އަދި އެކޮޅިގަނޑުގައި ޙަޔާތުގެ ނައުގެ މިސްރާބު ބަދަލުވާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ.

*****

ރާދިންއާ ބައްދަލުކޮށްފައި، އެތައް އިރަކު ބޭރުގައި އުޅުމަށްފަހު، ގެއަށް ދިޔަ ސަޖާގެ ރުޅިގަނޑުވަނީ ފަޅައިގެން ދާން ކައިރިވެފައެވެ. އޭނާ ދޫކޮށްލާފައި ރާދިން މައާލްގެ ކައިރިއަށް ދިޔުން އޭނާއަށް ހަޖަމެއް ނުކުރެވުނެވެ. މައާލްގެ ކިބައިން ރާދިންއަށް ފެނުނީ ކޮން ސިފައެއްހެއްޔެވެ؟ ރީތި ސިފައެއް ލިބިފައި ހުއްޓެއްކަމަކު އެއީ ފުރޭތައެކެވެ. ރާދިންގެ މުދާގަނޑުން އެއްބައި ލިބެން އޮއްވާ އެކަންތައްވެސް ނުވީ އެ އަންހެނާ އެދޭތެރެއަށް ފުންމާލާ ރާދިން ޖަހައިގަތުމުންނެވެ. އޭނާއަށް ލިބެން އޮތް އުފާވެރި ތަނަވަސް ދިރިއުޅުމުން މަހުރޫމްވީ ވެސް އެ ސުންޕާ އަންހެނާ ގެ ސަބަބުންނެވެ. މައާލް ހީކުރަނީ ކީކޭކަމަށްހެއްޔެވެ؟ ބަލަން ހުންނާށެވެ. އޭނާ ފިސާރި ރަނގަޅު ބަދަލެއް ހިފާނެއެވެ.

ގޭގައި ހުރި އެއްޗެއްސަށް ރުޅި ބޭލުމަށްފަހު، ސަޖާ ސޯފާގައި އިށީނދެލިއެވެ. އޭރުވެސް އޭނާގެ ދަތްކުނޑިވަނީ ވިކިފައެވެ. އަތް މުށްކެވިފައެވެ. ސޯފާގައި އިނދެގެން ދެފައި ތަޅުވަމުން ދިޔަ ސަޖާގެ ނޭވާވެސް ވަނީ ފުންވެފައެވެ. ރާދިންއާއި މައާލްގެ ޙަޔާތަށް ވިހަލާނެ ގޮތެއް ވިސްނާ ވިސްނާވެސް ނޭނގުމުން އެކަމުން ރުޅިވެރިކަން އިތުރުވަމުން ދިޔައެވެ. އެހެން އިންދާ އޭނާ ސިހުނީ ފޯނު ރިންގްވި އަޑަށެވެ. ފޫހިކަމާއެކު، ސޯފާމަތީގައި އޮތް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ގޭގަތަ؟" އިވުނީ ޒުވާން ފިރިހެން އަޑެކެވެ.

"ނޫން…"

"ދޮގު ނުހަދާ… އަހަރެން ދުށިން ސަޖާ ގެއަށް ވަންނަނިކޮށް. ދޮރު ހުޅުވާ. އެހެންނޫނީ އަހަރެންގެ ފަރާތުން ލިބޭ ހުރިހާ އެހީއެއް ހުއްޓޭނެ." އަމުުރުވެރި ރާގަކަށް އެ ޒުވާނާ ބުނެލިއެވެ. ފޯނު ބޭއްވިތާ ގިނަ އިރެއްނުވެ ބެލް ޖަހައިފިއެވެ. ސަޖާ ގޮސް ދޮރު ހުޅުވައިލާފައި ބޭރުގައި ހުރި ޒުވާނާ ވަންނަން ތަންދެއްކިއެވެ.

"ކީއްވެގެން ދޮގު ހެދީ؟" އެ ޒުވާނާ ސުވާލުކޮށްލިއެވެ. ބަލާބެލުމަށް ތިރީހަކަށް އަހަރުވެދާނެއެވެ. އިސްކޮޅުން ދިގުވެފައި ފިރިހެންވަންތަ ހަށިގަނޑެކެވެ. އިސްތަށިގަނޑު ކުޑަކޮށް ދިގުކޮށްލާފައި ވީނަމަވެސް، އައިބެއްނޫނެވެ. ލާފައިހުރީ ވަޅުފެހިކުލައިގެ ޓީޝާޓަކާއި ސޯޓެކެވެ. ސަޖާއަށް ބަލަން ހުރިއިރު، އެ މޫނުމަތިން ރުޅިވެރިކަން ފެންނަމުން ދިޔައެވެ.

"އެއީ… އަހަރެން… ނޭނގެ…"

"އެހެން ފިރިހެނަކާއި އެކު އުޅެއުޅެފަ އައިސް ދޮގު ހަދާކަށް ލަދެއް ނުގަނޭތަ؟" އެ ޒުވާނާގެ އަޑުގައި ރުންކުރުކަން ވެއެވެ.

"އައި ކޭން އެކްސްޕްލެއިން…ރަޒާން… " ސަޖާ އަށް ބުނެވުނެވެ.

"އިތުރަށް އަޑު އަހަން އޮތީ ކޯންޗެއް؟ އަހަރެންގެ ދެލޮލުންނޭ ހުރިހާ މަންޒަރެއް ދުށީ. އެންމެ ދުވަހެއް ދެ ދުވަހެއްގެ މަންޒަރެއްގެ ވާހަކައެއް ނޫނޭ މިދައްއްކަނީ..." ރަޒާން ހުރީ އޭރުވެސް ރުޅިއައިސްފައެވެ.

"މިރޭވެސް ސަޖާ އެ ރެސްޓޯރެންޓުން ނުކުތްސުރެ އަަހަރެން ފާރަލިން. އެޓްލީސްޓް ބުނެދީބަލަ އޭނައާއި ސަޖާއާ އޮތް ގުޅުން. އަހަންނަށް ޔަޤީން އެއީ އެކުވެރިއެއް ނޫންކަން. ސަޖާ ލަދެއްވެސް ނުގަނޭތަ އަހަންނާ އެކު ދިޔަ ރެސްޓޯރެންޓަށް އޭނައާއެކު ދާކަށް."

"އަހަރެން ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން، ޕްލީޒް… އަހަރެން ދައްކާ ވާހަކަ އަޑު އަހާ…" ސަޖާ އޭނާގެ ދެލޮލުގެ ތެރެއަށް ކަރުނަތަށް ޖަމާކޮށްލިއެވެ.

"އަހަރެން ސަޖާދެކެ ލޯބިވާކަން ހަމަ ރަނގަޅަށް ސަޖާއަށް އެނގޭނެ. ސަޖާއަށްޓަކައި އަހަރެންނުކޮށްދެނީ ކީއް. ބުނި ކޮންމެ ކަމެއް ކޮށްދެން. ސަޖާ ލާރި ބޭނުންވެެގެން ކުރަން ޖެހޭނީ އެންމެ މެސެޖެއް. ވަގުތުން ޖަމާކޮށްދެން. އަހަންނަށްވެސް އެނގޭ އެކަނި ތަނެއް ހިފައިގެން ހުންނަންޏާ ޚަރަދު ދާނެކަން. އެހެންވީމަ އެ ހުރިހާކަމެއް ވެސް އަހަރެންކޮށްދެނީ އުފަލާއެކު. އަހަރެން މިހާ ރަނގަޅަށް އުޅޭއިރުވެސް ސަޖާ ކަންތައްކުރި ގޮތް ތިހުރީ…" ރަޒާން ބުނެލިއެވެ.

"އަހަރެންގެ އެކްސްޕްލެނޭޝަން އަޑު ނާހާ ރަޒާންއަށް ތިހުރިހާ އެއްޗެއް ނުކިޔޭނެ. އޭނަގެ ފަރާތުން އަހަންނަށް ލިބުނީ ހުސް އަނިޔާ… ބޭވަފާތެރިވީވެސް އޭނާ. އަހަންނާ އިންނާނަމޭ ކިޔާ ހުވަފެން ދައްކާފައި އެހެން މީހަކާ އިނީ.... އޭނަ ބޭޒާރުކޮށްލުމުގެ ހައްޤުވެސް އަހަންނަށް ނެތީތަ. އެހުރިހާކަމެއްކޮށްފަ ފަހުން ދެރަވެގެން އައިސް އާދޭސްކުރީމަ އަހަރެންވެސް ބޭނުންވީ، އަހަރެންގެ ހިތުގައި ޖެއްސިވަރަށް އޭނަގެ ހިތުގައި ޖައްސަން. އޭނަގެ މަކަރުވެރިކަން އޭނަގެ އަންހެނުންނަށް ފަލާއަރުވާލަން އަހަރެން ބޭނުންވީ… ފަހުން އޭނާ އަހަރެން ކައިރިއަށް އައީ އިނދެގެން ހުރެވެސް އަހަންނާ ގުޅުން ބާއްވަން ބޭނުންވެގެން. އެ ފުރުސަތުގެ ބޭނުން އަހަރެން މި ހިފަނީ… ބޭނުން ވާވަރަށް ހެކި ހޯދާފައި އެ އަންހެން ކުއްޖާއަށް ދެއްކުން އަހަރެންގެ މަޤްސަދަކީ. އެއީ އަހަރެން އޭނާއާއެކު އުޅުމުގެ މަޤްސަދަކީވެސް… ކިތަންމެ ފަހަރަކު ރަޒާން ކައިރީގައި ބުނަން މަސައްކަތް ކުރިން. އެކަމަކު އަހަންނަށް އެ ފުރުސަތެއް ނުލިބޭ… ރަޒާން ވިސްނާބަލަ... ލޯބިވާ މީހާ ކައިރީގައި އެކަހަލަ ވާހަކައެއް ދައްކާނީވެސް ކިހިނެއް؟ ހަމަ ހަޤީގަތުގައިވެސް އަހަރެން ލޯބިވަނީ ރަޒާން ދެކެ. އޭނަ ބޭޒާރުކޮށްލަން އަހަރެން ބޭނުން. އެހެން ނޫނީ އަހަރެން ފަދަ އެތައް އަންހެން ކުދިންނަކަށްވެސް އޭނަ ހަމަ ހަދާނީ މިހެން." ރޭވުންތެރިކަމާއެކު، ސަޖާ ވާހަކަ ދައްކަމުން ދިޔައެވެ. އޭނާގޭ ބޭނުމަކަށް ވީ އެ މަޅީގައި ރަޒާން ރަނގަޅަށް ޖެއްސުމެވެ.

ހަޤީގަތުގައި ސަޖާ ރަޒާންއާއެކު އުޅެނީވެސް ފައިސާގެ ދަހިވެތިކަމުގައެވެ. ރާދިންހާ މުއްސަނދި ނޫނަސް ރަޒާންގެ ބައްޕައަކީވެސް ރާއްޖޭގެ ބައެއް ރަށްތަކުގައި ގެސްޓް ހައުސް ވިޔަފާރި ހިންގާ މީހެކެވެ. އެހެންކަމުން ރަޒާންމެންވެސް ހިމެނެނީ މުއްސަނދިންގެ ލިސްޓުގައެވެ. ރާދިންއާ އެހާ ބޮޑަށް ގާތްވާން ބޭނުންވަނީ ރަޒާންއަށް ވުރެ މުއްސަނދިވުމުންނެވެ. އެހެންނަމަވެސް ކަންވީ ގޮތުން ސަޖާއަށް ޖެހުނީ ރަޒާންއަށް ވެސް އޮޅުވާލާށެވެ. ފަހުން ކަންތައްވާނެ ގޮތަކާ ދޭތެރޭ ނުވިސްނާ އޭނާ ބެލީ ކޮންމެ ކަމަކުންވެސް ވަގުތީ ފައިދާ ހާސިލްކުރެވޭތޯއެވެ. ވީވެސް އެހެންނެވެ. ސަޖާގެ މަކަރުވެރި ރޭވުމުގައި ރަޒާން ޖެހުނެވެ. އޭނާ ސަޖާ ދެކެ ވާ ލޯބީި ސަޖާގެ ވާހަަކަތައް ގަބޫލުކުރުވަން މަޖުބޫރުކުރުވައިފިއެވެ.

ސަޖާ ރޮމުން ސޯފާގައި އިށީނދެ ދެއަތުގެ ތެރޭގައި މޫނު ފޮރުވާލިއެވެ. އޭނާ ބޭނުންވީ އެކަމުން އަމިއްލަ މީހާއަށް ކޮށްފައިވާ އަސަރު ރަޒާންގެ ކުރިމަތީގައި ހާމަކޮށްލާށެވެ. އެމަންޒަރު ބަލަން ކެތް ނުކުރެވުނު، ރަޒާންއައިސް ސަޖާގެ ކައިރީގައި އިށީނދެފައި ސަޖާގެ އުނަގަނޑުގައި ހިފާ އޭނާއާ ކައިރިކޮށްލިއެވެ.

"ރަޒާން ބުނެބަލަ އަހަރެން ހަދަންވީ ގޮތެއް. އަހަރެން މިހުރީ ގޮތް ހުސްވެފައި. އަހަންނަށް ދިން އަނިޔާއެއް އޭނާއަށް ދޭންވެސް އަހަރެން ބޭނުން. އެ އަންހެން ކުއްޖާއާ އޭނައާ ދުރުކުރުވަން އަހަރެން ބޭނުންވަނީ…"

"ސަޖާ ތި ވިސްނަނީ ކޮން ގޮތަކަށް ކަންތައް ކުރަން. އަހަންނަށް އެނގޭ އެއްޗަކީ ތިގޮތަށް އޭނައާ ވާހަކަ ދައްކައިގެން ބަދަލު ނުހިފޭނެކަން. އޭނަ އުޅޭނެ ގޮތަކަށް އުޅެން ބަހައްޓަބަލަ!" ރަޒާން ބުނެލިއެވެ.

"ނޫން. އަހަންނަށް އޭނަ ދިން އަނިޔާއާ ވޭނުން ހަމަޖެހިގެން އުޅުމުގެ ފުރުސަތު އޭނައަށް ހައްޤެއް ނޫން. އަހަރެން ކޮންމެ ގޮތަކުންވެސް އޭނަގެ ހަމަޖެހުން ގެއްލުވާލާނަން. އަދިވެސް އެ އުޅެނީ އެ އަންހެން ކުއްޖާއާއެކު އުޅެމުން އަހަރެންގެ ފަރާތުން ވެސް އުފާ ހާސިލްކުރެވޭތޯ... " ސަޖާގެ ނޭފަތް އެތެރެއަށް ދަމައިލަމުން ބުނެލިއެވެ.

"ދެން އެކަމާ ނުވިސްނާ… އެކަމަކު ސަޖާ ކުރާ ހުރިހާކަމެއް ވެސް މީގެ ފަހުން އަހަންނަށް އަންގަންވާނެ… އޭނަ ސަޖާއަށް ދިން ހިތާމަތަކަށްވުރެ ބޮޑަށް އަހަރެން ސަޖާއަށް ލޯބިދޭނަން....... އެކަމަކު ތިގޮތަށް އަބަދު އުޅޭނީވެސް ކިހިނެއް؟ ތި ބުނާ ފަދަ ހެއްކެއް ހޯދާނީ ކިހިނެއް؟ އެހެން ފިރިހެނަކާއެކު ސަޖާ އުޅޭތަން ބަލަން އަހަރެން ކެތްކުރާނީ ވެސް ކިހިނެއް؟" ހަޤީގަތުގައި ރަޒާން ހުންނަނީ ސަޖާއާ ހެދި މޮޔަވެފައެވެ. ކޮންމެ ގޮތަކުންވެސް ސަޖާ އޭނާގެ މީހަކަށް ހެދުމަކީ ރަޒާން ބޭނުންވާ ކަމެެކެވެ. ސަޖާ މަސަލަސް ކުރުވާފައި އޭނާ ސަޖާ ގާތު އޭނާއާއެކު ބޭރަށް ދާނަންތޯ ސުވާލުކޮށްލުމުން ސަޖާ ބޯ ޖަހައިލިއެވެ. ސަޖާ ދިޔައީ ވަރަށް ރަނގަޅަށް އޭނާގެ ބޮލުގެ ބޭނުން ކުރަމުންނެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ސަޖާގެ އުނދަގުލެއް ރާދިންއަށް ނުވާތީ އޭނާ ހުރީ ހަަމަޖެހިފައެވެ. ރާދިން ހީކުރީ ސަޖާގެ އޭނާގެ ޙަޔާތުން އަބަދަށްޓަކައި ވަކިވީކަމަށެވެ. އޭރު އޭނާއަށް ނޭނގުނު ކަމަކީ ސަޖާގެ ފަރާތުން ދެން އޭނާގެ ޙަޔާތަށް އަރާނެ ލޮޅުމަކުން ސަލާމަތްވުމަކީ ފަސޭހަކަމަކަށް ނުވާނެކަމެވެ.

މައާލްއާ ރާދިންގެ ދެމެދުގައި ލޯތްބާއި އޯގާތެރިކަން އޭގެ އިންތިހާގައި ވެއެވެ. އެކަކު އަނެކަކު ދެކެ އެހާ ލޯބިވެއެވެ. އެހާ އަޅާލައެވެ. މުނީރު ރާއްޖޭން ބޭރުގައި އުޅެފައި އައުމާއެކު ރާދިން މުނީރު ގާތު ޒާހިދު ބަލި ވާހަަކަ ބުންޏެވެ. އަދި ޒާހިދުގެ ބަދަލަށް ޒާހިދުގެ ފިރިހެން ދަރިފުޅަށް އެ ވަޒީފާ ދިންކަމުގައި ވެސް ރާދިން ބުންޏެވެ.

"ބައްޕައަށް ޔަޤީންވޭ ދަރިފުޅު ނަގާ ޑެޒިޝަން ރަނގަޅުވާނެކަން. މިއަދު ހަޤީގަތުގައި ބައްޕަވަރަށް އުފާވޭ… ރާދިންގެ ފަރާތުން ފެންނަން ބޭނުންވި ހުރިހާ ސިފަތަކެއް ބައްޕައަށް ފެނިއްޖެ. ދަރިފުޅާއި މައާލްއާ ދެމެދު މިއަދު ތި އޮތީ ބައްޕަ ބޭނުންވާ ފަދަ ގުޅުމެއް. އަބަދުވެސް އެދެނީ ތި ދެ ކުދިން އެކުގައި ވުމަށް. " މުނީރުގެ އަޑުން އޭނާ އުފާވެފައިވާ މިންވަރު ހާމަވަމުން ދިޔައެވެ. ހަމަ ހަޤީގަތުގައިވެސް އޭނާ ހުރީ ނުހަނު އުފާވެފައެވެ. ރާދިންގެ ހަރުދަނާކަން އޭނާއަށް ހަމަޖެހުން ގެނުވިއިރު، އެ ހުރިހާ ޝުކުރެއްގެ ހައްޤުވެރިއަކީ މައާލްކަން އޭނާ ހަނދާންނައްތައެއް ނުލައެވެ. މައާލްއަށް އިތުބާރުކޮށްފައި ނަމަވެސް، ރާދިންއަށް އޭނާއާ ވަކިން އުޅުމުގެ ހުއްދަ ދެވުމަކީ މިހާތަނަށް އޭނާއަށް ކުރެވުނު އެންމެ ރަނގަޅު އެއްކަންތައްކަމުގައި މުނީރަށް ޔަޤީން ކުރެވުނެވެ. ދެން އޭނާ ބޭނުންވަނީ އަލުން އަނބުރާ އެ ދެމީހުން އޭނާއާ އެއްގެއަކަށް ބަދަލުވުމަށެވެ. އެ ވަގުތު އެ ވާހަކަތައް ރާދިންގެ ކައިރީގައި ދެއްކުމުގެ ބަދަލުގައި އޭނާ ބޭނުންވީ އެ ވާހަކަތައް މައާލްއާ ދައްކާށެވެ. މައާލްގެ ވާހަކަތައް ރާދިން އަޑު އަހާ އެއާ ދޭތެރޭ ވިސްނާކަން މުނީރަށް އެނގެއެވެ. އެހެންނަމަވެސް، އަދި ވެސް އެ ދެމީހުންނަށް ވަގުތުކޮޅެއް ދޭން އޭނާ ބޭނުންވެއެވެ. މައާލް ހުއްޓާ ރާދިން ގޯސް މަގަކުން ނުދާނެކަމުގެ ޔަޤީންކަން އޭނާއަށް އޮތުމާވެސް އެކުގައެވެ.

"އަޅުގަނޑު އެބަ ވިސްނަން މައާލް ގޮވައިގެން ބޭރަށް ގޮސްލަންވެސް. އެކަމަކު ހިތަށް އަރަނީ، މައާލްއަށް ހަޤީގަތް ކިޔައިދީފަބާއޭ ދާނީ. ނޫނީ ގޮސްފަ އައިސް ބާއޭ ކިޔައިދޭނީ…" ރާދިން މުނީރުގެ ޚިޔާލެއް ބޭނުންވިއެވެ.

"މިހާރު މައާލްގެ ބައްޕައާ ބާހަކަ ދެއްކީތަ؟" މުނީރަށް ސުވާލުކޮށްލެވުނެވެ.

"ނޫން. އެކަމަކު ވަރަށް އަވަހަށް އެ ރަށަށް ދާނަން. މައާލްއަށް ހަޤީޤަތް ކިޔައިދޭން އެމީހުން ކޮންވިންސް ކުރުވާނަން…" ރާދިން ޔަޤީންކަން ދިނެވެ. އެވަގުތު ޒާހިދާ އޭނާއާ ދެމެދު ދެކެވުނު ވާހަކަތައް ހަނދާންވުމާއެކު، އެ ވާހަކަ މުނީރާ ހިއްސާކުރަން ހިތަށް އެރިނަމަވެސް، ރާދިން ހިމޭންވިއެވެ. އެ ވާހަކަތައް ބުނެގެން މުނީރު އިތުރަށް ހާސްކުރާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން އެ ވާހަކަތައް އޭނާ މުނީރާ ހިސާބަށް ގެންދަން ބޭނުންވީ އެއީ ކާކުކަން ހޯދުމަށް ފަހުއެވެ.

"އަނެއްކާ، މައާލް ބޭނުންވީތަ ރާއްޖޭން ބޭރަށް ގޮސްލަން…" މުނީރު ސުވާލުކޮށްލިއެވެ.

"ނޫން… އަޅުގަނޑު ބޭނުންވަނީ ދާން… މި ދިޔަ ދުވަސްތަކުގައި ވަރަށް ގިނަ ހޮސްޕިޓަލްތަކާ ވާހަކަ ދެއްކިން. ވަރަށް ގިނަ ޑޮކްޓަރުންނާވެސް ވާހަކަ ދެކެވުނު. އެއްވެސް ތަނަކުން މައާލްގެ ލޮލަށް އަލުން ފެނުމާމެދު އެއްވެސް ކަހަލަ އުންމީދެއް ނުދިން. އިތުރު ޓެސްޓެއް ހެދުމަކީ ވެސް ބޭކާރުކަމެއްކަމުގައި އެމީހުން ބުނީ… މައާލްގެ ފެނުމާ ގުޅޭ ހުރިހާ ނާރެއް ހަލާކުވެފައިކަމަށް އެންމެންވެސް ބުނީ. އެކަމަކު ލަންޑަންގެ އެއް ހޮސްޕިޓަލުން އަލުން ޓެސްޓްތައް ރިޕީޓްކުރަން ބުނެފަ އިނީމަ ހިތަށް އެރީ ގޮސްލާނިއްޔޭ…" ރާދިން ބުނެލިއެވެ.

"ބައްޕަވެސް ވަރަށް މަސައްކަތް ކުރިން. އެމީހުން ބުނީ ޓެސްޓް ހަދާފައި އެވަނީ ލަންޑަންގެ އެންމެ ރަނގަޅު އެއް ހޮސްޕިޓަލުން ކަމުގައި. އަދި މައާލްގެ ޑޮކްޓަރަކީ އެ ފީލްޑްގައި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ޕްރޮފެސަރއެއްކަމަށް. އެެހެންކަމުން އިތުރަށް މަސައްކަތް ކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމުގައި. ތިގޮތަށް މައާލްއަށް އުންމީދެއް ދީފައި ދެން ނުފެނުނީމަ އަނެއްކާވެސް މައާލްގެ ހިތް ހަލާކުވުން ނޫންކަމެއް ނުވާނެ. އެކަމަކު..... ރާދިން ތި ބުނީވެސް ރަނގަޅު ވާހަކައެއް. އަދި އެއްފަހަރު ޓެސްޓް ހަދާލުން ވެސް ރަނގަޅު ކަންނޭނގެ ދޯ…" މުނީރަށް ބުނެވުނެވެ. އޭނާގެ އަޑުން މާޔޫސްކަން ފާޅުވަމުން ދިޔައެވެ.

"އަޅުގަނޑު މައާލްއާ ވާހަކަ ދައްކާނަން. ދުވަހަކު މައާލްގެ ލޮލަށް ނުފެނުނު ނަމަވެސް، އަޅުގަނޑު މައާލްއާ ވަތްކެއްނުވާނަން. އެއަށްވުރެ ބޮޑަށް އަޅުގަނޑު މައާލްދެކެ ލޯބިވޭ…" ރާދިންއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އެކަމަށް އޭނާގެ މުޅި ނަފްސުވެސް އިޤުރާރުވެއެވެ. މުނީރު ހަމައެކަނި ހިނިތުންވެލީއެވެ. ބުނެވުނު އެތިން ރާދިން ލަދުގަތްކަންވެސް މުނީރަށް އެނގުނެވެ.

ދޮރުވާނަކަށް ހުންނަ މީހާ ހުންނަ ތަނާ ގެއާ ކަނެކްޓް ކޮށްފައިހުރި ފޯނަށް ކޯލެއް އައުމާއެކު، އެތަނުގައި ހުރި ގްރޭސީއަށް ރާދިން އިޝާރާތްކޮށްލީ ފޯނަށް ޖަވާބު ދިނުމަށެވެ. މިހާރު ރާދިންވަނީ ކޮންމެ ވަގުތަކު ކޮންމެ މީހަކު އަޔަސް، ގުޅާފަ ހުއްދަ ލިބިގެންނޫނީ ގެއަށް ނުވައްދަން ދޮރުވާނަކަށް ހުންނަ މީހާއަށް އަމުރުކޮށްފައެވެ.

"ކާކު؟"

"ފުއާދީ..." ގްރޭސީއަށް އޭނާ ބުނި އެއްޗެއް ރަނގަޅަށް ނޭނގުނީކަމެއް ނުވަތަ ބުނަން ނޭނގުނީކަމެއް ނޭނގުނެވެ. އޭނާ އެހެން ބުނުމާއެކު، ރާދިން އެމީހަކު އެތެރެއަށް ވެއްދުމަށް ބުނެލިއެވެ.

"އޭނަގެ އަނތްބެއް، ދަރިއެއްވެސް ނުހުންނަނީތަ؟" ރާދިން މުނީރާ ސުވާލުކޮށްލިއެވެ.

"އޭނާގެ މުޅި އާއިލާ އުޅެނީ ލަންކާގައި. އެއީ ވަރަށް ދިގު ވާހަކަތައެއް… ފަހުން ކިޔައިދޭނަން…" މުނީރު ބުނެލިއެވެ. އިތުރަށް ވާހަކަ ނުދެއްކި އުޅެނިކޮށް ފުއާދު އައިސް ގެއަށް ވަނެވެ.

"މުނީރު…" މުނީރާ ގާތްވެފައި ސަލާމަށް އަތް ދިއްކޮށްލުމާއެކު، މުނީރު ސަލާމްކޮށްލިއެވެ.

"މައާލް އެބަ އުޅޭތަ؟" ރާދިންއަށް ބަލައިލާފައި ފުއާދު ސުވާލުކޮށްލިއެވެ.

"މައާލްއަށް ނިދިފައި އޮތީ…" އެހެން ބުނެލާފައި ރާދިން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ރާދިން އޭނާ އެގެއިން ފެނުމުން ހިތްހަމަ ނުޖެހުނުހެން ފުއާދަށް ހީވުމާއެކު އޭނާ މުނީރާ ސުވާލުލޮށްލިއެވެ.

"ކަމަކާ ހިތްހަމަނުޖެހިފަތަ؟ އަހަރެން އައިމަ ތަ އެ ދިޔައީ؟"

"ނޫނޭ… އެވާނީ ފުއާދު އައިމަ މައާލް ހޭލާތޯ ބަލައިލަން ދިޔައީކަމަށް. ކޮބާ ހާލަކީ؟" މުނީރުގެ އެ ސުވާލަށް ފުއާދު ޖަވާބު ދިނީ އޭނާ އެންމެ ރަނގަޅު ކަމުގައި ބުނެއެވެ.

"އެހެންވިއްޔާ ތި ވީ…" މުނީރު ބުނެލުމާއެކު، ފުއާދު ހިނިތުންވެލިއެވެ.

"މައާލްގެ ކިބައިން އަހަރެން މާފަށް އެދުނިން. އަހަންނަށް ކުރިން ކަންތައް ކުރެވުނީ ގޯސްކޮށްކަން އެނގުނީ ބޭބެ ނިޔާވިފަހުން. މީހުން ބުނެއެއްނު ގިނަފަހަރަށް ވިސްނޭނީ ވަގުތު ފާއިތުވާފަހުންނޭ… އަހަންނަށްވެސް ވީ އެހެން. އެހެންވީމަ މިއަދު އަހަރެން ބޭނުންވޭ މައާލްއާ ގުޅުން ރަނގަޅު ކުރަން. ކޮންމެ ގޮތެއް ވިޔަސް މައާލްއަކީ އަހަރެންގެ ބޭބެގެ ދަރިފުޅު. މައާލްއަށް ދެރައެއް ލިބޭކަށް އަހަރެންވެސް ބޭނުމެއް ނޫން. މައާލްގެ އެ ޙާލަތާ މެދު އަހަރެން ވަރަށް ކަންބޮޑުވޭ.." ފުއާދުގެ އަޑުގައިވެސް ވަނީ ކަންބޮޑުވުމެވެ.

"ފުއާދު ހާސްވާނެކަމެއް ނެތް. މައާލްއަކީ މިހާރު ރާދިންގެ ހިމާޔަތުގެ ދަށުގައިވާ ކުއްޖެއް. އޭނަ މައާލްއަށް ދެރަގޮތެއް ވިޔަކަ ނުދޭނެ. ކުންފުނީގެ ހުރިހާކަމެއްވެސް ބަލަމުންދަނީ ރާދިން." މުނީރު ބުނެލިއެވެ. އެކަމާ އުފާކުރާކަމުގައި ފުއާދު ބުންޏެވެ. އޭނާ ހިނިތުންވެލިއެވެ. ދިޔަގޮތަށް ރާދިން ނައުމުން، އެންމެ ފަހުން ފުއާދު އެގެއިން ނުކުތެވެ. މުނީރު އެގެއިން ދިޔައީ ރާދިންއާއެކު ރޭގަނޑުގެ ނާސްތާކުރުމަށްފަހުއެވެ.

****

ހެނދުނުގެ އިރުގެ އަލި ދުނިޔެ މައްޗަށް އަތްގަދަކުރަމުން ދިޔައީ ފަތިހުގެ ތެތްފިނިކަމުގެ މައްޗަށް ކުރި ހޯދަމުންނެވެ. ޖައްވުގެތެރޭގައި ވި ފިނިކަން މަޑުމަޑުން ކެނޑެމުން ގޮސް އަށެއްޖެހިއިރު، ފަޒާގައި ކޮންމެވެސް ވަރެއްގެ އުދާސްކަމެއް ހިފާލާފައިވަނީ ހޫނު ގަދަ ދުވަހަކަށް ވީތީއެވެ. ރާދިން އޮފީހަށް ދިޔައީ ސައިކަލުގައެވެ. ޕާކުކޮށްލާފައި ސައިކަލުން ފޭބި ވަގުތު، މާހިލްވެސް އޭނާގެ ކާރުން ފައިބަނީއެވެ.

މާހިލް ފެނުމާއެކު، ރާދިން މާހިލްއަށް ގޮވައިލިއެވެ. ދެމީހުން އޮފީހަށް ވަންނަން ދިޔައީ އެއްކޮށެވެ. މާހިލްއާ ރާދިންގެ އެކުވެރިކަން ބަދަހިވެ އެއްވެސް ޖެހިލުމެއްނެތި ކަންތައްތައް ދެމީހުންވެސް ހިއްސާކުރެއެވެ. އޮފީހަށް ވަދެ ކާޑު ޖަހާލާފައި ދެމީހުންވެސް ބޭނުންވީ ބޭރުން ކޮފީއެއް ބޯލަން ދިޔުމަށެވެ. އޮފީހުގައި ކޮފީ ބޮވެން ހުރިނަމަވެސް، ބޭރުން ކޮފީ ބުއިމުން ލިބޭ ހިތްހަމަޖެހުން ބޮޑުކަމުން އޮފީސް ކައިރި ކެފޭއަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދެމީހުން ދެއެވެ. ވިޔަފާރީގެ އެކިއެކި ވާހަކަތައް ދައްކައެވެ. ޒުވާނުންކަމުން އެ ސިކުނޑިތަކުގައި ތަނަވަސް ޚިޔާލުތައް ވެއެވެ. ކުންފުންޏަށް ފައިދާވާނެ އެކިއެކި ޕްރޮޖެކްޓްތަކުގެ ޕްލޭންތައް ވެއެވެ. ފައިދާވާ އެހެން ވިޔަފާރިތަކަށް ވެސް ކުންފުނި ހުޅުވާލުމުގެ ވިސްނުން އެ ދެމީހުން ގެންގުޅެއެވެ. ގާނޫނީ ގޮތުން ދިމާވާ އުނދަގޫތަކުގައި މާހިލް އޭނާގެ ބައްޕަ ޒާހިދުގެ އިރުޝާދާއި ލަފާ ހޯދައެވެ. ކަމެއް ބޭނުންވެއްޖެނަމަ ރާދިން ވެސް ޒާހިދާ ވާހަކަ ދައްކައެވެ. އޭނާގެ އުންމީދަކީ އެ ކުންފުންޏަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ ކުންފުންޏަކަށް ހެދުމެވެ.

ދެމީހުންވެސް ގޮސް އޯޑަރު ދިނީ ލަވާޒާ ކޮފީ އަކަށެވެ. އެކި އެކި ވާހަކަތަކުގައި މަޝްއޫލުވެގެން ތިއްބާ ރާދިންއަށް ފޯނު ކޯލެއް އައެވެ. އޮފީހުން އޭނާގެ ސޮއި އާޖެންޓްކޮށް ބޭނުންވެގެން ގުޅުމުން ރާދިން އޭނާ ދާން ޖެހުނީއެވެ. މާހިލް ރާދިންއާއެކު ދާން އުޅުނުނަމަވެސް ރާދިން އެކަމަށް އިންކާރުކުރިއެވެ.

"ކޮފީ ވެސް ތިހުރީ ގެނައި ގޮތަށް އަދި. މާހިލް ކޮފޯ ބޯލައިގެން ހަމަޖެހިގެން އާދޭ…" ރާދިން އެހެން ބުނެލާފައި އެތަނުން ނުކުންނަން ހިނގައިގަތެވެ. ނުކުތްތާ މާގިނައިރެއްނުވެ އޮފީހުން ގުޅާފައި އޮޅުމެއްކަމަށާއި، ރާދިންގެ ސޮއި ކުރެވިފައިވާ ކަމަށް ބުނުމުން ރާދިން އަލުން ތެރެއަށް ވަންނަން ހިނގައިގަތެެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެ މޭޒާ ދިމާލަށް ހިނގައިގަތް ވަގުތު އޭނާގެ ލޮލުގައި އަޅައިގަތް މަންޒަރާއެކު، ދެބުމަ ގާތްވެލިއެވެ. ރާދިން ނިވާވެލީ އޭނާ އެތަނުގައި ހުރިކަން އަންގަން ބޭނުންނުވީތީއެވެ. ފުދޭވަރަކަށް ބޮޑު ތަނެއްކަމުންނާއި މޭޒުތައް އަތުރާފައިވާ ގޮތުން އެކަން ކުރަން އޭނާއަށް ފަސޭހަވިއެވެ.

ރާދިން ބަލަން ހުއްޓާ އެ މީހަކު، އިންތަނުން ތެދުވެގެން އައިސް އިށީނީ މާހިލް އިން މޭޒުގެ ކައިރީގައި ހުރި ގޮނޑީގައެވެ. އެއާއެކު، މާހިލްއަށް ވެސް އިސް އުފުލާލާ އެމީހަކަށް ބަލައިލެވިއްޖެއެވެ. އެއީ މެދު އުމުރުގެ މީހެކެވެ. އެއީ ހަމަ ގައިމުވެސް ކޮންމެވެސް ތަނަކުން ފެނުނު މީހެކެވެ. ރަނގަޅަށް ހަނދާންކޮށްލުމާއެކު، އެމީހަކު ފެނުނުތަންވެސް މާހިލްގެ ހަނދާނަށް އަތުވެއްޖެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު