ވަރުންއާއި ބައްޕަ އެކުގައި މަސައްކަތްކުރާ ހަތަރު ވަނަ ފިލްމަށް ތައްޔާރުވަނީ

ދެ ބަފައިން އެކީގައި މަސައްކަތްކުރާ ހަތަރުވަނަ ފިލްމަށް ވަރުން ތައްޔާރުވަނީ --

ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަންއާއި ބައްޕަ ޑޭވިޑް ދަވަން އެކީގައި އިތުރު ފިލްމަކަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މީގެ ކުރިންވެސް ދެ ބަފައިން އެކީގައި ވަނީ ފިލްމު "މޭ ތެރަ ހީރޯ"، "ޖުޅްވާ 2" އަދި "ކޫލީ ނަމްބަރު1"ގައި އެކީގައި މަސައްކަތް ކޮށްފައެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާއިން ބުނެފައި ވަނީ ޑޭވިޑް ދަވަން މި ފިލްމުގެ މަސައްކަތް ކުރިޔަށް އޮތް އަހަރުތެރޭ ފަށާނެ ކަމަށެވެ. ވަރުން އާއެކު މިއީ ޑޭވިޑް ދަވަން މަސައްކަތްކުރާނެ ހަތަރުވަނަ ފިލްމެވެ.

މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ޕްރޮޑިއުސަރު ޑޭވިޑް ދަވަންވަނީ އޭނާގެ ޓީމާއެކު ތަފާތު ޚިޔާލުތައް ކޮވިޑް-19އިގެ ދުވަސްވަރު ހިއްސާކޮށްފައެވެ. ސްކްރިޕްޓް ލިޔާ ފަރާތްތަކުގެ މަޝްވަރާއާއެކު ޑޭވިޑް ދަވަން އުފައްދާ މި ފިލްމަކީ އޭނާ ޑައިރެކްޓް ކުރާނެ 46ވަނަ ފިލްމެވެ.

ކާމިޔާބު ގިނަ ހެއްވާ މަޖާ ފިލްމުތައް ސިނަމާތަކަށް ގެނެސްދިން 'ކޮމެޑީ ކިންގް'ގެ ނަމުން ޑޭވިޑް ދަވަން މަޝްހޫރުވެފަވާއިރު ބައްޕައާއެކު އިތުރު ކޮމެޑީ ފިލްމެއްގައި މަސައްކަތްކޮށްލަން ވަރުން ހުރީ ކެތްމަދުވެފައި ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ފިލްމުގައި ޑޭވިޑް ދަވަން މިހާތަނަށް ގެނެސްދީފައިވާ ހެއްވާ މަޖާ ފިލްމުތަކުން ފެނިފައިވާ ހުރިހާ ރަހަތަކެއްވެސް އެކުލެވޭނެކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ބުނެފައެވެ.

ވަރުން ދަވަން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ޖުލައި މަހު އެމޭޒަން ޕްރައިމްގައި ސްޓްރީމް ކުރަން ފެށި ފިލްމު "ބަވާލް"އިންނެވެ. ބަތަލާ ޖާންވީ ކަޕޫރާއެކު ވަރުން ލީޑް ރޯލް ކުޅެފައިވާ މި ފިލްމަށް ގިނަ ބަޔަކުވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

ވަރުންގެ ކުރިޔަށް ހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެކްޓަރުވަނީ އެމޭޒަން ޕްރައިމްއިން އުފައްދާ ވެބް ސީރީސް "ސިޓަޑެލް އިންޑިއާ"ގެ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން ވަރުންވަނީ ކުޅަދާނަ ޑައިރެކްޓަރު އެޓްލީ "ވީޑީ18"ގެ ނަމުގައި އުފައްދާ ފިލްމަށްވެސް ސޮއިކޮށްފައެވެ. ވަގުތީ ގޮތުން "ވީޑީ18"ގެ ނަން ދީފައިވާ މި ފިލްމަކީ އެކްޝަން ތުރިލާއެކެވެ.

comment ކޮމެންޓް