ކުޑަގިރީގައި ވޯޓާ ސްލައިޑުން ވެއްޓުނު މީހަކަށް ފަރުވާދެނިކޮށް މަރުވެއްޖެ

ކުޑަގިރީގައި ވޯޓާ ސްލައިޑް ކުރަނިކޮށް މަރުވި، އުމަރު އަބްދުލްހަންނާން --

ކުޑަގިރީގައި ވޯޓާ ސްލައިޑުން ވެއްޓުނު މީހަކަށް ފަރުވާދެމުންދަނިކޮށް މިއަދު މަރުވެއްޖެއެވެ.

މަރުވީ، ހ. ޕޯޓްސައިޑް، އުމަރު އަބްދުލްހަންނާނު، 34، އެވެ.

އާބަންކޯގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މި އެކްސިޑެންޓު ހިނގީ އުމަރުގެ އާއިލާއާއެކު ކުޑަގިރިއަށް ދަތުރުގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އޭނާ މަރުވެފައި ވަނީ އެކްސިޑެންޓަށް ފަހު ހޭނާރާ ކޯމާއެއްގައި ހަފުތާއެއް ވަންދެން އޮތުމަށް ފަހު ކަމަށެވެ.

"އެކްސިޑެންޓް ހިނގަން މެދުވެރިވީ ވޯޓާ ސްލައިޑު ކުރަނިކޮށް އެކޮޅުކޮޅުން ވަރަށް ބާރަށް ގޮސް މޫދަށް ވެއްޓި އަޑީގައި ބޯ ޖެހިގެން. ހާދިސާ ހިނގުމުން ހަމަ ވަގުތުން މާލެ ގެނެސް ހޮސްޕިޓަލްގައި ފަރުވާ ދޭން ފެށީ. އޭނާ މިއަދު މަރުވީ ހަތް ދުވަސް ވަންދެން ކޯމާއެއްގައި އޮވެފައި،" އާބަންކޯގެ އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އުމަރަކީ އެއާޕޯޓު ރެޕަކަށް އުޅޭ މީހެކެވެ.

އުމަރުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

comment ކޮމެންޓް