ޓައިގާ ޝްރޮފްގެ 'ގަނަޕަތު:ޕާޓް1' އަންނަ މަހު ސިނަމާތަކަށް

ބޮލީވުޑްގެ ޒުވާން އެކްޝަން އެކްޓަރު ޓައިގާ ޝްރޮފްގެ ފިލްމު "ގަނަޕަތު: ޕާޓު1"ގެ ފުރަތަމަ ޕޯސްޓަރާއެކު ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީޚު އިޢުލާނުކޮށްފިއެވެ.

މި ފިލްމަކީ ޕްރޮޑިއުސަރު ވިޝާލް ބަގްނާނީއާ ޕޫޖާ އެންޓަޓެއިންއާއި ގުޑް ކޯ ޕްރޮޑަކްޝަންއިން ގެނެސްދޭ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ.

ފިލްމުގެ ޓެގްލައިންގެ ގޮތުގައި 'ގަނަޕަތު- އަ ހީރޯ އިޒް ބޯން' ހަމަޖެހިފައިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ ކުރިޔަށް އޮތް އޮކްޓޯބަރު މަހުގެ ވިހިވަނަ ދުވަހުއެވެ. މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ ހިންދީ ބަހުރުވައިގެ އިތުރުން ތަމަޅަ، ތެލުގޫ، މަޅަޔާލަމް އަދި ކަންނާޑާ ބަހުރުވައިންނެވެ. މި އަހަރު ސިނަމާތަކަށް އަންނާނެ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ "ގަނަޕަތު: ޕާޓު01"އަކީ ޓައިގާގެ އެކްޝަން ފިލްމެއް ބެލުންތެރިންނަށް ނުފެންނަތާ ގިނަ ދުވަސްތަކަކަށްފަހު އާއްމުންނަށް ޓާއިގާ މި ސިފައިގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

ހަމައެކަނި ފިލްމުގެ ޕޯސްޓަރަށް ބަލާލުމުންވެސް ފިލްމުން ބެލުންތެރިން ތަޖުރިބާކުރާނެ އިހުސާސްތައް ދެނެގަނެވޭނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ޓައިގާގެ އިތުރުން އަމީތާބް ބައްޗަންގެ އިތުރުން ބަތަލާ ކްރިތީ ސެނޮން މުހިއްމު ރޯލްއިން ފެންނާނެއެވެ. މި އަހަރުގެ ޤައުމީ އެވޯޑް ކާމިޔާބުކުރި ބަތަލާ ކްރިތީ ސެނޮން ބޮލީވުޑަށް ތަޢާރަފް ވެފައިވަނީ ވެސް ޓައިގާ ޝްރޮފްއާއެކުއެވެ.

ނުވަ އަހަރަށްފަހު ދެ ތަރިން އެކީގައި މަސައްކަތްކުރާ މި ފިލްމަކީ ކްރިތީއަށް ވަރަށް ހާއްސަ ފިލްމެއްކަމަށް ބަތަލާ ވަނީ ބުނެފައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ "ކުއީން"، "ޝާންދާރު" އަދި ދާދިފަހުން ރިލީޒްވި ފިލްމު "ގުޑް ނިވްސް"ގެ އުފެއްދުންތެރިޔާ ވިކާސް ބާލްއެވެ. ޓައިގާ ޝްރިފް އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްވި ފިލްމު "ހީރޯޕަންތީ2"އިންނެވެ.

މި ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ހޯދިފައިނުވާއިރު ފިލްމު "ގަނަޕަތު: ޕާޓް01"އާމެދު ޓައިގާކުރާ އުއްމީދުތައް ވެސް ވަރަށް ބޮޑެވެ. ފިލްމު "ބާގީ"އަދި "ވޯ"ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރު އަންނަނީ އިތުރު ދެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ ރޯހިތު ބަޓްނާގަރުގެ ފިލްމަކާއި އަދި އަކްޝޭ ކުމާރުއާއެކު ޓައިގާ ލީޑްރޯލް ކުޅޭ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން"އެވެ.

comment ކޮމެންޓް