ކަންގަނާފަދަ ފިލްމީ ތަރިން އިންޑަސްޓްރީގައި މަދު: ހަންސަލް މެހެތާ

ހިންދީ ސިނަމާގައި ކަންގަނާ ރަނާވަތު ފަދަ ބަތަލާއިން މިހާރު ވަރަށް މަދު ކަމަށް ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދާފައިވާ ޑައިރެކްޓަރު ހަންސަލް މެހެތާ ބުނެފި --

ހިންދީ ސިނަމާގައި ކަންގަނާ ރަނާވަތު ފަދަ ބަތަލާއިން މިހާރު ވަރަށް މަދު ކަމަށް ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދާފައިވާ ޑައިރެކްޓަރު ހަންސަލް މެހެތާ ބުނެފިއެވެ.

ހަންސަލް މެހެތާ މިހެން ބުނެފައިވަނީ މީގެ އަހަރެއް ކުރިން އުފެއްދި ފިލްމު "ސިމްރަން"ގައި ކަންގަނާ ހިމެނުނީތީ އެކަމާ ހިތާމަކުރާކަންވެސް ފާޅުކޮށްފައި ވަނިކޮށެވެ.

ފިލްމު "ސިމްރަން" ބޮކްސް އޮފީހުގައި ކާމިޔާބު ނުވުމަކީ ކަންގަނާގެ މައްސަލައެއް ނޫންކަމަށް މިހާރު ދެކޭ ކަމަށް ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ހަންސަލް މެހެތާ ވަނީ ބުނެފައެވެ. ކަންގަނާއަކީ މިއަދުގެ ސިނަމާއަށް ނަޒަރު ހިންގާލާއިރު ހޮވާލެވޭ ފަދަ ހުނަރުވެރި ބަތަލާއެއްކަމަށް ހަންސަލްވަނީ ބުނެފައެވެ.

މާޒީގައި ކަންގަނާ ކުޅެފައިވާ ގިނަ ފިލްމުތަކުންވެސް ކަންގަނާގެ ހުނަރުވެރިކަން ފެންނަ ކަމަށާއި ފިލްމު "ސިމްރަން"ގައިވެސް ކަންގަނާ ދެއްކި އެކްޓިންގްއަށް ޑައިރެކްޓަރު ހަންސަލްވަނީ ވަރަށް ބޮޑަށް ތަޢުރީފު ކޮށްފައެވެ.

ހަންސަލް މެހެތާ މި މޭރުމުން ވާހަކަ ދައްކާފަވާއިރު ޕްރޮޑިއުސަރު އަނޫރާގް ކަޝްޔަޕްވެސް ދާދިފަހުން ވަނީ ކަންގަނާއަށް ވަރަށް ބޮޑަށް ތަޢުރީފުކޮށް ވާހަކަ ދައްކާފައެވެ. ކަންގަނާއަކީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކާ ޚިޔާލު ތަފާތުވުންތަކެއް ހުރި ފަރާތަކަށް ވިޔަސް ކަންގަނާއަށް ލިބިފައިހުރި ހުނަރު އެއްވެސް ބަޔަކަށް ޖަހައިނުގަނެވޭކަމަށް އަނޫރާގު ވަނީ ބުނެފައެވެ. އަނޫރާގު އެކޭ އެއްގޮތަށް ހަންސަލް މެހެތާވެސް ބުނެފައިވަނީ ކަންގަނާ ފަދަ މަސައްކަތަށް ކަމޭހިތާ ފިލްމީ ތަރިން ސިނަމާގައި މިއަދު މަދުކަމަށެވެ.

ކަންގަނާގެ ފިލްމެއް އެންމެފަހުން ރިލީޒްކޮށްފައި ވަނީ މިދިޔަ އަހަރުއެވެ. އަރުޖުން ރާމްޕާލްވެސް މުހިއްމު ރޯލްއިން ފެނުނު ފިލްމު "ދާކަދު"އަކީ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. ކަންގަނާ އަންހެން އެޖެންޓެއްގެ ރޯލް ކުޅުނު މިފިލްމަށް ބޮކްސް އޮފީހުގައި ކުރިމަތިވީ ނާކާމިޔާބީއާއެވެ.

އެހެންނަމަވެސް ކަންގަނާގެ ކުރިޔަށް ރިލީޒްވާން ތައްޔާރުވެފައިވާ ފިލްމުތަކަކީ ވަރަށް އުއްމީދީ ފިލްމުތަކެކެވެ. އެގޮތުން އެންމެ އަވަހަށް ބެލުންތެރިންނަށް ބަތަލާ ފެންނާނީ މި މަހުގެ 28ގައި ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "ޗަންދުރަމުކީ"އިންނެވެ. މި ފިލްމަށްފަހު މިއަހަރުގެ ނޮވެމްބަރު މަހު 24ގައި ކަންގަނާގެ ފިލްމު "އިމަޖެންސީ"ވެސް ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް