ޕާޓީގެ މެންބަރުންނަށް ވަކިން ކެންޑިޑޭޓުންނަށް ތާއީދުކުރުމުގެ އިޚްތިޔާރު އޮންނާނެ: ޤާސިމް

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ގާސިމް އިބްރާހީމް ރަށަކަށް ވަޑައިގެން ވާހަކަ ދައްކަވަނީ-- ފޮޓޯ: ޖޭޕީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކާއެކު ކޯލިޝަން ނުހަދަން ޖުމްހޫރީ ޕާޓީން ނިންމާފައިވާ ނަމަވެސް، ޕާޓީގެ ނަން ބޭނުންނުކޮށް، ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ އިޚްތިޔާރު އޮންނާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ގާސިމް ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ޖޭޕީ ކައުންސިލުން ނިންމުމާއެކު، މެންބަރުންގެ ހައްގަކަށް އުނިކަން އަންނަ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ޕާޓީގެނަން ބޭނުން ނުކޮށް އެމެންބަރަކަށް ފެންނަ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމާ، ވޯޓު ދެއްވުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާ ޤާނޫނީ ހައްޤެއް ކަމުގައި އަޅުގަނޑުދެކޭތީ އެންމެހާ މެންބަރުންގެ މަޢުލޫމާތަށްޓަކާ މި ވާހަކަ ދެންނެވީމެވެ." ގާސިމްގެ ޓްވީޓުގައި ވެއެވެ.

ގާސިމްގެ ޓުވީޓުގައި ވިދާޅުވީ ކައުންސިލުން އެ އިޚްތިޔާރު ދިނުމުން އެއްވެސް ކޮޅަކަށް ނުޖެހި ތިބުމަށް ނިންމީ ވޭތުވެދިޔަ ތިން ދައުރުގައި ހެދި ކޯލިޝަންތަކާއެކު ކުރެވުނު ހިތި ތަޖުރިބާގެ މައްޗަށް ބެލުމަށް ފަހުގައި ކަމަށެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ 5،460 ވޯޓެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ފަހު، އިއްޔެ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މިފަހަރު ވޯޓު މަދުވާން ޖެހުނު ސަބަބަކީ ކުރީ ސަރުކާރުތަކުން ކުރި ވިޔާނުދާ ކަންކަމުގެ ބަދުނާމު ޖުމްހޫރީ ޕާޓީގައި ވެސް އެޅުމުން ކަމަށެވެ.

"އަޅުގަނޑުމެން ތާއީދުކޮށްގެން ސަރުކާރެއް ގެންނަނީ ދައުލަތަށް ޚިޔާނާތްތެރި ވަނީ އަބަދުވެސް، އަނެއްކޮޅުން ގާނޫނާ ގަވާއިދުތަކާ ޚިލާފަށް ކަންތައްތައް ކުރަމުންދާ މަންޒަރު ފެންނަނީ. އޭގެ ބްލޭމް އަޅުގަނޑުމެންނަށް އެބަ އާދޭ" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމުގައި ހުރި ކަންކަން ވެސް ވަރަށް މަދު ކަމެއް ނޫނީ ފުދިފައި ނުވާކަމަށެވެ.

comment ކޮމެންޓް