ތިލަފުށީގެ ބައެއް ސަރަހައްދުތައް ހިއްކަން ފަށައިފި

ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ އާބަންކޯ

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އާބަންކޯއިން މިއަދު ބުނީ އެ ސަރަހައްދުތަކުގެ ބިން ހިއްކަން ފެށީ މިމަހުގެ 14ވަނަ ދުވަހު ކަމަށެވެ. މިހާރު ކުރިއަށްދަނީ އޭރިއާ ބީ ހިއްކުމުގެ މަސައްކަތެވެ. މުޅި މަޝްރޫއުގެ ތެރެއިން ހިއްކަން ހަމަޖެހިފައިވަނީ؛

  • އޭރިއާ އޭ: 71.5 ހެކްޓަރު
  • އޭރިއާ ބީ: 39.6 ހެކްޓަރު
  • އޭރިއާ އީ: 5.9 ހެކްޓަރު
  • އޭރިއާ އެފް: 0.73 ހެކްޓަރު

ދެވަނަ ފިޔަވަހީގައި ހިމެނޭ އޭރިއާ ސީ އަދި ޑީގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެއެވެ.

ތިލަފުށީގެ ސަރަހައްދުތައް ހިއްކާ ގޮތުގެ ޗާޓު --- ފޮޓޯ/ އާބަންކޯ

އަލަށް ފެށި ހަތަރު ސަރަހައްދު ހިއްކަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްގެންނެވެ. އޭރިއާ ސީ އާއި ޑީ ހިއްކަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއިންނެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކޮށް ނިމުމުން މާލޭގައި ސިނާއީ މަސައްކަތްތައް ކުރުން އެއްކޮށް ހައްލުކޮށް ނިމުމަކަށް ގެނެވޭނެކަމަށް އެޗްޑީސީއިން ބުނެއެވެ.

އެތަން ތަރައްގީކުރާއިރު އެކި ބާވަތުގެ ސިނާއީ މަސައްކަތްތަކަށް ޚާއްސަކޮށްގެން ސަރަހައްދުތައް ކަނޑައަޅާނެއެެވެ. އެގޮތުން ހެވީ އިންޑަސްޓްރިއަލްއަށް ޚާއްސަ ސަރަހައްދަކާއި، ގުދަންކުރުމަށް ޚާއްސަ ސަރަހައްދެއް ހުންނާނެއެވެ.

މި މަޝްރޫއަކީ މާލޭ ސަރަހައްދުގައި ވިޔަފާރިއަށް ޚާއްސަ ސިނާއީ މަސައްކަތްތައް ކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ޓަކައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

comment ކޮމެންޓް