ސަރޯޖް ޚާންގެ ރޯލްއިން ފެންނާނީ މަދޫރީބާ؟

ސަރޯޖް ޚާންގެ ރޯލްއިން ފެންނާނީ މަދޫރީ --

ހިންދީ ސިނަމާގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުރީގެ ކޮރިއަގްފާރު ސަރޯޖް ޚާންގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުން ބަތަލާ މަދޫރީ ޑިކްސިޓް ފެނުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާގޮތުން މިފިލްމު އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅޭ ޑައިރެކްޓަރު ހަންސަލް މެހެތާވަނީ ސަރޯޖް ޚާންގެ ރޯލްއާ ބެހޭގޮތުން މަދޫރީއާ މަޝްވަރާވެސްކޮށްފައެވެ.

ޢުމުރުން ވަރަށް ޅަ އުމުރުގައި ހިންދީ ސިނަމާގެ ގިނަ ފިލްމުތަކަށް ނެށުން ތައްޔާރުކޮށްދިން ސަރޯޖް ޚާންވަނީ ހަތަރު ޤަރުނުވަންދެން ސިނަމާއަށް ޚިދުމަތްކޮށްފައެވެ. މަޝްހޫރު ފިލްމު ކުންފުނި ޓީ-ސީރީސްއިން މި ބައޮޕިކް އިއުލާނުކުރުމާއެކު ބަތަލާ މަދޫރީ ޑިކްސިޓްގެނަން ވަރަށްގިނަ ބަޔަކުވަނީ ތުންތުންމަތިން ކިޔާފައެވެ. އެއީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ކެރިއަރުގެ ގިނަ ފިލްމުތަކުގައި ސަރޯޖް ޚާންއާއެކު މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބުމުން މަދޫރީވެފައިވަނީ ސަރޯޖް ޚާން އެންމެ ގަޔާވާ އަދި ވަރަށް ލޯބިވާ ދަރިވަރަކަށެވެ.

މަދޫރީ ފިލްމީ ދުނިޔޭގައި ވިދާލީ 'އޭކް ދޯ ތީން'ލަވައަކީ ސަރޯޖް ޚާންއާއެކު ނެށުމުގެ ދުނިޔެއަށް މަދޫރީ ތަޢާރަފްކޮށްދިނުމަށް ކޮށާދިން މަގެވެ. މީޑީއާ ރިޕޯޓުތަކުން ބުނާގޮތުން މި ބައޮޕިކްގައި މަދޫރީގެ އިތުރުން ސަރޯޖް ޚާންގެ ދިރިއުޅުމުގެ އެކި ހަރުފަތްތައް ކުޅޭނީ އެކި ބަތަލާއިންނެވެ. އެގޮތުން ސަރޯޖްގެ ޅައިރުގެ ރޯލް މަދޫރީއަށް ހުށަހަޅަނީ ސީދާ ކޮން ރޯލެއްކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މިފިލްމު ވުޖޫދަށް ގެނައުމުގެ ވިސްނުން މީގެ ހަ މަސްދުވަސްކުރިން ވިސްނާފައިވާއިރު ފިލްމުގެ މައިގަނޑު ރޯލް މަދޫރީއަށް ހުށަހަޅަން ނިންމާފައިވާކަމަށް ޓީ-ސީރީސްއާއެކު ގާތުން މަސައްކަތްކުރާ ފަރާތަކުންވަނީ މީޑިއާއަށް މައުލޫމާތުދީފައެވެ. މަދޫރީއަކީ ބޮލީވުޑްގައި އެންމެ ނަން ހިނގާ އެއް ނެށުންތެރިޔާކަމަށްވެފައި މަދޫރީގެ އައިކޮނިކް ލަވަތަކަށް ސަރޯޖް ޚާން ނެށުން ތައްޔާރުކޮށްދިނުމަކީ މީގެ ސިއްރުކަމަށް މިފަރާތުންވަނީ ބުނެފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ހާޓް އެޓޭކެއްޖެހި މަރުވި ސަރޯޖް ޚާން އެންމެފަހުން ނެށުން ތައްޔާރުކޮށްދީފައިވާ ލަވަތަކުގެތެރޭ މަދޫރީ މުހިއްމު ރޯލް ކުޅެފައިވާ ދަރުމާގެ ފިލްމު "ކަލަންކް" ހިމެނެއެވެ.

comment ކޮމެންޓް