޝޮޕުން މިހާރު ޝޮޕެބަލް ވީޑިއޯތަކާއި ލައިވްސްޓްރީމްތައް ސީދާ އެމެރިކާގެ އެކި ކަންކޮޅުތަކުގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ފޯ ‘ޔޫ ފީޑްސް’އަށް ގެނެސް، ބްރޭންޑްތަކާއި މާޗަންޓުން އަދި ކްރިއޭޓަރުންނަށް ޓިކްޓޮކް އެޕްގައި ހުންނަ ޝޮޕެބަލް ކޮންޓެންޓް މެދުވެރިކޮށް ‘ސީދާ ވިއްކޭނެ ވަސީލަތްތައް ލިބޭނެ،" އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

ކޮންޓެންޓް ކްރިއޭޓަރުންނަށް މި ފީޗާގެ ސަބަބުން ކޮމިޝަން ބޭސްޑް މާކެޓިން ޕާޓްނާޝިޕްތަކަށް ބްރޭންޑްތަކާ ގުޅިގެން އާމްދަނީގެ އާ ސްޓްރީމްތަކެއް ގެގެނެވޭނެ ފުރުސަތު އެބައޮތެވެ.

މީގެ އިތުރުން ވިޔަފާރި ކުރުމަށް ބޭނުންވާ ސްޓޯރޭޖް، ޕެކިން އަދި ޝިޕިން ފަދަ ހުރިހާ ލޮޖިސްޓިކްސްއެއް ބަލަހައްޓާ ޕްރޮގްރާމެއް ކަމަށްވާ "ފުލްފައިޑް ބައި ޓިކްޓޮކް" ވެސް ޓިކްޓޮކުން އަންނަނީ ފޯރުކޮށްދެމުންނެވެ. މިދިޔަ 2021 ވަނަ އަހަރު ޓިކްޓޮކްއިން އިންޑޮނޭޝިއާގައި އީ-ކޮމާސްގެ ހިދުމަތް ދޭން ފެށި އިރު، އޭގެ ފަހުން އިނގިރޭސިވިލާތް، މެލޭޝިއާ، ތައިލެންޑް އަދި ވިއެޓްނާމް ވެސް ޚިދުމަތް ލިބޭ ގައުމުތަކުގެ ތެރޭގައި މިހާރު ހިމެނެއެވެ.

ޑޮމެސްޓިކް ކޮންސަލްޓަންސީއެއް ކަމަށްވާ އިންޓަނެޓް އިކޮނޮމީ އިންސްޓިޓިއުޓްގެ ބިޒްނަސް ޓު ބިޒްނަސް އަދި ކްރޮސް ބޯޑާ ހަރަކާތްތައް ކަވަރުކުރާ ސީނިއާ އެނަލިސްޓެއް ވިދާޅުވީ އެމެރިކާގެ އީ-ކޮމާސް މާކެޓަކީ ދުވަސްވީ މާކެޓެއް ކަމަށާއި ޝޯޓް ވީޑިއޯ ޕްލެޓްފޯމެއްގެ ހައިސިއްޔަތުން ޓިކްޓޮކްގައި ވަރަށް ބޮޑު ޑޭޓާ ފްލޯއެއް ހުރުމުން އެ ޕްލެޓްފޯމަކީ ކްރޮސް ބޯޑާ އީ-ކޮމާސްގެ ތެރެއަށް ވަނުމަށް ހަރުދަނާ ބިންގަލެއް އެޅޭނެ ޕްލެޓްފޯމެއް ކަމަށެވެ. އެހެންނަމަވެސް ސަޕްލައި ޗެއިންތައް އެޅުން ހަރުދަނާ ކުރަން އެބަ ޖެހޭކަން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން އެމެޒޯން އަދި އަލީއެކްސްޕްރެސް ފަދަ ބޭރުގެ މާކެޓުތަކުގައި ގާއިމުކޮށްފައިވާ ކުންފުނިތަކުގެ ވަރުގަދަ ވާދަވެރިކަމާއި ޓިކްޓޮކަށް ކުރިމަތިލާން ޖެހޭނެއެވެ. އަލީއެކްޕްރެސް އަކީ އަލީބާބާ ގްރޫޕް ހޯލްޑިން ލިމިޓެޑްގެ ހިއްސާ އޮންނަ ކްރޮސް ބޯޑާ އޮންލައިން ރީޓެއިލްގެ ވަރުގަދަ ޕްލެޓްފޯމެކެވެ. ރަނގަޅު ޝޮޕިން ތަޖުރިބާތަކާއި ޚިދުމަތްތައް ފޯރުކޮށްދޭ ޕްލެޓްފޯމްތަކަށް މި ވާދަވެރި ވަގުތުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް އެނެލިސްޓް ވަނީ ފާހަގަ ކޮށްފައެވެ.

އީ-ކޮމާސް ސެގްމަންޓަށް ޓިކްޓޮކްއިން ބާރު އަޅާފައި މި ވަނީ ޗައިނާގެ އެހެން ކްރޮސް ބޯޑާ އޮންލައިން ޝޮޕިން ޕްލެޓްފޯމްތަކުން ބޭރުގެ މާކެޓުތަކުގައި އެ މީހުންގެ ބައިވެރިވުން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެހެންކަމުން މިއީ މިފަދަ ހުރިހާ ޕްލެޓްފޯމްތަކަށް ވަރަށް ވާދަވެރި ވަގުތެކެވެ.

މަޝްހޫރު ފާސްޓް ފެޝަން އޮންލައިން ރީޓެއިލާ، ޝީންއިން ވެސް ވަނީ ތަފާތު ޕްރޮޑަކްޓްތަކަށް އޮތް ބޮޑު ޑިމާންޑް ފުއްދުމުގެ ގޮތުން ދުނިޔޭގެ ބައެއް ބްރޭންޑްތަކާއި ތާޑް ޕާޓީ ވިއްކާ ފަރާތްތަކާ ގުޅިގެން އެ ކުންފުނީގެ ޕްރޮޑަކްޓް ކެޓަގަރީތައް ނުވަތަ ތަފާތު ވައްތަރުތަށް އިތުރަށް ފުޅާކުރަން ނިންމައިފައެވެ. ޝީންއިން ބްރެޒިލާއި އެމެރިކާއަށް ފަހު މެކްސިކޯގައި އިންޓަގްރޭޓެޑް މާކެޓްޕްލޭސްއެއް ރަސްމީކޮށް ތައާރަފު ކުރުމަށް ހަމަޖެހިފައިވާއިރު، ޝީންގެ އަމިއްލަ އުފެއްދުންތަކާ އެކު ތާޑް ޕާޓީ ވިއްކާ ފަރާތްތަކުގެ އުފެއްދުންތައް ވެސް އެ ކުންފުނިން ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު