ފިލްމު 'ޖަވާން'ގައި ދިޕިކާގެ ރޯލް ކުޅުވީ އޮޅުވާލައިގެން: ޝާހްރުކް ޚާން

ޝާހްރުކްގެ ޚާންގެ ފިލްމު "ޖަވާން"ގައި ބަތަލާ ދިޕިކާ ޕަދުކޯން ފެންނަ ރޯލަކީ އަސްލު ކެމޯ ރޯލެއް ނޫން ކަމަށާއި އެ ރޯލަށް ބަތަލާ އެއްބަސްކުރުވީ އޮޅުވާލައިގެންކަމަށް ޝާހުއާއި ޑައިރެކްޓަރު އެޓްލީ ބުނެފިއެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ރިލީޒްވި "ޖަވާން"އަށް ލިބެމުންއަންނަ ކާމިޔާބީ ފާހަގަކުރުމަށް ދާދިފަހުން ބޭއްވި ހަފްލާގައި ޝާހްރުކް ވަނީ މި ޙާދިސާ ހިނގާދިޔަގޮތް ކިޔައިދީފައެވެ.

މި ފިލްމަށް 700 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހަފްތާއެއްގެތެރޭ ލިބިފައިވާއިރު މި ރޯލާމެދު ދިޕިކާއާ މަޝްވަރާކުރީ ދެ ތަރިން އެކީގައި ކުޅުނު "ޕަތާން"ގެ ޝޫޓިންގް ތެރޭކަމަށް ޝާހު ވަނީ ބުނެފައެވެ. ދިޕިކާ މަސައްކަތް ފަށާފައިވާ "ކަލްކީ"ގެ ޝޫޓިންގްތެރޭ އުޅެނިކޮށް ޑައިރެކްޓަރު އެޓްލީ އާއި ޝާހްރުކް ވަނީ "ޖަވާން"ގެ ރޯލް ކިޔާދީފައި ކަމަށް ބަތަލާ ބުނެފައިވެއެވެ.

ޝާހްރުކް އާއި ދިޕިކާއަކީ އެކީގައި މަސައްކަތްކުރާ ފިލްމީ ތަރިންނަށްވުރެ ބޮޑަށް ގާތް ރަޙްމަތްތެރިންނަށްވުމުން ޝާހްރުކްއާއެކު ފެންނަ ރޯލުގެ ދިގު މިން އެހާ މުހިއްމު ނޫން ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ނަމަވެސް ޝާހްރުކް ޚާން ސަމާސާ ރާގަކަށް ބުނެފައިވަނީ، ރަޙްމަތްތެރިކަމުގެ އިތުބާރާއެކު ދިޕިކާ އެއްބަސްވީ ކެމޯ ރޯލަކަށް ނަމަވެސް ކަންވެ ނިމުނުއިރު ބަތަލާވީ ފިލްމުގެ އެންމެ މުހިއްމު އެއް މައި ކެރެކްޓާއަށް ކަމަށެވެ. އަދި ދިޕިކާއަކީ އާއިލާ މެމްބަރެއްފަދަ ގާތް ފަރާތެއް ކަމަށާއި ފިލްމުގައި ކުޅުނު ރޯލަށް އެއްބަސްވުމުން ޝާހު ވަނީ ދިޕިކާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް ވެސް ބުނެފައެވެ.

ފިލްމު "ޖަވާން"ގައި ދިޕިކާ ކުޅެފައިވަނީ ޝާހުގެ މަންމަގެ ރޯލްއިންނެވެ. ޝާހްރުކް ޚާން ޑަބަލް ރޯލްއިން ފެންނަ މި ފިލްމުގައި ދިޕިކާ މަންމަގެ ރޯލްއިން ފެނުމުން ބެލުންތެރިން ބަލައިގަންނާނެކަމާމެދު ފުރަތަމަ ސުވާލު އުފެދުނު ނަމަވެސް ހީކުރިވަރަށްވުރެ މާބޮޑަށް ބެލުންތެރިން ވަނީ ދިޕިކާ ބަލައިގަނެފައި ކަމަށް ޝާހު ވަނީ ބުނެފައެވެ.

comment ކޮމެންޓް