ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން އެކުންފުނީގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމްތައް ދުނިޔޭގެ އެކިކަންކޮޅުތަކަށް އަންނަނީ ދޫކުރަމުންނެވެ.
އެގޮތުން އެންމެ ގިނަބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އައި އައިއޯއެސް 17 އާ އެކު މެކް އޯއެސް ސޮނޯމާ، އައިޕެޑް އޯއެސް 17، ޓީވީއޯއެސް 17 އަދި ވޮޗްއޯއެސް 10 ފަދަ އިތުރު ސޮފްޓްވެއާ އަޕްޑޭޓްތައް އެ ކުންފުނީގެ ޕްލޭނާ އެއްގޮތަށް އިއްޔެއިން ފެށިގެން އަންނަނީ ޑިވައިސްތަކަށް ތައާރަފު ކުރަމުންނެވެ.
މި އަޕްޑޭޓްތަކުގެ ސަބަބުން އެޕަލްގެ ޑިވައިސްތަކުގައި މިހާރު ހުރި ގިނަ އެޕްލިކޭޝަންތަކާއި ހިދުމަތްތައް އިހުނަށްވުރެ ރަނގަޅުވާނެ ކަމަށް އެ ކުންފުނިން ބުނާއިރު، އާ ފީޗާތަކެއް ވެސް އިތުރުވާނެއެވެ. އޭގެ ތެރޭގައި އާ ޖާނަލް އެޕްލިކޭޝަނާއި އެޕަލް މިއުޒިކްގެ ކޯލަބްރޭޓިވް ޕްލޭލިސްޓްތައް ސާޗް ކުރެވޭ ތަފާތު ގޮތްތައް ހިމެނޭ ފީޗާއެއް ހިމެނެއެވެ.
އައިއޯއެސް 17ގެ އިތުރުން މެކްއޯއެސް ސޮނޯމާއަށް ވެސް ވަނީ ފީޗާތަކެއް އިތުރުކޮށްފައެވެ. ފަހުގެ އަޕްޑޭޓް އިންސްޓޯލް ކުރުމުން އެ ބަދަލުތައް ފެންނާނެއެވެ.
އައިއޯއެސް 17ގެ ޔޫޒާ އިންޓަފޭސް އައިއޯއެސް 16 އާ ވަރަށް އެއްގޮތް ނަމަވެސް، ފޯނުގެ ގިނަ އެޕްލިކޭޝަންތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއްބަދަލަކީ ކޮންޓެކްޓް ލިސްޓްގެ ފޮޓޯއަށް ނުވަތަ ޕޯސްޓަރަށް ގެނެސްފައިވާބަދަލެވެ.
އެޕަލްއިން ބުނި ގޮތުގައި ބައެއް ސަރަހައްދުތަކެއްގައި އޮންލައިންކޮށް ޕްރޮސެސްކުރާ ލައިވް ވޮއިސްމެއިލްގެ ރިއަލް ޓައިމް ޓްރާންސްކްރިޕްޝަން ވެސް ޔޫޒަރުންނަށް މިހާރު ފެންނާނެއެވެ.
މީގެ އިތުރުން އައިއޯއެސް 17ގައި އެޕަލްގެ އެއާޑްރޮޕްއަށްވެސް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްފައެވެ. އެގޮތުން ފައިލެއް ޝެއާކޮށް، ޝެއާޕްލޭ ސެޝަނެއް ފަށަން ނުވަތަ އެކުގައި ގޭމެއް ކުޅެން ބޭނުންނަމަ މިހާރު ދެ ޑިވައިސް އެއްކޮށްވެސް ބޭނުން ކުރެވޭނެއެވެ.
މިހާރުވެސް އައިއޯއެސް 16ގައި ހުރި އެއާޑްރޮޕް ފީޗާއިން ތަފާތު ވައްތަރުގެ ޑޭޓާ ހިއްސާކުރުމުގެ އިތުރުން، ނޭމްޑްރޮޕްގެ ނަމުގައިވެސް އާ ފީޗާއެއް ވަނީ ތަޢާރަފްކޮށްފައެވެ. އެއީ ކޮންޓެކްޓް މައުލޫމާތާއި، ކޮންޓެކްޓް ޕޯސްޓަރު ވެސް ހިމެނޭ ގޮތަށް އަދި އެހެން ޔޫޒަރަކާ ހިއްސާ ކުރެވޭނެ ގާބިލް ކަމާއެކު ތަޢާރަފް ކޮށްފައިވާ ފީޗާއެކެވެ.
ދުނިޔޭގެ އެންމެ ގިނަބަޔަކު ބޭނުން ކުރަމުން އަންނަ އައިފޯން މޮޑެލްތަކުގެ އެންމެ ފަހުގެ ސްމާޓް ފޯންތަކުގެ އަޖުމަ ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. އެޕަލްއިން މިހާރު ވަނީ އައިފޯނާއި އައިއޯއެސްއަށް ގެނައި ބޮޑެތި ކުރިއެރުންތަކާއެކު އެމީހުންގެ އިންތިޒާރަށް ނިމުން ގެނެސްދީފައެވެ.