އިންޑިއާގެ ސިނަމާ ވުޖޫދަށް އައިގޮތް ކިޔާދޭން ރާޖާ މޮލީ ތައްޔާރުވަނީ

ރާޖާ މޮލީ ތައްޔާރުވަނީ އިންޑިއާގެ ސިނަމާ ވުޖޫދަށް އައިގޮތް ކިޔާދޭން --

ތެލުގޫ ސިނަމާގެ ކުޅަދާނަ ޑައިރެކްޓަރު ރާޖާ މޮލީ އިންޑިއާގެ ފިލްމު އިންޑަސްޓްރީ އުފެދިގެން އައި ގޮތުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމައިފިއެވެ.

"މޭޑް އިން އިންޑިއާ"ގެ ނަމުގައި ރާޖާ މޮލީ އިޢުލާނުކުރި މި ފިލްމަކީ އިންޑިއާގައި ފިލްމީ މަސައްކަތް ފެށިގެން އައިގޮތް ކިޔައިދޭނެ ބައޮޕިކްއެކެވެ.

ފިލްމު "ބާހޫބަލީ" އަދި "އާރްއާރްއާރް"ފަދަ ފިލްމުތައް ވުޖޫދަށް ގެނެސްދީފައިވާ ރާޖާ މޮލީ ބުނެފައިވަނީ، މި ފިލްމުގެ ނެރޭޝަން އަޑު އަހާލުމަށްފަހު ދުވަހަކުވެސް އިހުސާސު ނުކުރެވޭފަދަ ޖަޒުބާތުތަކެއް ހިތުތެރޭ އުފެދުނު ކަމަށެވެ.

"މޭޑް އިން އިންޑިއާ"ގެ ނަމުގައި އުފައްދާ މި ބައޮޕިކް ސިނަމާއަށް ގެނެސްދިނުމަކީ ވަރަށް ބޮޑު އެހާމެ ބުރަ މަސައްކަތެއްކަމަށް ތަޖުރިބާކާރު ޑައިރެކްޓަރުވަނީ ސިފަކޮށްފައެވެ. އެހެންނަމަވެސް މިހާތަނަށް އުފެއްދި ކޮންމެ ފިލްމަކީވެސް އަމިއްލައަށް ކެރިގެން ކުރިމަތިލި ޗެލެންޖްތަކެއް ކަމަށާއި މި ޗެލެންޖަށްވެސް ރާޖާ މޮލީއާއި ޓީމު އޮތީ ތައްޔާރަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރާޖާ މޮލީގެ ޚާއްސަ އިރުޝާދުގެ ދަށުން މި ބައޮޕިކްގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާނީ ރާޖާ މޮލީގެ ދަރިފުޅު އެސް އެސް ކާތިކެޔާ އަދި ތެލުގޫ ޕްރޮޑިއުސަރު ވަރުން ގުޕްތާއެވެ. އަދި ފިލްމުގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ޤައުމީ އެވޯޑް ކާމިޔާބު ކޮށްފައިވާ ނިތިން ކައްކަރުއެވެ.

އަމިއްލަ ޤައުމުގެ އުފެއްދުންތެރިކަން ރަމްޒުކޮށްދޭނެ ފިލްމެއް ގެނެސްދޭން ލިބުނު ފުރުސަތަކީ އެކަމާ ފަޚުރުވެރިވާ ކަމެއްކަމަށް ރާޖާ މޮލީވަނީ ބުނެފައެވެ. އިންޑިއާއަކީ ތަފާތު އެކި ބަހުރުވައިން އަހަރެއްގެ މައްޗަށް އެތައް ހާސް ފިލްމެއް އުފައްދާ ޤައުމެކެވެ.

އިންޑިއާގެ ހިންދީ ސިނަމާއިން އުފައްދާ ފިލްމުތަކަކީ އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގައިވެސް ވަރަށް މަޤުބޫލު އުފެއްދުންތަކެކެވެ. ހިންދީ ސިނަމާއެކޭ އެއްގޮތަށް އިންޑިއާގެ ދެކުނު ސިނަމާގެ އުފެއްދުންތަކަށްވެސް އާއްމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބު ވަނީ ކުރިޔަށްވުރެ ބޮޑަށް އިތުރުވެފައެވެ. މި ދެ ސިނަމާގެ ވެސް ވާދަވެރިކަން ބޮޑުވެފައިވާއިރު މިހާރަކަށް އައިސް އުފައްދާ ގިނަ ފިލްމުތައް ރިލީޒްކުރާ ބަހުރުވަވެސް ވަނީ އިތުރު ވެފައެވެ.

comment ކޮމެންޓް