ތައްބޫއާއި ޢަލީ ފަޒަލްގެ ސްޕައި ތުރިލާ ނެޓްފްލިކްސްއަށް

ބަތަލާ ތައްބޫއާއި ވަމީކާ ގައްބީ އާއި ޢަލީ ފަޒަލް ފުރަތަމަ ފަހަރަށް އެކީގައި މަސައްކަތްކުރާ ފިލްމު "ޚޫފިޔާ"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.

ކުރިޔަށް އޮތް އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ނިންމާފައިވާ ފިލްމު "ޚޫފިޔާ"އަކީ ޑައިރެކްޓަރު ބަރަދްވާޖްގެ ފިލްމެކެވެ.

މި ފިލްމަކީ ސްޕްއި ތުރިލާއެއް ނަމަވެސް ލޯބީގައި ތެދުވެރިކަމާއެކު އުޅެ ބޭވަފާތެރިވުމުން އެކަކު އަނެކަކަށް ބަދަލު ހިފުމުގެ ކަންތައްގަނޑެއް ފެންނާނެކަމަށް ޑައިރެކްޓަރު ވިޝާލްވަނީ ބުނެފައެވެ.

"ޚޫފިޔާ"ގައި ތައްބޫ ކުޅެފައިވަނީ އިންޑިއާގެ ޖާސޫސީ އިދާރާ ރޯ އެޖެންޓެއްގެ ރޯލެވެ. މިފިލްމާ ބެހޭގޮތުން ޑައިރެކްޓަރު ވިޝާލް ބަރަދުވާޖު ބުނެފައިވަނީ މި ޖޯންރާގެ ފިލްމެއް އުފެއްދުމަށް އަބަދުވެސް ޝައުގުހުންނަކަމަށެވެ. ހަމަ އެއާއެކު މިފިލްމުން ބަތަލާ ތައްބޫއާއެކު އަލުން މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބުމަކީވެސް ނުހަނު އުފާވިކަމެއް ކަމަށް ވިޝާލްވަނީ ބުނެފައެވެ.

އަލީ ފަޒަލް އާއި ބަތަލާ ވަމީކާ ގައްބީފަދަ ހުނަރުވެރި އެކްޓަރުންނާއެކު މަސައްކަތްކޮށްލަން ލިބުނު ފުރުސަތަކީ ވަރަށް އުފާވެރި ތަޖުރިބާއެއްކަމަށް ޑައިރެކްޓަރު ވިޝާލްވަނީ ސިފަކޮށްފައެވެ.

ބަތަލާ ތައްބޫއާއި ވިޝާލް ބަރަދުވާޖު އެކީގައި މަސައްކަތްކުރި ފިލްމުތަކުގެތެރޭ "ހައިދަރު" އަދި "މަޤްބޫލު" ހިމެނެއެވެ. ފިލްމު "ހައިދަރު"އަކީ ތައްބޫގެ ވަރަށް ފުރިހަމަ އެކްޓިން ދައްކުވައިދިން ފިލްމެކެވެ. ފިލްމު ރިލީޒްކުރި އަހަރު ފަސް ޤައުމީ އެވޯޑް ކާމިޔާބުކުރި "ހައިދަރު"އަކީ ބޮކްސް އޮފީހުގައިވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. ޑައިރެކްޓަރު ވިޝާލްގެ ތިން ފިލްމެއް މިއަހަރުވަނީ ރިލީޒްވެފައެވެ. އެއީ ފިލްމު "ޗާލީ ޗޯޕްރާ"، "ފުރުސަތު" އަދި ދާދިފަހުން ރިލީޒްވި ފިލްމު "ކުއްތޭ"އެވެ.

comment ކޮމެންޓް