ޑަޔާނާގެ ސްވެޓަރެއް 1 މިލިއަން ޑޮލަރަށް

ޑަޔާނާގެ މި ސްވެޓަރު ނީލަމުގައި ވިއްކާލާފައި ވަނީ 1.14 މިލިއަން ޑޮލަރަށް --

އިނގިރޭސިވިލާތުގެ ޕްރިންސެސް ޑަޔާނާ ތުރުކުރެއްވި ސްވެޓަރެއް އެއް މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށް ވިކިއްޖެއެވެ.

ޕްރިންސެސް ޑަޔާނާގެ އެކި ކަހަލަ ހެދުންތަކަކީ މިހާރުވެސް ފެޝަންގެ ތާރީޚުގައި ހިމެނޭ ތަކެއްޗެވެ. އެކަމާ ގުޅިގެން ޑަޔާނާ ތުރު ކުރައްވާފައިވާ އަންނައުނު ބޮޑެތި އަގުތަކުގައި ވިކެއެވެ.

ދާދި ފަހުން ސަދަބީސް އިން ނީލަމަށް ލައިގެން ވިއްކާލާފައިވަނީ ޑަޔާނާ 1981 ވަނަ އަހަރު ތުރު ކުރައްވާފައިވާ ސްވެޓަރެކެވެ. މި ސްވެޓަރަކީ ޗާލްސް އާ އެންގޭޖުވެ ހުންނަވަނިކޮށް ޕޯލޯ އިވެންޓަކަށް ޑަޔާނާ ތުރުކުރެއްވި ސްވެޓަރެކެވެ.

ދާދިފަހުން އެ ވިއްކާލާފައިވަނީ ކުރީން ލަފާކޮށްފައިވާ އަދަދަށް ވުރެ އެތައް ގުނައެއް މަތީންނެވެ. އެގޮތުން ނީލަން އިވެންޓު ނިމެން ގާތް ވެފައިވަނިކޮށް އެ ސްވެޓަރު ފުރަތަމަ ވިކެން އޮތީ 190،000 އެމެރިކާ ޑޮލަރަށެވެ. މިއީ ވެސް އެންމެ ފުރަތަމަ ލަފާކޮށްފައިވާ އަދަދަށް ވުރެ ބޮޑު އަދަދެކެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެ ސްވެޓަރު ވިކުނީ 1.14 މިލިއަން ޑޮލަރަށެވެ. އެންމެ ފުރަތަމަ ސްވެޓަރު ވިކޭނެ ކަމަށް ލަފާކޮށްފައިވަނީ 50،000 ޑޮލަރާއި 80،000 ޑޮލަރާ ދެމެދުގެ އަގަކަށެވެ.

އެ އަދަދާއެކު ޑަޔާނާގެ ސްވެޓަރު މިހާރު ވެފައިވަނީ މިހާތަނަށް އެންމެ އަގުބޮޑުކޮށް ވިކުނު ސްވެޓަރަށެވެ. މީގެކުރިން އެ ރެކޯޑު އޮތީ މަޝްހޫރު ލަވަކިޔުންތެރިޔާ ކާޓް ކޮބެއިން ލައިގެން އުޅުނު ކާޑިގަންގައެވެ.

ޑަޔާނާގެ ސްވެޓަރު ގަނެފައިވަނީ ކާކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ ކުރީން ވެސް ޑަޔާނާގެ ބައެއް ތަކެތި ނީލަމުން ގަނެފައިވާ ބައެއް ކަމަށް އިޝާރާތްތަކެއް ކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު