"އަހަރެންގެ ދަރިއަށްވުރެވެސް ބޮޑަށް އޭނަގެ ދަރިދެކެ ލޯބިވާކަން އަހަންނަށް އެނގޭ... އެއީނު ހުރިހާވެސް މީހަކީ... ވަރިހަމަ ކޮންމެ ވައްތަރަކަށް އޭނަ އުޅުނަސް... އޭނަވެސް އުޅެނީ ހަމަ އޭނަގެ މަންމަ އުޅުނުގޮތަށް... އެފާޑަށް ދަރިން..." ނުޒުހަތުވެސް ތެދުވެ އިށީނެވެ.
"ނުޒޫ..." ނުޒުހަތުގެ ޖުމުލަ ފުރިހަމަ ކުރުމުގެ ކުރިން، ޔާމީން ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.
********
ހަމަ އެހާ އަވަހަށް ވިސްނިގެން ކަހަލަ ގޮތަކަށް ނުޒުހަތުގެ ބުރަކަށީގައި އަތް ޖައްސައިލިއެވެ.
"މިއަދު ކިހިނެއްވެފަ ތީނީ؟..." ހިތްހަމަނުޖެހުން އެއްފަރާތްކުރަމުން ޔާމީން ވަރަށް ލޯބިން އަހައިލިއެވެ. "ޕިއްޒާއެއް ކާން ދާނަން؟..."
"އެކައްޗެއް ކާކަށްވެސް ބޭނުމެއް ނޫން... އަހަރެން ބޭނުންވަނީ ހަގީގަތް އެނގެން... އެހެންނޫނީ އަހަންނަކަށް ހަމަޖެހިގެން އެކައްޗެއްވެސް ނުކެވޭނެ..." ނުޒުހަތު ޔާމީނާއި ދުރަށްޖެހުނެވެ. "އުމުރު ދުވަހަށްވެސް އެ އަންހެނާޔާ އޭނަގެ ދަރީގެ ހަގީގަތް ފޮރުވަންތަ ތިއުޅެނީ؟..."
"ކީކޭތަ ތި ކިޔަނީ؟... މިދޭތެރެއަށް އެހެން މީހުން ނުވައްދަފާނަންތަ؟..." އާދޭހުގެ ރާގަކަށް ޔާމީނު އެދުނެވެ.
"ކީއްވެ؟..." ނުޒުހަތަށް ވާހަކަ ދެއްކުނީ ޖަދަލުކުރާ ގޮތަށެވެ.
"ކީއްކުރަންތަ ބޭކާރު ކަމަކާ ޒުވާބެއް ކުރަންވީ؟..." ޔާމީން ދޫކޮށްލީ ފުން ނޭވާއެކެވެ. "މިއަދު ހީވަނީ ޒުވާބެއް ފަށަން ބޭނުންވެފަ އިން ދުވަހެއް ހެން..."
ގޮތްދޫނުކުރުމަކީ ނުޒުހަތުގެ ކިބައިގައި ހުންނަ ސިފައެކެވެ. އެކަމަކު، މިއަދު އެހެން ދުވަސްދުވަހާއި ތަފާތެވެ. ނުޒުހަތު ހީވަނީ ޔާމީންގެ އަނގައިން އެއްޗެއް ބޭރުކުރަން މަސައްކަތްކުރާ ހެންނެވެ.
"އެއީ އަމިއްލަ ދަރިއެއްވީމަ ސިއްރުކުރަންތަ ތިއުޅެނީ؟..." ނުޒުހަތު ތިލަކޮށްލިއެވެ. އެތައް ދުވަހަކު ހިތަށް އުނދަގޫ ކުރަމުންދިޔަ ވާހަކަ އެންމެފަހުން އޭނާއަށް ބުނެވުނެވެ.
ޔާމީނު އެއްޗެއް ނުބުނެ ނުޒުހަތަށް ބަލަން އިރުކޮޅަކު އިނެވެ. އެ ބެލުމުން ނަގަންވީ މާނައެއް ނޭނގިފައި ނުޒުހަތުވެސް އިނެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ޔާމީނު ހަލުވި ފިޔަވަޅުތަކެއްގައި ނުކުމެގެން ދިޔައީ ނުޒުހަތުގެ ސުވާލަށް ޖަވާބު ދިނުމެއް ނެތިއެވެ. ނުޒުހަތު އައި ރުޅީގައި އެނދުގެ ބާލީސްތައް އުކައިލިއެވެ. އެނދުމައްޗަށް ވެއްޓިގަތުމާއިއެކު އޭނާއަށް ގިސްލާފައި ރޮވެން ފެށުނެވެ. ދުވަހަކުވެސް އެފަދަ ގޮތަކަށް ޔާމީނާއި މައްސަލައެއް ޖެހިފައިނުވާތީ، ނުޒުހަތުގެ ހިތަށް މާ ބޮޑަށް އަސަރުކުރީއެވެ. އެ ވާހަކަ ދެއްކުނު މޮޔަ ހީވިއެވެ. އޭނާއަށް ވަކީން އުނދަގޫވީ އެކަމާއި ގުޅިގެން ޔާމީން އެއްވެސް އެއްޗެއް ނުބުނީމައެވެ. ނުޒުހަތަށް މާނަ ނެގުނީ އެންމެ ނުބައިކޮށެވެ. ޔާމީން އިންކާރު ނުކުރީ އެއީ ތެދެއްވީމައެވެ.
ދޮރުކައިރީގައި ހުރި އާޔަތުގެ ހިތް ވަނީ ކުދިކުދިވެފައެވެ. އިވިގެންދިޔަ ވާހަކައެއްގެ ސަބަބުން އޭނާގެ ސިކުނޑި ވަނީ މަސައްކަތްކުރުން ހުއްޓައިލާފައެވެ. ޔާމީން ރުޅި އައިސްގެން ނުކުގެންދިޔަ މަންޒަރުން އެކަނިވެސް އާޔަތުގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވަނެވެ. އެއީ ދުވަހަކުވެސް ޔާމީންގެ ފަރާތުން ފެނުނު ސިފައެއް ނޫނެވެ. އަބަދުވެސް ޔާމީންގެ ފަރާތުން ފެނުނީ ކެތްތެރިކަމެވެ. ސުވާލުތަކުން އާޔަތުގެ ސިކުނޑި ފުރި ބާރުވަމުން ދިޔައެވެ. ނުޒުހަތު ދެއްކީ ކާކުގެ ވާހަކައެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. އާޔަތަށް އެނގިގެން ޔާމީންގެ އިތުރު ދަރިއަކު ނުހުރެއެވެ. އިތުރު ކައިވެންޏެއް ކުރިކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.
އާޔަތު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. ފޯނުން އޭނާ ބޭނުންވި ނަންބަރު ފެނުމާއިއެކު، މޫނުން ހަމަޖެހުމުގެ އަސަރު ފެނުނެވެ. އާޔަތު ގުޅީ، ކޯޓުގައި އުޅޭ އޭނާގެ އެކުވެރިއަކަށެވެ. ޔާމީންގެ މައުލޫމާތު ދިނުމަށްފަހު، އޭނާ ބޭނުންވި ކަންތައް ބަލައިދިނުމަށް އެދުނެވެ.
********
ސްކޫލް ނިންމާފައި ނުކުތް ދާވިއަންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ، ކާރުގެ ކައިރީގައި މަޑުކޮށްލައިގެން ހުރި ޒައިލްއެވެ. ދާވިއަން ދުވެލާފައި އަންނަން ފެށިގޮތުން ނިޔަމް ތިރިވެ އަތް ދިއްކޮށްލިއެވެ. އެ ކުޑަ ކުއްޖާގެ މޫނުން ފެނުނު އުފާވެރިކަމުން ނިޔަމްގެ ހިތަށް ފިނިކަން ލިބުނެވެ. ދާވިއަން ނިޔަމް ފަހަނައަޅާފައި ގޮސް ޒައިލްގެ ގައިގައި ބައްދައިލިއެވެ. އެމަންޒަރު ފެނުމުން، ނިޔަމްގެ މުޅި މޫޑު ހަރާބުވިއެވެ. ދެލޯ ފެންކަޅިވިއެވެ. ނިޔަމްގެ ހިތަށް ފުން އަސަރެއް ކުރިއެވެ. ދާވިއަން ދުވަހަކުވެސް ނިޔަމްގެ މައްޗަށް އެހެން މީހަކު އިސްކޮށްފާނެ ކަމަށް އޭނާއަށް ގަބޫލުވެސް ނުކުރެވުނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދާވިއަން ޒައިލްއާއި ގާތްވީ ނިޔަމް ބިރު ގަންނާނޭ ދަރަޖައަކަށެވެ. ނިޔަމްއަށް ނުވިސްނުނީ ބޮޑުވަމުން އަންނަ ދަރިއަކަށް ބައްޕައެއްގެ ލޯބި އިންތިހާއަށް ބޭނުންވާނޭ ކަމެވެ. ކިތަންމެ ކުޑަޔަސް، ބައްޕައެއްގެ ލޯތްބަށް އެ ކުދިންގެ ހިތް އެދޭނޭކަމެވެ.
"އެބައޮތޭ ސަޕްރައިޒެއް..." ދާވިއަން އުރާލަމުން ޒައިލް ވަރަށް ލޯބިން ބުނެލިއެވެ.
"ގަންއެއްތަ؟..." ދާވިއަންގެ މޫނު އުޖާލާވިއެވެ.
"ކާރުގަ އޮންނާނެ... ލެޓްސް ސީ..." ދާވިއަން ތިރީގައި ބަހައްޓައިލަމުން ޒައިލް ބުންޏެވެ.
ދާވިއަން ހިނގައިގަންނަން އުޅުނެވެ. ހަމަ އެސިކުންތުގައި ހުއްޓުނެވެ. ޒައިލް އަތުގައި ހިފާލުމުންވެސް ގަބުވެފައި ހުރީއެވެ. ކުރިން އެމޫނުން ފެނުނު އުފާވެރިކަމާއި ހިނިތުންވުމެއް ނެތެވެ.
"ކިހިނެއްތޯވީ ބޭބީ އޮފިސަރ..." ޒައިލް ތިރިވެލުމަށްފަހު ދާވިއަންގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ކުއްލިއަކަށް ދާވިއަންއަށް ވީގޮތުން ޒައިލް އިނީ ކަންބޮޑުވެފައެވެ.
"ތީ ދާންގެ ޑެޑީތަ؟..." ދާވިއަން ދެން ކުރި ސުވާލަކުން، ޒައިލްއަށް ބަލައިލެވުނީ އެދިމާއަށް އަންނަމުންދިޔަ ނިޔަމްއަށެވެ. "ދާން ކްލާސް ކުދިން ބުނި ދާންގެ ޑެޑީއެއް ނުހުންނާނެޔޯ... އެކުދިންގެވެސް ޑެޑީ ހުރޭ..."
"މިހުރީއެއްނު ދާންގެ ޑެޑީ..." ޒައިލް ކޮންމެހެން ސިއްރުކުރާކަށް ނޫޅުނެވެ. "އެކުދިން އެހެން ބުނަނީ ދާން ސްޓްރޯންގްތޯ ބަލަން ވެގެންނޭ... ބުނަންތަ ވަރަށް މޮޅު އައިޑިއާއެއް..."
ދާވިއަން އަވަސް އަވަހަށް ބޯ ޖަހައިލިއެވެ. ޒައިލް އިރުކޮޅަކު ވިސްނައިލިއެވެ. ކުރަން އުޅޭ ކަމެއްގެ ސަބަބުން، ނިޔަމްގެ ފަރާތުން އައިސްދާނެ ކަމަކަށް އޭނާ ޖެހޭނީ ތައްޔާރުވާށެވެ.
"ޔޫ ކޭން ކޯލް މީ ޑެޑީ..." ދިވެހިން ބުނަން އުނދަގޫވެގެން ޒައިލް ބުނީ އިނގިރޭސި ބަހުންނެވެ. "އޭރުން އެކުދިންނަށް އެނގޭނެއެއްނު ދާންގެ ޑެޑީކަން މީ... ދެން ޑެޑީ އަންނާނަމޭ ކޮންމެ ދުވަހަކުވެސް ދާން ބަލާ... ޕޮލިސް ޔުނީފޯމުގަ އަންނާނީ... އޭރުން އެއްވެސް ކުއްޖަކަށް ޑެޑީގެ ބޭބީ އޮފިސަރާ ދިމާއަށް އެއްޗެއް ބުނާކަށް ނުކެރޭނެ..."
ދާވިއަން އުފަލުން ފުންމައިލިއެވެ. ސެލިއުޓް ނެގިއެވެ.
"ޑެޑީ..." ދާވިއަން ޒައިލްގެ ގައިގައި ބައްދައިލިއެވެ. އަމިއްލަ ދަރިފުޅުގެ ފަރާތުން ޒައިލް އަޑުއަހަން ކެތް މަދުވެފައިވާ ލަފުޒު ބުނެލުމަށްފަހުގައެވެ.
ދާވިއަންއަށް ބައްޕައެއްގެ ގާތްކަން ބޭނުންވެފައިވާވަރު އެންމެ އަމަލަކުންވެސް ހާމަވިއެވެ. ޒައިލްގެ ހަށިގަނޑުގައި އެ ކުޑަކުޑަ ދެއަތް ވަށާލުމަށްފަހު ހިފަހައްޓައިލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. ދާވިއަންގެ ތުނިތުނި އޮމާން ތުންފަތުން ޒައިލްގެ ކޯތާފަތަށް ބޮސްދިނެވެ. ހަމަ އެހާ އަވަހަށް އަނެއްކާވެސް ބައްދައިލިއެވެ. ދަރިފުޅުގެ އެ ލޯބިވެތި އަމަލުން ޒައިލްގެ ހިތަށް ފިނިވެގެން ދިޔައެވެ. ޖަޒުބާތުގައި ޖެހި، ދެލޯ ފެންކަޅިވިއެވެ. ކުރެވުނީ ޒައިލްއަށް ދުވަހަކުވެސް އިހުސާސްކުރެވިފައިނުވާފަދަ އުފާވެރިކަމެކެވެ. ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލަން ޒައިލްއަށް މަޖުބޫރުވިއެވެ.
ގެއަށް އައިއިރު ނިޔަމްގެ ތަބީއަތު ވަނީ ހަރާބުވެފައެވެ. ދާވިއަންގެ ޔުނީފޯމު ބަދަލުކުރުވަންވެސް ނޫޅެ ނިޔަމް ގޮސް ވަނީ ކޮޓަރިއަށެވެ. ބަންޑުން ވާހެން އެނދުގައި އޮށޯތުމާއިއެކު ނިޔަމްއަށް ރޮވެން ފެށުނެވެ. ގަސްދުގައެއް ނޫނެވެ. ހިތަށް ކޮށްފައިވާ ފުން އަސަރެއްގެ ސަބަބުންނެވެ. ނިޔަމްއަށް ކުރެވުނީ އޭނާ ބާކީވެފައިވާކަމުގެ އިހުސާސެވެ. އޭނާގެ ދިރިއުޅުމުގައި ގިނަ މީހުންނެއް ނެތެވެ. ހުރީ މުސްކުޅި މާމައަކާއި ކުޑަކުޑަ ދާވިއަންއެވެ. އެއީ ނިޔަމްގެ ހިތުގެ ފިނިކަމެވެ. އެކަމަކު، މިއަދު ދާވިއަންވެސް އޭނާ ދޫކޮށް ދާންއުޅޭހެން ނިޔަމްއަށް ހީވާން ފެށިއެވެ. ޒައިލް އެ ދެމީހުން ދުރުކުރާނެއެވެ. އޭރުން ނިޔަމްގެ ދިރިއުޅުމަށް އަންނާނީ ބޮޑު އިންގިލާބެކެވެ. ގިނައިރެއްނުވެ، ނިޔަމްއަށް ގިސްލާފައި ރޮވެން ފެށުނެވެ.
ކޮޓަރިއަށް ވަންއިރު، ކުޑަކުޑަ ދާވިއަން ހުރީ ތުން ފިއްތާލައިގެންނެވެ. އެ ނޫނީ ދުވަހަކުވެސް މަންމަ ރޯތަނެއް އެކުޑަ ކުއްޖާފުޅަށް ފެނިފައެއް ނުވެއެވެ. ދާވިއަންގެ ހިތް ފަޅައިގެން ދިޔައެވެ. ގިސްލެވެމުންދިޔަ ހާލުވެސް ނިޔަމްގެ ކައިރީގައި އިށީނދެފައި ބުރަކަށީގައި ފިރުމަން ފެށިއެވެ.
"މަންމީ... ރޮނީތަ؟..." ދާވިއަންގެ އަޑު ނުކުތީ ކުރެހިގެންނެވެ. "ދާން ބަސްއަހާނަމޭ..."
ދާވިއަންއަށް ހީވީ، ނިޔަމް ރޮނީ ދާވިއަންއަށް ކުށެއް ކުރެވުމުން ކަމަށެވެ. ގޮތް ހުސްވެފައިވާ ހާލު ނިޔަމްގެ ރުއިން ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. އެންމެފަހުން ދާވިއަންވެސް ރޯން ފެށިއެވެ. ނިޔަމް ފުންމައިގެން ތެދުވެފައި ދާވިއަންގެ ގައިގައި ބައްދައިލިއެވެ. ނުރޯން އެދުނެވެ. އަމިއްލަ ހިތް ފުނޑުފުނޑުވަމުން ދިޔަސް، ދާވިއަންއަށްޓަކައި ނިޔަމް ހިތްވަރު ކުރިއެވެ. ދެލޮލުގެ ކޮއި ފަދައިން ލޯބިވާ ދަރިފުޅު ދެރަވާކަށް ނިޔަމް ބޭނުމެއް ނުވެއެވެ.
"ދަރިފުޅު ދުވަހަކުވެސް މަންމަ ދޫކޮށްލާފަ ނުދައްޗޭ..." ނިޔަމްއަށް އިތުރު ވާހަކައެއް ނުދެއްކުނެވެ.
********
ޒައިލް ކާރުގައި މަޑުކޮށްގެން އިންނަތާ ފަސްމިނެޓު ވީއިރުވެސް އާޔަތެއް ނުނިކުތެވެ. ފަހަތުން ދުއްވާ އެއްޗެހި ބަރުގޮނުއަޅަން ފެށުމުން، ޒައިލް އުޅުނީ ކާރު ދުއްވައިލާށެވެ. އާޔަތު ދުވެލާފައި އައިސް ކާރުގެ ބިއްލޫރިގަނޑުގައި ޓަކި ޖަހައިލިއެވެ. އާޔަތު ކާރަށް އެރުމުން ޒައިލް ކާރު ދުއްވައިލިއެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް އާޔަތު ކޮށްފައި ހުރީ ލުއި މޭކަޕެކެވެ. މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ.
"ކޮން ހޮސްޕިޓަލަކަށްތޯ ދާންވީ؟..." ޒައިލް ސުވާލުކުރީ ރަސްމީކޮށެވެ.
"އަދިވެސް ތިހާ ފޯމަލްކޮށްތަ މަށާ ވާހަކަ ދައްކަނީ؟..." އާޔަތުގެ ހިތް އިތުރަށް ޒަހަމުވިއެވެ.
ގޭތެރޭގެ މައްސަލަގަނޑުން ސަލާމަތްވުމަށް އާޔަތު ބޭނުންވީ ޒައިލްއާއިއެކު ވަގުތުކޮޅެއް ހޭދަކުރާށެވެ. އެކަމަކު، އެކަމުންވެސް އޭނާއަށް ލިބުނީ އިތުރު ހިތްދަތިކަމެވެ. ޒައިލްގެ ގާތްކަން ހޯދަން ކުރެވޭނެ އެއްވެސް ކަމެއް އޭނާއަކަށް ނޭނގެއެވެ.
"އަޅުގަނޑު ކުރިންވެސް ދެންނެވީމެއް ނޫންތޯ ތީ އަޅުގަނޑުގެ ވެރިމީހާގެ ދަރިފުޅޭ... ރަސްމީ ގުޅުމެއް ފިޔަވާ އިތުރު ގުޅުމެއް އަޅުގަނޑުމެންގެ ދެމެދުގައެއް ނޯންނާނެ..." ޒައިލް ދިނީ އޭނާ އަބަދުވެސް އާޔަތަށް ދޭ ޖަވާބެވެ.
"ކީއްވެތަ އަހަންނަށް މިހެން މިވަނީ..." އާޔަތަށް ރޮވުނެވެ.
ޒައިލް ކާރުގެ ލޯގަނޑުން އާޔަތަށް ބަލައިލާފައި ކާރުގެ ދުވެލި ބާރުކޮށްލިއެވެ. ދުއްވާ އެއްޗެއްސަށް އުނދަގޫނުވާ ހިސާބަކަށް ގޮސްފައި މަގުގެ އެއްފަރާތަކަށް ކާރު ހުއްޓިއެވެ. އޭރުވެސް އާޔަތު އިނީ ކަރުނަ ފުހެލަފުހެލައެވެ.
"ޒައިލްއަށް އެނގޭތަ ބައްޕަގެ އެހެން ދަރިއަކު ހުންނަކަން؟..." ކުއްލިއަކަށް އާޔަތު ކުރި ސުވާލަކުން ޒައިލް ދިޔައީ ސިއްސައިގެންނެވެ. ވެރިމީހާގެ އެފަދަ ޒާތީ ވާހަކައެއް އަޑު އެހުމުގެ އެއްވެސް ޝައުގެއް އޭނާގެ ނެތެވެ.
"ކޮން ހޮސްޕިޓަލަކަށްތޯ ދާންވީ؟..." ޒައިލް އުޅުނީ މައުޟޫޢު ބަދަލުކޮށްލާށެވެ.
"އަހަންނަށް ނޭނގޭ ކިތައް ސިއްރުކަމެއް ނޭނގެ އާއިލާތެރޭގަ އޮތީކީ..." އާޔަތަށް އަނެއްކާވެސް ރޮވުނީއެވެ.
ޒައިލްވެސް ކަންބޮޑުވެގެން ޓިޝޫއެއް ނަގާފައި ދިއްކޮށްލިއެވެ. އެހާލަތުގައި އާޔަތު އެކަނިކޮށްލާކަށް ނުކެރުނެވެ. ޒައިލް ހިމޭނުން އިނީ އާޔަތަށް ވާހަކަ ދައްކަން ފުރުސަތު ދީގެންނެވެ.
"ޑޫ މީ އަ ފޭވާ..." އާޔަތު އެދުނެވެ.
********
ގޭގެ ބެލް އަޅައިލުމުން ނިޔަމް ދޮރު ހުޅުވައިލީ ޓިޝޫއަކުން ރަނގަޅަށް މޫނު ފޮހެލުމަށްފަހުގައެވެ. ރޮއެރޮއެ ނިޔަމްގެ ދެލޯ ވަނީ ރަތްވެފައެވެ. މޫނުމަތި ދުޅަވެފައެވެ. ދޮރުމަތީގައި ހުރި ޔާމީން ފެނުމުން، ނިޔަމްއަށް ލިބުނީ ހައިރާންކަމެވެ.
(ނުނިމޭ)