ކައިވެނި ކޮށްގެން އުޅޭތާ 27 އަހަރަށް ފަހު ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ހިއޫ ޖެކްމަން އާއި އޭނާގެ އަންހެނުން ޑެބީރާ ލީ ވަރިވާން ނިންމައިފިއެވެ.
ދެމަފިރިން ދާދި ފަހުން "ޕީޕަލް" މެގަޒިންއަށް ހިއްސާކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ ދެމަފިރިންގެ ކައިވެނީގެ ގާތްގަނޑަކަށް 30 އަހަރުގެ ދަތުރަކީ ވަރަށް ލޯބީގެ ދަތުރެއް ކަމަށެވެ. ނަމަވެސް ދެމީހުންގެ މިސްރާބު މި ވަގުތު ހުރީ ދެ ގޯލަކަށް ކަމަށްވާތީ ދެ މީހުންގެ ކުރިއެރުމަށް ކައިވެނި ނިމުމަކަށް ގެނައުމަށް ވިސްނާފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ދެ މީހުން ވަރިވާން ނިންމި ނަމަވެސް މި ދިގު މުއްދަތުގެ ތެރޭގައި ބިނާކޮށްފައިވާ އާއިލާއަކީ ދެ މީހުން ވެސް އެންމެ އިސްކަން ދޭނެ އެއް ކައްތައް ކަމުގައި ވަނީ ބުނެފައެވެ.
މި ދަނޑިވަޅުގައި ދެ މީހުންގެ ޕްރައިވެސީއަށް ވެސް ބެލުމަށް ވަނީ އާންމުންގެ ގާތުން އެ ބަޔާނުގައި އެދިފައެވެ.
ދެ މީހުން އެންމެ ފުރަތަމަ ދިމާވެފައިވަނީ ޖެކްމަން އުފަން އޮސްޓްރޭލިއާގެ ޝޯއެއް ކަމަށްވާ "ކޮރޭލީ"ގެ ޝޫޓިންގެ ތެރެއިންނެވެ. ދެ މީހުން ވެސް އެކްޓު ކުރަމުން ދިޔައީ އެއް ޝޯއެއްގައެވެ. މިއީ ޖެކްމަންގެ އެކްޓިންގެ އެންމެ ކުރީ ކޮޅުގައެވެ. އެގޮތުން ކޮރެލީގެ ޝޫޓިންގެ ތެރެއިން ދެމީހުން ދިމާވީ 1995 ވަނަ އަހަރުގައެވެ.
އެއަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވެ ދެ މީހުން ވަނީ ކައިވެނި ކޮށްފައެވެ. ދެ މީހުން ކައިވެނި ކުރި އިރު ޑެބޯރާއަކީ އޮސްޓްރޭލިއާގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެކްޓަރެކެވެ. އަދި ޖެކްމަން އަކީ ގިނަ ބަޔަކަށް އެ ދުވަސްވަރު އެނގިފައިވާ ތަރިއެއް ނޫނެވެ.
ދެ މީހުންގެ ކައިވެންޏަށް 27 އަހަރު ވީއިރު ދެމަފިރިންގެ ދެ ދަރިން ތިބެއެވެ. އެއީ 23 އަހަރުގެ އޮސްކާ އާއި 18 އަހަރުގެ އޭވާއެވެ.
ޖެކްމަން އާއި ޑެބޯރާ ވަރިވާން ނިންމި ނަމަވެސް ދެމީހުންގެ ވަރީގެ ކަންތައްތައް ކުރިއަށް ގޮސްފައި އޮތް ހިސާބެއް ހާމަކޮށްފައެއް ނުވެއެވެ.