ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައާއި އެ ނޫން ވެސް ގޮތް ގޮތުން، ޗައިނާއާ ގުޅުވައި އިތުބާރު ނުހިފޭ ދޮގު ޚަބަރު ފަތުރަމުން އަންނަކަން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއަށް ފާހަގަވެފައިވާކަމަށާއި އެ ކަންކަން ތަހުގީގުކުރުމަށް ސަރުކާރުގައި އެދިފައިވާނެކަމަށް އެމްބަސީން ބުނެފިއެވެ.
ޗައިނާއާ ގުޅުވައި ދޮގު ޚަބަރު ފަތުރަމުން އަންނާތީ އެ ކަމާ ގުޅިގެން ޗައިނާ އެމްބަސީން ނެރުނު ބަޔާނުގައިވަނީ ޗައިނާއިން އަބަދު ވެސް އަމަލުކުރާ އުސޫލަކީ އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބަސް ނުކިޔުންކަމަށެވެ.
އެ ގައުމުން ކޮށްދިން ކަމަކީ ރާއްޖޭގެ އިގްތިޞާދީ ހާލަތު ރަނގަޅުކޮށްދިނުމާއި އިޖްތިމާއީ ތަރައްގީއަށް އެހީތެރިވެދިނުންކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ކަންކަމުގެ ހެޔޮ އަސަރު ދިވެހިންނަށް ކުރަމުން އަންނަކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެއާއެކު ޗައިނާއާ ގުޅުވައި ފަތުރައި ދޮގު ޚަބަރުތައް ދިވެހިން ގަބޫލުނުކުރާނެކަން ޔަގީންކުރާކަމަށާއި އެ ފަދަ ދޮގު ޚަބަރާއި މައުލޫމާތު ފަތުރާ މައްސަލަތައް ތަހުގީގުކުރުމަށް ދިވެހި ސަރުކާރުގައި އެދިފައިވާނެކަމަށް ވެސް އެމްބަސީން ބުންޏެވެ.
އަދި ދެ ގައުމުގެ އެކުވެރި ގުޅުން ހީނަރުކުރުމަށް ކުރާ މި ފަދަ މަސައްކަތްތައްވާނީ ނާކާމިޔާބު މަސައްކަތްތަކަކަށް ކަމަށް ވެސް ބަޔާނުގައިވެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭން ކުރިއަށްދާއިރު އަަވަށްޓެެރި އިންޑިއާއާ ގުޅުވައި ވެސް އެކިކަހަލަ ވާހަކަ ފަތުރާ މައްސަލަ ވަނީ ފެންމަތިވެފައެވެ.
އެ ކަން ތަހުގީގުކުރުމަށް އިންޑިއާ ހައިކޮމިޝަނުން ވެސް ވަނީ ސަރުކާރުގައި އެދިފައެވެ.